މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

ސާބިއާ އާއި މޮންޓެނެގްރޯގެ ފުރަތަމަ ޑިވިޝަނަށް ކުޅެފައިވާ ބްރަނިމީރް މާޒިޔާއަށް

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ސްކޮޑު ވަރުގަދަ ކުރަމުން އަންނަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ސާބިއާ މިޑްފީލްޑަރެއް ކަމަށްވާ ޖޮސިކް ބްރަނިމީރް އެ ކްލަބަށް ގެނެސްފިއެވެ.

އުމުރުން 29 އަހަރުގެ ބްރަނިމީރް މާޒިޔާއާ ސީޒަނުގެ ނިޔަލަށް ގުޅުނުކަން އެ ކްލަބުން ވަނީ މިއަދު އިއުލާނު ކޮށްފައެވެ. މާޒިޔާއިން ސީޒަން ފެށީވެސް ހަތަރު ބިދޭސީ ކުޅުންތެރިންނާއެކުގައެވެ. އޭގެ ތެރެއިން ތިން ކުޅުންތެރިޔަކު ފޮނުވާލީ، މި ހިނގާ ޓްރާންސްފާ ސީޒަނުގައި އާ ހަތަރު ކުޅުންތެރިން ޓީމަށް ގެނެސްފައިވާ އިރު، މިހާރު އެ ކްލަބުގައި ޖުމުލަ ފަސް ބިދޭސީ ކުޅުންތެރިޔަކު އެބަތިއްބެއެވެ. ރާއްޖޭގެ ޓްރާންސްފާ ސީޒަން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ބަންދުވާ އިރު، އޭއެފްސީ ކަޕްގެ ކޯޓާ ފުރިހަމަކުރުމަށް، މާޒިޔާއިން އަދި އިތުރު ބިދޭސީ ކުޅުންތެރިޔަކު ގެނެސް، ޖުމުލަ ހަ ބިދޭސީ ކުޅުންތެރިން ސްކޮޑުގައި ހަމަކުރާނެ ކަމަށް ބެލެވެއެވެ.

މާޒިޔާއިން މިއަދު އިއުލާނުކުރި ބްރަނިމީރް އަކީ ކުރިން ސާބިއާއާއި މޮންޓެނެގްރޯގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށްވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. 2012 ވަނަ އަހަރުން 2021 ވަނަ އަހަރާ ހަމައަށް ބްރަނިމީރް ސާބިއާގެ ފުރަތަމަ ޑިވިޝަނުގެ ސްޕާޓެކް ސުބޮޓިކާގައި ހޭދަކޮށްފައިވާ އިރު، ދެފަހަރެއްގެ މަތިން ލޯން އެއްބަސްވުމުގައި އެހެން ކްލަބުތަކަށް ކެރިއަރުގެ ފުރަތަމަ ކޮޅުގައި ކުޅުނެވެ. ބްރަނިމީރް ވަނީ ސްޕާޓެކް ސުބޮޓިކާއަށް 120 މެޗު ކުޅެފައެވެ.

އޭގެ ފަހުން މޮންޓެނެގްރޯގެ ރޫޑާ ޕްޖެވްޖާއަށްވެސް ބްރަނިމީރް ކުޅެފައިވާ އިރު، އެންމެފަހުން ކުޅުނީ ލަޑޯސްޓް ޖީއޭޓީއަށެވެ. އެއީ ސާބިއާ ފުރަތަމަ ޑިވިޝަނުގެ ކްލަބެކެވެ.

މާޒިޔާއިން އިއްޔެ ވަނީ ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ ގޯލްކީޕަރު އަލީ ނާޖިހު އެ ކްލަބާ ގުޅުނުކަންވެސް އިއުލާނު ކޮށްފައެވެ. މާޒިޔާއިން ނާޖިހު އެ ކްލަބަށް ގެންދިޔައީ އެ ކްލަބަށް ކުޅެމުންދާ ގައުމީ ޓީމުގެ އެއް ނަންބަރު ގޯލްކީޕަރު މުހައްމަދު ފައިސަލްއަށް އަނިޔާވުމުންނެވެ. މާޒިޔާގައި މިހާރު ފުލް 11 ގައި ގޯލް ބަލަހައްޓަމުންދަނީ ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި ހުސައިން ޝަރީފެވެ.