ސްޕެނިޝް ލަލީގާ

ފުރަތަމަ މެޗުގައިވެސް ބެލިންހަމް ތަފާތު، ރެއާލް ފެށީ މޮޅަކުން

މިދިޔަ ސީޒަނުގައި ސްޕެނިޝް ލަލީގާގެ ދެވަނަ ޓީމުގެ ގޮތުގައި ނިންމާލި ރެއާލް މެޑްރިޑުން މި ސީޒަނުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ އެތުލެޓިކް ބިލްބާއޯ ބަލިކޮށްފިއެވެ.

ރެއާލުން ރޭ ރަށުން ބޭރުގައި ކުޅުނު މެޗު ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ، ރެއާލްއަށް ރޭގެ މެޗުގައި ގޯލު ޖަހައިދިން އިންގްލެންޑް މިޑްފީލްޑަރު ޖޫޑް ބެލިންހަމް އެވެ. ރޭގެ މެޗަކީ ބެލިންހަމް ރެއާލް ޖާޒީގައި ކުޅުނު ފުރަތަމަ ވާދަވެރި މެޗެވެ. މި ސީޒަނަށް 88.5 މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގައި ރެއާލްއިން ބެލިންހަމް ގެންދިޔައީ ބްރޫޝިއާ ޑޯޓުމަންޑުންނެވެ. އުމުރުން 20 އަހަރުގެ ބެލިމންހަމްއަށް ޔޫރަޕްގެ ބޮޑެތި ގިނަ ކްލަބުތަކަކުން ލޯ އަޅާފައިވާ އިރު، ރޭގެ މެޗުގެ ފުރަތަމަ 11 ގައި އޭނާ ކުޅެން ނުކުމެފައިވެއެވެ.

މެޗުގެ ކުރީކޮޅުގައި ހަމަލާތައް މަދުކޮށް ފެނިފައިވާ އިރު، 23 ވަނަ މިނެޓުގައި ރެއާލްގެ ރޮޑްރީގޯ ވަނީ ފުރަތަމަ ހަމަލާ އުފައްދާފައެވެ. އަރިމަތިން ގޮސް ހަނި އޭންގަލުން ފޮނުވާލި ހަމަލާ މަތަކޮށް ބޭރުކޮށްލީ ބިލްބާއޯގެ ކީޕަރު އުނައި ސިމޮންއެވެ.

އެ ހަމަލާއަށް މާ ގިނައިރެއް ނުވަނީސް، 28 ވަނަ މިނެޓުގައި ރެއާލްއިން މެޗުގެ ލީޑު ނެގިއެވެ. ޑެނީ ކަވަހާލް ތަނަވަސްކޮށްދިން ފުރުސަތަކަށް ކުރިއަށް ޖެހި ރެއާލްއަށް ލީޑު ނަގައިދިނީ ރޮޑްރީގޯއެވެ. އޭގެ ފަހުންވެސް ރެއާލްއިން ނުރައްކާ ކުރަމުން ގޮސްފައިވާ އިރު، ޑޭވިޑް އަލާބާ ކުރިއަށް ޖެހި ފޮނުވާލި ދެ ހަމަލާއެއްވެސް ބިލްބާއޯގެ ގޯލްކީޕަރު ސިމޮން މަތަކުރިއެވެ.

އޭގެ ފަހުން ރެއާލްއިން ލީޑު ފުޅާކުރީ މެޗުގެ 36 ވަނަ މިނެޓުގައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބެލިންހަމްއެވެ. އަލާބާގެ ހިލޭ ޖެހުން، ބެލިންހަމް ގޯލަށް ވައްދާލީ ބޯޅަ ވައިތެރޭގައި އޮއްވާ ބިމަށް ޖަހައި، ބައުންސްކޮށްލައިގެން ބިލްބާއޯ ގޯލްކީޕަރު ބޯމަތިންނެވެ.

ދެވަނަ ހާފުގައި ރެއާލްއާއި ބިލްބާއޯއިންވެސް މާ ގިނަ ހަމަލާތަކެއް ތަނަވަސްކޮށްފައި ނުވާ އިރު، ލޫކާ މޮޑްރިޗް ކުޅެން ނުކުމެ އުފެއްދި ހަމަލާއެއްގައި ރެއާލްއިން ތިންވަނަ ގޯލަކާ ގާތަށް ޖެހިލިއެވެ. އެހެން ނަމަވެސް، އެ ހަމަލާ ކާމިޔާބުނުވެ، މެޗު ނިމުނީ ދެ ގޯލުގެ ނަތީޖާއަކުން ރެއާލް މޮޅުވެގެންނެވެ.