މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޕީޕީއެމް/ޕީއެންސީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތުގެ އަޑުއެހުންތައް މެދުކަނޑާލާފައި އޮތުމަށް ފަހު، މާދާމާ އަލުން ފަށަން ކުރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

ކުރިމިނަލް ކޯޓުން އެ މައްސަލަ ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:00 އަށެވެ.

ކުރިމިނަލް ކޯޓުން އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ތާވަލުކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އެ އަޑުއެހުން ވަކި ހިސާބަކުން މެދުކަނޑާލީ އެ ދުވަހު ހެކިބަސް ނަގަން އޮތް ދެ ހެކިވެރިން ތިބި ތަނުގެ ގޮތުން ހެކިބަސް ނެގުން ރައްކާތެރި ނޫން ކަމަށް ފެންނާތީއެވެ. އެ ދެ ހެކިވެރިން އެ ދުވަހު ތިބީ ރާއްޖެއިން ބޭރުގައެވެ. އެހެންވެ ކޯޓުން ނިންމީ ހެކިވެރިން ރާއްޖެ އައުމުން ހެކިބަސް ނެގުމަށެވެ.

ދައުލަތުން ވިދާޅުވެފައިވަނީ އެ ދެ ހެކިވެރިންނަކީ އެ މައްސަލައިގައި ޔާމީންގެ މައްޗަށް ކުށް ސާބިތުކުރަން ހުށަހަޅާ އެންމެ ފަހު ދެ ހެކިވެރިން ކަމަށެވެ. އެ ދެ ހެކިވެރިންނަކީ ސަން ކޮންސްޓްރަކްޝަނުގެ ފައިނޭންސް ޑިރެކްޓަރު ސްރިތަ ކުމާރު ތިއަގަ ރާޖާ އަދި މުހައްމަދު ޝިފާއު ކިޔާ މީހެކެވެ. ޝަރީއަތް ތާވަލުކުރި ދުވަހު ކުމާރު ހުރީ ސްރީ ލަންކާގައެވެ. ޝިފާއު ހުރީ ސައުދީ އަރަބިއްޔާގައެވެ.

ކޯޓުން ވަނީ އެފަހުން އެ ދެ ހެކިވެރިންގެ ހެކިބަސް ނެގުމަށް އަޑުއެހުމެއް ތާވަލުކޮށްފައެވެ. ނަމަވެސް ދައުލަތުން އެދިގެން ވަނީ އެ އަޑުއެހުން ކެންސަލްކޮށްފައެވެ.

އެފަހުން ތާވަލުކުރި އަޑުއެހުން ކެންސަލްކުރީ އެ މައްސަލައިގައި ދެން ދައުވާ ލިބޭ ކްރިޒާ ރިޒާ ބަލިވެ އުޅޭތީއެވެ.