އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުންގެ މެދުގައި ހުރި ހިޔާލުތަފާތުވުންތައް މިހާރު ހައްލުވެފައިވާކަމަށް އީސީން ބުނެފިއެވެ.
އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އީސީގެ ރައީސް ފުއާދު ތައުފީގު މިހާރު ކޮމިޝަންގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ފުއާދު ނެތީ މިވަގުތު ޗުއްޓީގައި ހުރުމުންކަމަށް ހަބީބު ވިދާޅުވިއެވެ.
"އަޅުގަނޑުމެެން ހަތަރު މެންބަރުން އެސްޖީއާ އެކު މަޝްވަރާކޮށްފައި ހުންނާނީ، އެ ވާހަކަތައް އެތެރެއިން ހައްލުކޮށްފައި، އަޅުގަނޑުމެންގެ މަސައްކަތްތައް ކޮމިޝަނުގެ މަސައްކަތްތަކަށް ބައްޓަން ވާން" ހަބީބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އީސީގެ މެންބަރުންގެ މެދުގައި ހިނގި ހިޔާލުތަފާތުވުންތަކުގެ ވާހަކަ މީޑިއާއަށް ހިއްސާކުރަން ބޭނުންނުވާ ކަމަށެވެ. އެ ކަމަކީ ވަރަށް ހިތާމަވެރި ގޮތަކަށް ހިނގައިދިޔަ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ނަމަވެސް، ކޮމިޝަނުގައި ހިނގައިފި ކަމެއް ދެއްތޯ؟ އެއީ ކޮމިޝަނުން ޖޫން މަހުގެ ފަހުކޮޅުގައި ބޭއްވުނު ޖަލްސާއަކުން ދިމާވި ކަމަކާ ގުޅިގެން ކޮމިޝަނުގެ ރައީސް ވިދާޅުވި ވާހަކަފުޅުތަކަކާ ގުޅިގެން އެބަ ހުރި އަޅުގަނޑުމެންގެ ތެރޭގައި ނުތަނަވަސްކަމެއް މެންބަރުންގެ ތެރޭގައި އުފެދިފައި" ހަބީބު ވިދާޅުވިއެވެ.
އީސީގެ މެންބަރުންގެ ތެރޭގައި ހިޔާލުތަފާތުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މަޖިލީހުގެ ބައެއް މެންބަރުން ދަ ޑިމޮކްރެޓްސް އުފައްދަން އީސީއަށް ހުށަހެޅި ހިސާބުންނެވެ. ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކޮށްދިނުމުގެ މަސައްކަތް އަވަސް އަރުވާލައިގެން ފުއާދު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އީސީގެ ކުރީގެ މެންބަރު އަލީ ނަޝާތު ތުހުމަތުކުރެއްވިއެވެ. ނަމަބެސް އެ ތުހުމަތަށް ފުއާދު ވަނީ އިންކާރު ކުރައްވައިފައެވެ.
ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން ހުށަހެޅި ފޯމުތައް އިތުރަށް ނުބަލަން ދެ މެންބަރަކު ވޯޓު ދިނުމުން ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން އީސީން ހުއްދަދީފައި ނުވެއެވެ. އޭގެ ފަހުން އީސީގެ މެންބަރުން ވަނީ ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައެވެ. އަދި ފުއާދު ޗެއާކުރައްވާ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވާން ބައެއް މެންބަރުން ވަނީ ދެކޮޅުހަދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު