ނ. ލަންދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އަމިއްލަ ގޯތީގައި ގެ ހަދަން ހާއްސަ ޕްރޮގްރާމެއް ހިންގަވައިދެއްވާނެ ކަމަށް އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ލަންދުއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވަނީ އެ ރަށަށް އިތުރު ގިނަ ވައުދުފުޅުތަކެއްވެސް ވެވަޑައިގެންފައެވެ. އެގޮތުން:
- އަމިއްލަ ގޯތިތަކުގައި ގެ ހަދަން ޕްރޮގްރާމެއް ހިންގުން
- ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުން
- ގޮނޑުދޮށް ހިމާޔަތްކުރުން
- ސިއްހީ މަރުކަޒުން ދޭ ހިދުމަތްތައް އިތުރުކޮށް 24 ގަޑިއިރަށް ހިދުމަތް ބަދަލުކުރުން
- ކޮމިއުނިޓީ ސެންޓަރަކާ އެކު އިންޑޯ ޖިމެއް ހެދުން
- ފުޓްސަލް ދަނޑު ތަރައްގީކުރުން
- ރަށުގައި ކުނި މެނޭޖުކުރެވޭނެ ޒަމާނީ ނިޒާމެއް ގާއިމުކުރުން
- މަސް މާރުކޭޓް ތަރައްގީކުރުން
- ކުޑަކުދިންގެ ޕާކު ތަރައްގީކުރުން
ރައީސް ވިދާޅުވީ، ޕީޕީއެމްގެ ސަރުކާރުގައި އޮތްއިރު ނ. އަތޮޅަށާއި ލަންދުއަށް ކުރެވުނު ކަންތައްތަކާއި އެމްޑީޕީގެ މި ސަރުކާރުގައި ކުރެވުނު ކަންތައް ވަރަށް ސާފުކޮށް ފެންނަން އެބަ އޮތް ކަމަށާއި ނ. އަތޮޅުގެ ތަރައްގީއަށް ޓަކައި ކުރެވިފައި އޮތް ކަމެއް ކުރެވުނީ އެ މަނިކުފާނުގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފާއި އެމްޑީޕީގެ މި ސަރުކާރުން ކަމަށެވެ.
އަދި ނ. އަތޮޅުން އެމްޑީޕީއަށް ކުރާ އިތުބާރު އެނގިގެން ހިނގައްޖެ ކަމަށާއި ނ. އަތޮޅުގެ މުސްތަގުބަލު ވަރަށް ފަހި ކަމަށާއި އަންނާނެ ތަރައްގީ ވަރަށް އުޖާލާ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު