ޒާރޫރީ ބޭނުންތަކާއި އަސާސީ ހިދުމަތް ފޯރުކޮށް ދިނުމުގައި ބޮޑު ރަށް ކުޑަ ރަށް ތަފާތުކުރުމަކީ ގާނޫނާ ހިލާފު ކަމެއްކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒު، ކެމްޕޭނަށް ހދ އަތޮޅަށް ވަޑައިގެން ވިދާޅުވެފައިވަނީ އާބާދީ ބޮޑު ރަށްރަށަށް އޭނާގެ ސަރުކާރެއްގައި އިސްކަމެއް ދެއްވާނެ ކަމަށެވެ.

ނ. ޅޮހީގައި މިއަދު ބެއްވި ކެމްޕޭން ޖަލްސާގައި ޑރ. މުއިއްޒުގެ އެ ވާހަކައަށް ރައްދު ދެއްވައި ރައީސް ސޯލިހު ވިދާޅުވީ ކޮންމެ ރަށެއްގެ ރައްޔިތުންނަށް ވިޔަސް ހަމަހަމަ ފުރުސަތު ލިބެން ޖެހޭނެ ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން. ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކު ކޮންމެތާކު ދިރިއުޅުނު ކަމުގައި ވިޔަސް އެއިރަކު އޮންނަ ސަރުކާރަކުން އަދި އެ ސަރުކާރަކަށް ގާނޫނުއަސާސީން ލާޒިމުކޮށްފަ އޮތްކަމެއް ތަފާތުކުރުމެއްނެތި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން، އެހެންކަމުން އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންވެފަ އޮންނާނީ ކުރިއަށް އޮތް ތަނުގައިވެސް ތަފާތުކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅުވާލުވަމީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ. އެ ވައުދު ފުއްދުމުގެ ގޮތުން އާރްޓީއެލްގެ ނިޒާމުން ދެ އަތޮޅެއް ދަތުރުފަތުރުގެ ނިޒާމުން ގުޅުވާލައިފައިވާ ކަމަށާއި ދެން ގުޅުވާލާނީ ނ. އަތޮޅުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ދެން އިރާދަކުރެއްވިއްޔާ އެ ހިދުމަތް އަންނާނީ ނ. އަތޮޅަށް. މިހާރު ވަނީ އެކަމަށް ބޭނުންވާ ލޯންޗުފަހަރު ބަނުމަށް ކޮންޓްރެކްޓު ކުރެވިފަ. އަޅުގަނޑުމެންގެ އުއްމީދަކީ މިއަހަރު ނިމުމުގެ ކުރިން މި އޮތޮޅުގަ އެ މަޝްރޫއު، އެ ހިދުމަތް ފެށިގެން ދިޔުން. އިރާދަކުރެއްވިއްޔާ އެކަން ކުރެވިގެންދާނެ" ރައީސް ވިދާޅުވިއެވެ.

ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފިނަމަ ޅޮހީ ގިރާ ސަރަހައްދު ހިމާޔަތްކޮށް ފަތުރުވެރިންނަށް ހާއްސަ ބީޗެއް ހައްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ރަށު ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރައްވައި، ލެބޯޓަރީގެ ހިދުމަތް ގާއިމުކޮށްދެއްވާނެ ކަމަށާއި ރަށުގެ ސްކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލް ހަދައި، ރިސޯސް ރޫމެއް ސްކޫލުގައި ގާއިމުކޮށްދެއްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ޅޮހީގައި ޔޫތު ސެންޓަރެއް ވެސް ހައްދަވައިދެއްވާނެ ކަމަށެވެ.