ޚަބަރު

މަލަމަތި ބަދަލުވެއްޖެ، ރިޔާސީ އިންތިހާބު ބޮޑުތަނުން މުއިއްޒު ކާމިޔާބުކޮށްފި: އަދުރޭ

ރާއްޖޭގެ ރަށްރަށުގެ މަލަމަތި ބަދަލުވެ، އިދިކޮޅު ފަރާތްތަކަށް އޮތް ތާއީދު ބޮޑުވަމުންދާ ކަމަށާއި މިއަހަރުގެ ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ބޮޑުތަނުން ކާމިޔާބު ކުރައްވައިފިކަން އެނގިގެން ހިނގައްޖެ ކަމަށް އެ ކޯލިޝަން ހިންގެވުމާ ހަވާލުވެހުންނެވި އަބުދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މުއިއްޒުގެ ކެމްޕޭނަށް ހއ. އިހަވަންދުއަށް ވަޑައިގެން މިރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ސިޔާސީ މަސައްކަތުގައި އެންމެ ފުރަތަމަ އިހަވަންދުއަށް ވަޑައިގެންނެވީ 2011 ވަނަ އަހަރު ކަމަށާއި އެއިރުގެ ހާލަތު ވަރަށްވެސް ތަފާތު ކަމަށެވެ. އެ ރަށަށް އަރަން ޖެހިވަޑައިގަތީ ވަރަށްވެސް އުނދަގޫ ހާލަތެއްގައި ކަމަށެވެ.

"އޭގެ ފަހުން ކޮންމެއަކަސް ރައީސް ޔާމީންގެ ވެރިކަމާ އެކީގައި އަޅުގަނޑުމެން ދެން މިރަށަށް އަންނަ ކޮންމެ ފަހަރަކު ދިޔައީ މަލަމަތި ބަދަލުވަމުން، ބަދަލުވަމުން، އައިސް މިރޭ އަޅުގަނޑުމެން މި ރަށަށް އެރީމާ އެނގިއްޖެ އިރާދަކުރެއްވިއްޔާ ﷲގެ ރަހުމަތްފުޅުން 2023ގެ ރިޔާސީ އިންތިހާބު ބޮޑުތަނުން ޑރ. މުއިއްޒު ކާމިޔާބު ކުރައްވައިފިކަން،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މުޅި ރާއްޖޭގައިވެސް އެމްޑީޕީގެ އެންމެ ބޮޑު އައްޑާއަކަށް ފާހަގަވެފައި އޮތީ އިހަވަންދޫ ކަމަށާއި މިއަދު އިހަވަންދޫ އަކީ ޕީޕީއެމް/ޕީއެންސީގެ އެންމެ ބޮޑު އައްޑާ ކަމަށެވެ. އެ މަންޒަރު މިއަދު އެ ރަށުން ފެނިގެން ގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މުއިއްޒަކީ ވައުދެއްވެވަޑައިގެންފި ނަމަ، އެ ވައުދެއް ފުއްދަވާނެ ބޭފުޅެއް ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ދަރިވަރުންނަކީ އެކަން ކުރައްވާނެ ފަރާތްތަކެއްކަން އެމަނިކުފާނުގެ ވެރިކަމުން އެންމެނަށްވެސް ސާފުވެގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން އިސްކުރީ ރައްޔިތުންގެ މަސްލަހަތު ކަމަށާއި އެމަނިކުފާނުގެ ސަރުކާރުން އިހަވަންދުއަށް ގެނެސްދީފައިވާ ތަރައްގީ ވަރަށް ރަނގަޅަށްވެސް އެރަށުގެ ރައްޔިތުންނަށް ފެނިގެން ގޮސްފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.