ނ. މާފަރުން، އެ އަތޮޅު އެހެން ރަށްތަކަށް ސީ ޕްލޭން އޮޕަރޭޓް ކުރެވޭނެ ގޮތާއި ނ. މާފަރަށް ޔޫރަޕުން ފުލައިޓު އަންނާނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މާފަރަށް ވަޑައިގެން ރައީސް މިއަދު ވިދާޅުވީ މާފަރު އެއާޕޯޓުގައި ތަރައްގީކުރާނެ ރަންވޭއަކީ ރާއްޖޭގައި އޮންނާނެ އެންމެ ދިގު ރަންވޭ ކަމަށެވެ. އަދި މާފަރު ވެގެންދާނީ ޓޫރިޒަމްގެ ހަބަކަށްކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވެރިކަމުގަ ހަމަ އެ އެއާޕޯޓު އެޅި ފަރާތުން އަޅުގަނޑާ ބައްދަލުކުރި. އެ ބޭފުޅުން ބޭނުންވީ އެއަށްވުރެ ބޮޑަށް އެކްސްޕޭންޑުކުރަން. އެ ހުށަހެޅި ހުށަހެޅުންތަކާއެކީގަ މިހާރު އެ ވަނީ އެ މަސައްކަތް ފެށިފަ. އެ އެއާޕޯޓު ނިމިގެންދާއިރު ވެގެންދާނީ އެ ވިދާޅުވާހެން ރާއްޖޭގާ އޮތް އެންމެ ދިގު ރަންވޭއަށް. އެ މީހުންގެ ތަސައްވަރެއް އެބައޮތް، އެ ހުރިހާ އެއްޗެއް އަޅުގަނޑުމެންނާ ހިއްސާކޮށްފަ އެބަހުރި. އަޅުގަނޑުމެން މަޝްވަރާތަކެއް ކުރަމުން އެބަދަން. ޔޫރަޕުން އެ ވިދާޅުވާހެން ސީދާ ފުލައިޓު މިތަނަށް އަންނާނެ. އަދި އިތުރަށް މި ސަރަހައްދުގަ ޓޫރިޒަމްގެ ބޮޑު އެކްސްޕެންޝަންއެއް ގެންނަން އެ ބޭފުޅުން ވަނީ ނިންމާފަ. އެއާ ގުޅިގެން ބައެއް ރަށްތައް އަޅުގަނޑުމެން ވަނީ އެ މީހުންނަށް ދޫކޮށްފަ. ލަސްތަކެއްނުވެ އެ މަސައްކަތް މި ސަރަހައްދުގަ ފެށިގެންދާތަން ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ" ރައީސް ވިދާޅުވިއެވެ.
"އަދި އެއާއެކީ އެ ބޭފުޅުން އަޅުގަނޑުމެންނާ ވާހަކަދައްކަމުން ދަނީ އެއާލައިނެއްގެ ވާހަކަ. އޭގެ ތަފުސީލެއް އަދި އަޅުގަނޑު މިއަދު ނުދިނަސް، ކަން ނިމިގެންދާއިރު މިތަންވާނެ އެ ބޭފުޅުން އެ ވިދާޅުވާ ފަދަ ހަބެއްގެ ގޮތުގަ. ހަމައެއާކީގެ އައިލެންޑު އެވިއޭޝަންގެ ސީޕްލޭންގެ ހިދުމަތް މިތަނުން އެކި ރަށްރަށަށް ފޯރުކޮށްދެވޭ ގޮތް ހެދުމަށްޓަކާ އަޅުގަނޑު މިދަނީ ޕްލޭނެއް ހަދަމުން"
ރައީސް ވިދާޅުވީ މާފަރު އެއާޕޯޓުގެ މަޝްރޫއަކީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ޝާހީ އާއިލާއަށް ގުޅިފައިވާ މަޝްރޫއެއް ކަމަށާއި އެހެންކަމުން ޕްލޭނާ އެއްގޮތަށް އެ މަސައްކަތް ދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ މާފަރަށް އިތުރަށް ކޮށްދެއްވާނެ ކަންކަމުގެ ތެރޭގައި އެ ރަށުގެ ސިއްހީ މަރުކަޒު ބޮޑުކުރުމާއި، މާފަރުގައި ހިއްކަން މިހާރު ހަވާލުކޮށްފައިވާ 20 ހެކްޓަރުގެ ބިމަށް އިތުރު 25 ހެކްޓަރުގެ އިތުރުކުރުން ހިމެނޭ ކަމަށެވެ. އަދި ސްކޫލުގައި ސައިންސް ލެބޯޓަރީއެއް ހެދުމާއި، ފުޓްބޯޅަ ދަނޑުގައި ލައިޓު ޖެހުމާއި ކައުންސިލްގެ އާ އިމާރަތް ހައްދަވައިދެއްވުން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. މާފަރުގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކޮށް ކުޑަކުދިންގެ ޕާކެއް ހައްދަވައިދެއްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު