ހަތް އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގައި ހޭދަކުރުމަށްފަހު، ރާއްޖޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަމްޕު) އެ ކްލަބު ދޫކޮށްލަން ނިންމާފައިވާ ކަމަށް މިއަދު އިއުލާނު ކޮށްފިއެވެ.

ހަމްޕު މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މާޒިޔާއަކީ ހަމައެކަނި އޭނާގެ ފުޓުބޯޅަ ކްލަބު ނޫން ކަމަށާއި، ދެވަނަ އާއިލާއެއް ކަމަށެވެ. ހާއްސަކޮށް ކެރިއަރުގައި މިހާ ހިސާބަށް ކުރި ދަތުރުގައި މާޒިޔާއަކީ މުހިއްމު ބައިވެރިއެއްކަން އޭނާ ފާހަގަކޮށްފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މާޒިޔާއިން އޭނާއާ ބެހެއްޓި ގާތްކަން ހަމްޕު ފާހަގަކޮށްފައިވެއެވެ.

މާޒިޔާއާއެކު ގިނަ ކާމިޔާބީތަކެއްވެސް ހޯދާފައިވާ ހަމްޕު ވަނީ އެކްލަބުގައި ހޭދަކުރި ދުވަސްތަކުގައި ކްލަބުގެ މެނޭޖުމަންޓާއި ކޯޗުންގެ އިތުރުން ކުޅުންތެރިންނާއު ސަޕޯޓަރުން ދިން ލޯތްބަށްޗެސް ޝުކުރު އަދާކޮށްފައެވެ.

ހަމްޕު ބުނީ މާޒިޔާ ދޫކޮށްލުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށާއި، މާޒިޔާގައި ހޭދަކުރި ދުވަސްތަކުގެ ހަނދާން އަބަދުވެސް ހުންނާނެ ކަމަށެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޔޫތު ޓީމުން 2014 ވަނަ އަހަރު ވިދާލި ހަމްޕު ފުރަތަމަ ކުޅުނީވެސް ނިއުއަށެވެ. އެހެން ނަމަވެސް އެއީ މާޒިޔާގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށްފަހުއެވެ. ނިއުއާއެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކޮށް 2018 ވަނަ އަހަރުގެ ނިޔަލަށް، ފަސް އަހަރު ހަމްޕު ވަނީ ނިއު އަށް ކުޅެފައެވެ.

މިފަހަކަށް އައިސް ރާއްޖޭން ފެނުނި އެންމެ މޮޅު އެއް ކުޅުންތެރިޔާ ހަމްޕުއަކީ ސަރަހައްދީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.

ހަމްޕު މާޒިޔާއަށް ސޮއިކުރީ 2019 ވަނަ އަހަރުއެވެ. އެފަހުން ހަމްޕު ވަނީ މާޒިޔާއާއެކު ހަތަރު ފަހަރު ލީގު ޗެމްޕިއަންކަން ހޯދައި، އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.