އަމިއްލަ މަންފާއެއް ނެތި ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެވޭނީ ހަމައެކަނި އެ މަނިކުފާނަށްކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނ. މާފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު މިއަދު ވިދާޅުވީ މީގެ ކުރިން ރައްޔިތުން މަސައްކަތް ކުރަނީ ހުރިހާ އެންމެން ގުޅިގެން އެއިރަކު ހުންނަ ވެރިޔަކު ދެވަނަ ދައުރަކަށް އިންތިހާބުވިޔަ ނުދިނުމަށް ކަމަށެވެ. ނަމަވެސް ރައްޔިތުން ބޭނުންވަނީ މި ސަރުކާރު ދެވަނަ ދައުރަކަށް ދަމަހައްޓަން ކަމަށް ރައީސް ވިދާޅުވިއެވެ.
"މިފަހަރު ތަފާތު. އެ ތަފާތު ފެނިގެންދިޔައީ އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތްތައް ރައްޔިތުން ގަބޫލުކުރާތީ. ސަރުކާރަށް އިތުބާރުކުރާތީ. ވީ ވައުދުތައް ފުއްދަމުންދާތަން ހުރިހާ ރައްޔިތުންނަށް ފެންނަމުންދާތީ. އެހެންވީމާ ކުރިއާ ހިލާފަށް މިއަދު ހަމައެކަނި ކޯލިޝަނެއް ހަދައިގެން ރިޔާސީ އިންތިހާބަށް ނުކުތުމުގެ ފުރުސަތު ލިބިފަ މިއޮތީ މިއަދު ވެރިކަމުގެ އޮތް ޕާޓީއަށް، އަޅުގަނޑުމެންނަށް. އެއީ ތަފާތަކީ. އެހެން ބޭފުޅުން ވަރަށް މަސައްކަތް ކުރެއްވި ބައިވެރިވާނެ މީހަކު ވޭތޯ. ރެއާއި ދުވާލު އެއް ރަށުން އަނެއް ރަށަށް ރިސޯޓުތަކަށް ގޮސް މަޝްވަރާކޮށްފަ، ފޮޓޯތައް ފެނޭ އަޅުގަނޑުމެންނަށް. ޕްރެސް ކޮންފަރެންސްތައް ވެސް ބޭއްވި، ދެ ޕާޓީ ތިން ޕާޓީ އެއްވެގެން. މާދަމާ ސޮއިކުރާހެން ހީވި. ނަމަވެސް ކޮންމެ މީހަކު ވަކިވަކިން، ބައިވެރިވާނެ އެކަކުވެސް ނެތް" ރައީސް ވިދާޅުވިއެވެ.
"އެހެންނޫންތޯ ވާނީ، އެއިން ކޮންމެ ބޭފުޅަކު ބޭނުންވަނީ ވެރިކަން ނޫނީ ބޮޑުވަޒީރުކަން. މިވަރުގެ ބަޔަކަށް ކިހިނެއްތޯ އެއްބައިވެގެން ކަމެއް ކުރެވޭނީ. އަދި ވެރިކަން އެއިން ބޭފުޅަކަށް ލިބުނަސް އަޅުގަނޑަށް ހަމަ ޔަގީން ރައްޔިތުންނަށް ކޮށްދޭނެކަމެއް ނޯންނާނެ. އަމިއްލައަށް ބޭނުންވާ ކަންތައްތައް ނޫންކަމެއް ކުރާނެ މީހަކު މިފަހަރު މި އިންތިހާބުގަ އަޅުގަނޑު ނޫނީ ނެތް. އަޅުގަނޑު ޔަގީންކަން މިދެނީ ތިހުރިހާ ބޭފުޅުންނަށް ސިޔާސީ ގޮތުން އަޅުގަނޑު ބޭނުންވާ އެއްވެސްކަމެއް ދެން ނެތް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިޔާސީ ގޮތުން ދެން އިތުރަށް އަރާވަޑައިގަންނަނާވެނެ ހަރުފަތެއް ނެތް ކަމަށެވެ. ހުރިކާ ކަމެއް އެ މަނިކުފާނަށް ވަނީ ފުރިހަމަވެފައިކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނުގެ ހަމައެކަނި މަގުސަދަކީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނިންމުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުން އިތުރަށް ބޭނުންވާ ކަންކަން ކުރިއަށް އޮތް ފަސް އަހަރުގައި ކޮށްދިނުންކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެ ނޫން އެހެން އެއްވެސް މަގުސަދެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ. ތިންވަނަ ފަހަރަށް އެމްޑީޕީ ހިމެނޭ ވެރިކަމެއް ގާއިމުކުރުމުގެ ފުރުސަތު ރައްޔިތުން ދެއްވާނެކަމަށް ޝައްކު ނުކުރައްވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑީއޭގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމުއާ ސިންގަޕޫރުގައި ބައްދަލުކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ. އެއިރު އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ސިޔާމަށް ކެރިވަޑައިނުގަތީ އެއިރުގެ ބިރުވެރިކަމާއި ނާމާންކަމުގެ ސަބަބުން އޭނާގެ ވިޔަފާރިއަށް ގެއްލުމެއް ލިބިދާނެތީ ކަމަށާއި ނަމަވެސް މި އިންތިހާބުގައި ކޯލިޝަން ހަދާނެކަމުގެ ޔަގީންކަން ސިޔާމު ދެއްވިކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންވީމާ "މީ އަލަށްކުރި ކައިވެންޏެއް ނޫންކަމަށް" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު