އެފްއޭ ކަޕްގެ އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކަޓުވާލައި، ބުރު ސްޕޯޓްސް ކްލަބުން މިފަހަރު މުބާރާތުގެ ސެމީ ފައިނަލް ފަހު ޖާގަ ޔަގީން ކޮށްފިއެވެ.
މިރޭ ގައުމީ ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން މެޗު އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި ބުރު މޮޅުވީ، 6-5 އިންނެވެ.
މާޒިޔާއަކީ އެންމެފަހުން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި ޓީމެވެ. އެއީ 2022 ވަނަ އަހަރުއެވެ. އެއީ އެޓީމުން އެފްއޭ ކަޕް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. މާޒިޔާއިން އޭގެ ކުރިން އެފްއޭ ކަޕް ކާމިޔާބުކޮށްފައި ވަނީ 2012 އަދި 2014 ވަނަ އަހަރުއެވެ.
މާޒިޔާއިން މިފަހަރު ލީގު ކާމިޔާބުކޮށްފައިވާ އިރު، އެފްއޭ ކަޕަށް ނުކުތީ އޭރު އެސިސްޓަންޓް ކޯޗަކަށް ހުރި، އަހުމަދު ސުޒެއިރު (ކޮއްކޮ) ގެ އިރުޝާދުގެ ދަށުންނެވެ.
މެޗު ފަށައިގެން ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާ އިރު، ދެވަނަ ހާފުގައި މެޗު ފޯރިގަދަވެގެން ދިޔައެވެ. އެގޮތުން ދެވަނަ ހާފުގެ ފަސްވަނަ މިނެޓު ތެރޭގައި މާޒިޔާއަށް ލީޑު ނަގައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު)އެވެ. އެއީ ޕެނަލްޓީއަކުން އޭނާ ޖެހި ގޯލެކެވެ.
މެޗުގެ 62 ވަނަ މިނެޓުގައި މުހައްމަދު އިލާން އިމްރާން ޖެހި ގޯލުން މާޒިޔާއިން ލީޑު ފުޅާކުރި ނަމަވެސް، އޭގެ އިރުކޮޅެއްފަހުން ދެ މިނެޓް ތެރޭގައި ދެ ގޯލް ޖަހައި ބުރުން މެޗު އެއްވަރުކުރިއެވެ.
އެގޮތުން 69 ވަނަ މިނެޓުގައި ބުރަށް އެއްވަރު ކޮށްދިނީ ތޯއިފް ގާސިމް (ތޯއްޕެ)އެވެ. އޭގެ މިނެޓެއްފަހުން ބުރަށް ލިބުނު ކޯނަރެއްގައި އޭރިއާ ތެރެއިން ނުރައްކާވެގެން ދިޔަ ބޯޅައިގައި ދެވަނަ ގޯލް ޖަހައިދިނީ ގާނާ މިޑްފީލްޑަރު، ޑިއަވަންޑޫ ޑިއާނޭއެވެ.
ޕެނަލްޓީގައި މާޒިޔާއިން ފޮނުވާލި އަށް ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ފަސް ޕެނަލްޓީއެވެ. މާޒިޔާގެ ފުރަތަމަ ޕެނަލްޓީ އެ ޓީމުގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) ފޮނުވާލި އިރު، އެ ޕެނަލްޓީ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ. އަދި އެ ޓމުގެ ޕޯޗުގީސް ޑިފެންޑަރު ލުއިސް އަލްމައިޑާ ޖެހި ޕެނަލްޓީ ބުރުގެ ކީޕަރު އަރުޝަން މަތަކުރި އިރު، ހުސެއިން ސިފާއު (ކުރޯ) ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ.
ބުރުން ޕެނަލްޓީ ނާކާމިޔާބުވީ އަލީ ހަމްދާން (އައްޔަ) އާއި ޝަމްވީލް މުހައްމަދު (ބޮންޑާ) އަތުން އެކަންޏެވެ.
ބުރުން ސެމީ ފައިނަލުގައި ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
މުޙައްމަދު ޝަމްޢޫން
އެފްއޭކަޕް ދިވެހިރާއްޖެ
އެފްއޭކަޕް ދިވެހިރާއްޖެ
އެފްއޭކަޕް ދިވެހިރާއްޖެ