ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވ. އާރަށުގެ މައްސަލައިގައި އިއްވި 11 އަހަރުގެ ޖަލުހުކުމް ފަސްކޮށްނުދީ ޖޫރިމާނާގެ އަދަބު ފަސްކޮށްދޭން ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވުމުން، ކުރިމިނަލް ކޯޓުން އިއްވި ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް ޔާމީން ހައި ކޯޓުގައި އެދިވަޑައިގެންފައިވަނީ އޮގަސްޓު މަހުގެ ހަވަނަ ދުވަހުއެވެ. އެއިރު އާރަށު މައްސަލައިގެ އިސްތިއުނާފު ހައި ކޯޓަށް ވަނީ ހުށަހަޅައިފައެވެ.

ހައި ކޯޓުން މިއަދު އެ މައްސަލައިގައި ނެރުނު އަމުރުގައި ބުނީ ޖިނާއީ މައްސަލައެއްގައި މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ދަށު ކޯޓަކުން ހުކުމްކޮށްފިނަމަ، އެ ހުކުމް މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފުކުރުމުން، ދަށު ކޯޓުން އިއްވި ހުކުމް ތަންފީޒުކުރުން، ފަސްކުރަން އަމަލުކުރާނެ ގޮތެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އެކަމެއް ޖިނާއީ އަދުލުމުގެ ނިޒާމުގައި އަމަލުކުރާ އެއްވެސް ގާނޫނަކުން ފެންނަން ނެތްކަމަށް ހައި ކޯޓުން ބުންޏެވެ.

ކޯޓުތަކަކީ ގާނޫނު ހަދާ ތަނެއް ނޫން ކަމަށާއި ގާނޫނުގައި ނެތް ތަރުޖަމާއެއް ދީގެން ގާނޫނު ނުވަތަ ގަވާއިދު މާނަކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ބާރުތަކުގެ ތެރެއަށް ވަނުން ކަމަށް ހައި ކޯޓުން ބުންޏެވެ. މިހާރު އަަމަލުކުރަމުން އަންނަ ގާނޫނުލްއުގޫބާތާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޖިނާއީ ހުކުމް ތަންފީޒުކުރުމުގެ ފަސް މަބްދުއު ބަޔާންކޮށްފައި ނުވާ ކަމަށެވެ. ގާނޫނުން ބާރު ލިބިގެންކުރާ ހުކުމެއް އިސްތިއުނާފުކުރުމަކީ، އެ ހުކުމުގެ ބާރުދަށްވާނެ ސަބަބެއް ނޫން ކަމަށާއި ގާނޫނަކުން ބަޔާން ނުކުރާހާ ހިނދަކު އެފަދަ ހުކުމެއް ތަންފީޒުކުރުން ފަސްކުރުމުގެ ފުރުސަތު ކޯޓަށް ލިބިދީފައި ނުވާކަމަށް ބުންޏެވެ.

މީގެ ކުރިން ވަނީ ޖިނާއީ ހުކުމްތައް ފަސްކުރުމަށް އަމުރު ނެރެފައި ކަމަށާއި ނަމަވެސް "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަޒިއްޔާތަކުގެ ނިންމުމުގެ އަލީގައި، ޖިނާއީ މައްސަލަތަކުގައި ދަށު މަރުހަލާގެ ކޯޓަކުން މީހެއްގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައިފައިވާ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރެވޭނެކަމީ މިހާރު އިސްތިގުރާރުވެފައިވާ ހަމައެވެ. މިއަށް އަމަލުކުރަން ނުޖެހޭ ފަދަ ގާނޫނީ ސަބަބެއް ނުވަތަ މިއާ ދުރަށްދާން ޖެހޭ ފަދަ ގާނޫނީ އުސޫލެއް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމްގެ ފަރާތުން ޝަރީއަތަށް ބަޔާންކޮށްދެވިފައިނުވާކަމަށް" ކަމަށް ހައި ކޯޓުން ބުންޏެވެ.

ހައި ކޯޓުގެ އަމުރުގައި ބުނީ ޖިނާއީ މައްސަލަތަކުގައި ކޮށްފައިވާ ޖަލު ހުކުމެއް ތަންފީޒުކުރުން ފަސްކުރުމާ ބެހޭ މަފްހޫމެއް އަދި އުސޫލެއް ނެތި، ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށްފިނަމަ "އޭގެ ނަތީޖާއަކަށްވާނީ ގާނޫނުގެ ހަމަހަމަކަން އެއްކިބާކޮށް، ގާނޫނު ނުދަންނަ އަދި ގާނޫނާ ބީރަށްޓެހި ގާއިދާއެއް ނިޒާމުގެ ތެރެއަށް ތައާރަފުކޮށް، އިޖުރާއަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން" ކަމަށެވެ

އެހެންކަމުން ދަށު މަރުހަލާގެ ކޯޓުތަކުން ޖިނާއީ މައްސަލައެއްގައި މީހެއްގެ މައްޗަށް އިއްވާ ހުކުމް ތަންފީޒުކުރުން ފަސްކުރުމަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގާނޫނުތަކާއި، ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ކަންކަމަށް ނުވާތީ، ޖިނާއީ އިޖުރާއަތުގެ ދަށުން ޖިނާއީ ހުކުމެއް ތަންފީޒުކުރުން ފަސްކުރަން، ޔާމީން އެދިފައިވާގޮތަށް އަމުރު ނުކުރެވޭނެކަމަށް ހައި ކޯޓުގެ އަމުރުގައި ބުންޏެވެ. ނަމަވެސް ޖޫރިމާނާގެ އަދަބު ފަސްކުރެވިދާނެ ކަމަށާއި ސަބަބަކީ އެއީ ޖިނާއީ ހުކުމެއްކަމަށް ނުވާތީ ކަމަށްވެސް ހައިކޯޓުގެ އަމުރުގައިވެ އެވެ.

ހައި ކޯޓުގެ އެ ރައުޔަކީ ފަނޑިޔާރު މުހައްމަދު ސަލީމުގެ ރައުޔެވެ. އެ ރައުޔަށް ފަނޑިޔާރު ހުޒެއިފާ މުހައްމަދު ވަނީ ތާއިދުކުރައްވައިފައެވެ.

ރައުޔު ތަފާތުވީ ފަނޑިޔާރު ހަސަން ޝަފީއުގެ އެވެ. އެ ފަނޑިޔާރުގެ ރައުޔުގައި ވިދާޅުވީ ޖިނާއީ މައްސަލައެއްގައި ކުރާ ޖޫރިމަނާގެ އަދަބު ތަންފީޒުކުރުން ފަސްކުރެވޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި ހުކުމް ތަންފީޒުކުރުން ފަސްކުރުމަކީ ޖިނާއީ އަދުލުގެ ނިޒާމު ދަންނަކަމެއް ނޫންކަމަށް ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވިއެވެ.