ކުޅުންތެރިންނަށް ދޭން ޖެހިފައި އޮތް މުސާރައިގެ މައްސަލަތަކުގައި ފީފާގެ ޓްރާންސްފާ ބޭން އެއްގައި އޮތް ކްލަބު ވެލެންސިއާ، އެ އަދަބުން ސަލާމަތްވެއްޖެއެވެ.
"ވަން ސްޕޯޓްސް" އަށް އެނގިފައިވާ ގޮތުގައި ވެލެންސިއާގެ ސަސްޕެންޝަން އުވާލިކަން ފީފާއިން ވަނީ އެފްއޭއެމްއަށް އަންގައިފައެވެ. އެ ސަސްޕެންޝަން އުވާލީ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ އެއްކޮށް ދައްކައިގެން ނޫން ނަމަވެސް، ބެލެވޭ ގޮތުގައި އެ ކްލަބުން ވަނީ މުސާރަތައް ނުދީ އޮތް ކުޅުންތެރިންނާ އެއްބަސްވުންތަކަކަށް ގޮސްފައެވެ.
ވެލެންސިއާއިން ދިވެހި ބައެއް ކުޅުންތެރިންނަށްވެސް ދޭން ޖެހޭ މުސާރަތަކެއް ހުރި އިރު، އެ ކުޅުންތެރިން ވަނީ އެފްއޭއެމްއަށް މުސާރަ ނުލިބޭތީ އެ މައްސަލަ ޖައްސައިފައެވެ. މިއަދު ވެލެންސިއާގެ ސަސްޕެންޝަން އުވާލި ނަމަވެސް، އެ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ އެއްކޮށް އެކްލަބުން ދެއްކިކަން އަދި ޔަގީންވެފައެއް ނުވެއެވެ. ދިވެހި ކުޅުންތެރިންގެ އިތުރުން ދެން ވެލެންސިއާއިން އެންމެ ގިނައިން ފައިސާ ދޭން ޖެހިފައި އޮތީ މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު ސްޕެއިންގެ ދެކުޅުންތެރިން ކަމަށްވާ ބޯހަސް މާޓިން އާއި ހޯސޭ ޑޮމިންގޭޒް އަށެވެ.
ބޯހާސް "ވަން ސްޕޯޓްސް"އަށް ބުނީ ވެލެންސިއާއިން އޭނާއަށް ޖުމުލަ 62،000 ޑޮލަރު ދޭން ޖެހިފައިވާ ކަމަށާއި، މިހާތަނަށް އެ ކްލަބުން 20،000 ޑޮލަރި އޭނާއަށް ދައްކާފައިވާ ކަމަށެވެ. އަދި ބާކބައި އަދި ލިބިފައި ނުވާ ކަމަށްވެސް ބޯހާސް ވަނީ ބުނެފައެވެ.
އޭގެ އިތުރުންވެސް ވެލެންސިއާއަށް އޮތީ އޭއެފްސީގެ ޖޫރިމަނާއެއްވެސް އައިސްފައެވެ. އެގޮތުން ވެލެންސިއާ އިން މިދިޔަ ސީޒަނުގައި އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގެ މެޗަށް ހާޒިރު ނުވާތީ ޖޫރިމަނާގެ ގޮތުގައި 20،000 ޑޮލަރު، އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީއަށް ދައްކަން ޖެހިފައިވެއެވެ. މިދިޔަ އަހަރު އޭޕްރީލް މަހުގައި އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ދެ ވަނަ ބުރު (ކޮލިފިކޭޝަން) ގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ކުޅެން ޖެހޭ މެޗަށް ބަންގްލަދޭޝަށް ވެލެންސިއާއަށް ނުދެވި، ޕްލޭއޮފް މެޗުން އޮޓޮމެޓިކުން އަބަހާނީ އަށް ވަނީ ފުރުސަތު ދީފައެވެ. ވެލެންސިއާ މެޗަށް ހާޒިރުނުވާތީ، އޭއެފްސީން ވަނީ އެ މައްސަލައިގައި ވެލެންސިއާ އަށް ފިޔަވަޅު އަޅައި ޖޫރިމަނާ ކޮށްފައެވެ. އެ މައްސަލަ އެޕީލްކޮށްގެން ވެސް ވެލެންސިއާ އަށް ކާމިޔާބެއް ނުވިއެވެ. އެ ފައިސާ ދެއްކިކަންވެސް އަދި ޔަގީންވެފައެއް ނުވެއެވެ.
އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ޓްރާންސްފާ މާކެޓް ހުޅުވިފައި އޮތް އިރު، ވެލެންސިއާއިން ދަނީ އާ ކުޅުންތެރިން ގެންނަން މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެޓީމަށް ގެންގޮސް މިހާތަނަށް ރަޖިސްޓްރީ ނުކުރެވި ހުރި، އިބްރާހީމް ވަހީދު (އިއްބެ) ރަޖިސްޓްރީ ކުރާނެ ކަމަށްވެސް ބެލެވެއެވެ. އޭގެ އިތުރުން މި ސީޒަނަށް ގެންދިޔަ ރިލުވާން ވަހީދު (ރިލޭ) މިހާރު ވަނީ ވެލެންސިއާއަށް ނުކުޅެވިގެން، ކްލަބު އީގަލްސްއަށް ބަދަލުވެފައެވެ.