މިއަހަރު އަލަަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުންދާ އޮޑި ސްޕޯޓްސް ކްލަބުން ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފިއެވެ.
ރޭ ގައުމީ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން މެޗު އެެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީއަށް ގޮސްގެންނެވެ. ޕެނަލްޓީގައި އޮޑިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކުރީ 6-5 ގެ ނަތީޖާއަކުންނެވެ.
އޮޑިއަށް ރޭ ލިބިގެން ދިޔައީ ތާރީހީ ކާމިޔާބީއެކެވެ. އެޓީމުން މިއަހަރު މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ނުކުމެ، ފުރަތަމަ ތަށްޓެއް ހޯދުން ވެގެންދިޔައީ ބޮޑު ކާމިޔާބީއަކަށެވެ. މާޒިޔާއަކީ އެންމެފަހުގެ ޗެމްޕިއަނުންވެސް މެއެވެ. އެއީ 2023 ވަނަ އަހަރު ކުޅުނު ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި 2-0 އިން ކްލަބް އީގަލްސް ބަލިކޮށް ހޯދި ކާމިޔާބީއެކެވެ.
އޭގެ ކުރިން 2021 ވަނަ އަހަރު ރ. އަލިފުށީގައި ކުޅުނު ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި މާޒިޔާ ވަނީ ކްލަބް ވެލެންސިއާ އަތުން ބަލިވެފައެވެ. އެއީ 2-1 ގެ ނަތީޖާއަކުންނެވެ.
ރޭ ކުޅުނު ފައިނަލް މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި މާޒިޔާއިން މެޗުގެ ލީޑު ނެގިއެވެ. ހުސެއިން ސިފާއު (ކުރޯ) މަތިން ނަގައިދިން ބޯޅައަކަށް އޭރިއާތެރެއަށް ޖެހި، ގޯލް ޖަހައިދިނީ ނާއިޒް ހަސަން (ދާދު) އެވެ. އޭނާ ބޯޅަ އަމާޒުކޮށްލީ ދުރު ކަނަށެވެ.
އޭގެ 10 ވަރަކަށް މިނެޓް ފަހުން އޮޑިން މެޗު އެއްވަރުކުރިއެވެ. އޮޑީގެ އިނގިރޭސި ފޯވާޑް، ކިއާނޫ މާޝް-ބްރައުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ މާޒިޔާ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައެވެ.
އޭގެފަހުންވެސް މެޗުގައި ދެޓީމުގެ ފަރާތުންވެސް ރަނގަޅު ހަމަލާތަކެއް ފެނުނެވެ. އެހެން ނަމަވެސް މަދުވީ ގޯލެކެވެ. ހާފު ނިމެން ދަނިކޮށް މާޒިޔާއިން ބޮޑަށް ނުރައްކާ ކުރި ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅުގައި އޮޑިންވެސް ލީޑު ނެގުމާ ގާތަށް ޖެހިލިއެވެ.
ޕެނަލްޓީގައި އޮޑީގެ އިބްރާހީމް ވަހީދު (އިއްބެ) ގެ ޕެނަލްޓީ މާޒިޔާ ކީޕަރު ހުސައިން ޝަރީފް މަތަކުރި އިރު، މުހައްމަދު ރަޝީދު (ހޮކޭ) އަތުންވެސް ޕެނަލްޓީ ނާކާމިޔާބުވިއެވެ. މާޒިޔާގެ އިބްރާހީމް އައިސަމްއާއި އަހުމަދު އައިހަމް ފޮނުވާލި ޕެނަލްޓީތައް އޮޑީގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) މަތަކުރި އިރު، ދެން ޕެނަލްޓީ ނާކާމިޔާބުވީ ކްރޯ އަތުންނެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ އޮޑީގެ 18 އަހަރު ކުޅުންތެރިޔާ އަހްޒަމް ރަޝީދެވެ. ރޭގެ ފައިނަލް ޝަރަފުވެރި ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ޕްރެސިޑެންޓްސް ކަޕް
ޕްރެސިޑެންޓްސް ކަޕް
ޕްރެސިޑެންޓްސް ކަޕް
ޕްރެސިޑެންޓްސް ކަޕް