ސްޕެނިޝް ލަލީގާ

ތިން ރަތް ކާޑު ފެނުނު މެޗުގައި ގެޓާފޭއިން ޗެމްޕިއަން ބާސާ ހިފަހައްޓައިފި

ސްޕެނިޝް ލަލީގާގެ އެންމެފަހުގެ ޗެމްޕިއަން ބާސެލޯނާއިން މި ސީޒަނުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ގެޓާފޭ ކައިރިން އެއްވަރު ވެއްޖެއެވެ.

ބާސާއިން ރަށުން ބޭރުގައި ގެޓާފޭއާ ދެކޮޅަށް ރޭ ކުޅުނު މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗު ހޫނުކޮށް ފެނިގެން ގޮސްފައިވާ އިރު، ޖުމުލަ ތިން ރަތް ކާޑު ފެނިގެން ދިޔައެވެ. އޭގެ ތެރެއިން އެއް ރަތް ކާޑަކީ ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒްއަށް ދެއްކި ރަތް ކާޑެވެ. ޒަވީއަށް ރަތް ކާޑު ދައްކާފައި ވަނީ ގެޓާފޭގެ ކުޅުންތެރިޔަކު އޭރިއާ ކައިރިން ބާސާ ކުޅުންތެރިޔަކަށް ކުރި ފައުލަކަށް ޝަކުވާ ކުރަން ލައިންސްމަން ގާތަށް ގޮސް، ވަރަށް ބޮޑަށް ޝަކުވާ ކުރުމުންނެވެ.

ޗެމްޕިއަން ބާސާއިން ރޭގެ މެޗަށް ނެރުނު ފުރަތަމަ 11 ގައި މި ސީޒަނަށް އެޓީމަށް އަލަށް ގެންދިޔަ އުމުރުން 32 އަހަރުގެ ޖަރުމަނު މިޑްފީލްޑަރު އިލްކޭ ގުންޑޮގަންއާއި އޮރިއިލް ރޮމޭއޫ ހިމަނާފައިވެއެވެ.

މެޗުގެ ކުރީކޮޅުގައި ބާސާގެ ފުރަތަމަ ފުރުސަތު ފަހިވީވެސް ގުންޑޮގަންއަށެވެ. ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތުގައި ގުންޑޮގަންއަށް ހުސްކޮށް ބޯޅަ ލިބުމުން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ސީދާ ކީޕަރު އަތަށެވެ. އެ ހަމަލާ ގުންޑޮގަން ފޮނުވާލިއިރު، އޭނާ އޮފްސައިޑް ކަމަށް ރެފްރީ ފަހުން ވަނީ ނިންމާފައެވެ.

އޭގެ ފަހުން ފުރަތަމަ ހާފުގައި ރަފީނިއާ ފޮނުވާލި ދެ ހަމަލާއެއްވެސް ގެޓާފޭގެ ގޯލްކީޕަރު މަތަކުރި އިރު، ގެޓާފޭން މަސައްކަތް ކުރީ ކައުންޓާގައި ބާސާއަށް ނުރައްކާ ކުރުމަށެވެ. އެޓީމުން ދެ ފަހަރެއްގައި ނުރައްކާކޮށް ފެނުނު އިރު، މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ބާސާގެ ރަފީނިއާއަށް ވަނި ރަތް ކާޑު ދައްކައިފައެވެ.

ގެޓާފޭގެ ގެސްޓޮން އަލްވަރޭޒް މޫނުމަތީގައި އުޅަނބޮށިން ޖެހުމުން ރަފީނިއާއަށް ރެފްރީ ސީދާ ރަތް ކާޑެއް ދައްކާފައިވާ އިރު، ދެވަނަ ހާފް ފެށިގެން 57 ވަނަ މިނެޓުގައި ގެޓާފޭގެ ޖައިމީ މާޓާއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައިފައެވެ.

މެޗުގެ ފަހު ހާފުގައި ހަމަލާތައް މަދުކޮށް ފެނިގެން ގޮސްފައިވާ އިރު، ޒަވީއަށް ރަތް ކާޑު ދެއްކީ 70 ވަނަ މިނެޓުގައެވެ. މެޗުގެ ފަހު ވަގުތުގައި ޖުއާން އިގްލޭސިއަސް ބާސާގެ ޑިފެންޑަރު ރޮނާލްޑް އަރައޫހޯއަށް އޭރިއާ ތެރެއިން ފައުލް ކުރި ކަމަށް ބާސާއިން ވަރަށް ބޮޑަށް ޝަކުވާ ކޮށްފައިވާ އިރު، ވީއޭއާރް ބަލައި ރެފްރީ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ.