އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓޮޓެންހަމްއާއި ބްރެންޓްފޯޑު ވާދަކުރި މެޗު އެއްވަރުވި އިރު، ލިވަޕޫލާއި ޗެލްސީން ލީގުގައި ފުރަތަމަ ކުޅުނު މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.
މިއަދު ހަވީރު ބްރެންޓްފޯޑު ދަނޑުގައި ސްޕާސްއިން އެއްވަރުވި 2-2 ގެ ނަތީޖާއަކުންނެވެ. އަދި މިރޭ ޗެލްސީއާއި ލިވަޕޫލް ސްޓެންފޯޑް ބްރިޖުގައި ކުޅުނު ވާދަވެރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. ލިވަޕޫލާއި ޗެލްސީން އެންމެފަހުން ލީގުގައި ކުޅުނު ފަސް މެޗުވެސް އެއްވަރު ވެގެން ނިމިފައިވާ އިރު، މިރޭގެ މެޗަކީ އަލަށް ހަވާލުވި ކޯޗު، މައުރީޝިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އެ ކްލަބު ކުޅުނު ފުރަތަމަ ވާދަވެރި މެޗެވެ. އަދި މިއަދު ޓޮޓެންހަމްއިން ކުޅުނު މެޗަކީ އެޓީމުގެ ކޯޗު ކަމާ މި ސީޒަނަށް ހަވާލުވި ސެލްޓިކްގެ ކުރީގެ ކޯޗު އާންޖޭ ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން އެޓީމުން ކުޅުނު ފުރަތަމަ މެޗެވެ.
މިދިޔަ 20 ވަރަކަށް އަހަރު ޓޮޓެންހަމްގައި ހޭދަކުރި ހެރީ ކޭން، މި ސީޒަނަށް ބަޔާން މިއުނިކަށް ބަދަލުވެފައިވާ އިރު، ޓީމުގެ ތަރިއާ ނުލައި މިއަދު ނުކުތީ މުޅިން އާ ސަފުހާއަކަށެވެ. ޓީމަށް އަލަށް ގެންދިޔަ ޖޭމްސް މެޑިސަންއާއި މިކީ ވެން ޑެ ވެން މިރޭގެ ފުރަތަމަ 11 އިން ފެނުނު އިރު، ޓޮޓެންހަންގެ ގޯލުން ފެނުނީ އިޓަލީގެ ގުގިލޭމޯ ވިސާރިއޯއެވެ. އޭގެ އިތުރުން މިއަދުގެ މެޗުގައި ވެސް ބިސޯމާއާއި ސައިޑް ބެކް ޔެނޯމާ އުޑޯގީވެސް ފެނިގެން ގޮސްފައިވެއެވެ.
މިއަދުގެ މެޗު ޓޮޓެންހަމްއިން ރަނގަޅަށް ފަށައި، 11 ވަނަ މިނެޓުގައި ކްރިސްޓިއަން ރޮމޭރޯގެ ގޯލުން ލީޑު ނެގިއެވެ. އެ ގޯލަކީ މެޑިސަން ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހި ގޯލެކެވެ. އޭގެ 15 ވަރަކަށް މިނެޓް ފަހުން ބްރެންޓް ފޯޑަށް ލިބުނު ޕެނަލްޓީއެއްގައި ބްރައިން އެމްބެއުމޯ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިން އިރު، 36 ވަނަ މިނެޓުގައި ބްރެންޓްފޯޑުން ފަހަތުން އަރައި ލީޑު ކުރިއެވެ. އެ ގޯލު ޖެހީ ޔޯނޭ ވީސާއެވެ.
ޓޮޓެންހަމް ބަލިވެފައި އޮވެގެން ހާފު ނިމެން ދަނިކޮށް، މެޑިސަންގެ އިތުރު އެސިސްޓަކާއެކު އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އެމަސަން ރޮޔާލްއެވެ. މެޗުގެ ފަހު ހާފުގައި ޓޮޓެންހަމްއިން ގޯލަކާ ބޮޑަށް ގާތަށް ޖެހިލި ނަމަވެސް، އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި، ޕޮއިންޓަކުން ފުއްދާލަން ޖެހުނެވެ.
މިރޭ ޗެލްސީއާއި ލިވަޕޫލުންވެސް މެޗަށް ނުކުތީ އަލަށް ޓީމަށް ގެންދިޔަ ގިނަ ކުޅުންތެރިތަކަކަށް ފުރަތަމަ 11 އިން ފުރުސަތު ދީގެންނެވެ. ޗެލްސީން ބޮޑެތި ބަދަލުތަކެއް ފެނިގެން ގޮސްފައިވާ އިރު، ގޯލް ބަލަހައްޓަން މެޗަށް ނުކުތީ ބްރައިޓަންއިން ގެންދިޔަ ރޮބާޓް ސަންޗޭޒްއެވެ. ފަހަތުން އެކްސެލް ޑިސާސީއާއި ލެވި ކޮލްވިލް ފެނިގެން ގޮސްފައިވާ އިރު، އެންމެ ކުރިއަށް ކުޅުނީ އަލަށް ގެންދިޔަ ނިކޮލަސް ޗެކްސަންއެވެ.
އަނެއްކޮޅުން ލިވަޕޫލުން ނެރުނު ފުރަތަމަ 11 ގައި އެޓީމަށް އަލަށް ގެންދިޔަ އާޖެންޓީނާ މިޑްފީލްޑަރު އެލެކްސިސް މެކް އަލިސްޓާއާއި ހަންގޭރީގެ މިޑްފީލްޑަރު ޑޮމިނިކް ޒޮބޮސްލާއީ ފެނިގެން ދިޔައެވެ.
މެޗުގެ ކުރީކޮޅުގައި ލިވަޕޫލުން ރަނގަޅަށް ކުޅެ، ޗެލްސީއަށް ނުރައްކާ ކުރިއެވެ. ހާއްސަކޮށް އަރިމަތިން މުހައްމަދު ސަލާހްގެ ނުރައްކާ ބޮޑުކޮށް ފެނިގެން ގޮސްފައިވާ އިރު، 18 ވަނަ މިނެޓުގައި އޭނާގެ ހިތްގައިމު ގޯލަކުން ލުއިސް ޑިއާޒް ލިވަޕޫލަށް ލީޑު ނަގައިދިނެވެ. ސަލާހްގެ ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވި އިރު، ގޯލަށް 10 މިނެޓް ފަހުން، އޭނާ ހުސްކޮށް އަރައި ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް ވީއޭއާރް ބަލައި ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.
ހާފުގެ ކުރީކޮޅުގައި ލިވަޕޫލުން ނުރައްކާ ކުރި ނަމަވެސް، ޗެލްސީން ދިޔައީ މަޑުމަޑުން މެޗުތެރެއަށް ވަންނަމުންނެވެ. ނަތީޖާއެއްގެ ގޮތުން ކޯނަރެއްގެ އެހީގައި، 39 ވަނަ މިނެޓުގައި ޗެލްސީ ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލު ޖަހައިދިނީ އަލަށް ކުޅެން ނުކުމެ ހުރި ޑިފެންޑަރު ޑިސާސީއެވެ.
ދެވަނަ ހާފުގައި ދެޓީމުންވެސް ހަމަލާތަކަށް މަސައްކަތް ކޮށްފައިވާ އިރު، ބަދަލުގެ ގޮތުގައި ނުކުތް ކުޅުންތެރިންގެ ނުރައްކާ ބޮޑުކޮށް ފެނުނެވެ. ހާއްސަކޮށް މެޗުގެ ފަހު މިނެޓު ކޮޅުގައި ޗެލްސީގެ މައިހައިލޯ މުޑްރީކަށް ލިބުނު ފުރުސަތު އޭނާ ނަގާލި އިރު، އަނެއްކޮޅުން ލިވަޕޫލްގެ ޑާވިން ނުނޭޒް ފޮނުވާލި ނުރައްކާތެރި ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު