ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންސާފު ހޯދައި ދޭނީ ޖުމްހޫރީ ޕާޓީން ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމު އިބްރާހިމް ގެ ރަނިން މޭޓް ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

އދ. މާމިގިލީގައި މިރޭ ބޭއްވި ގާސިމުގެ ކެމްޕޭން ޖަލްސާގައި އަމީން ވިދާޅުވީ، ޕީޕީއެމްގެ ކެންޑިޑެސީ ކުޑަ ޕާޓީއަކުން ޖަހައިގެންފައިވާ ކަމަށާއި ޕީޕީއެމްގެ މެންބަރުން މިއަދު މަގުމަތިވެއްޖެ ކަމަށެވެ.

"އެ ބޭފުޅުންނަށް (ޕީޕީއެމްގެ މެންބަރުންނަށް) ޖުމްހޫރީ ޕާޓީއަށް އަޅުގަނޑުމެން ދައުވަތު އަރުވަން. ރައީސް ޔާމީން ހިމާޔަތްކޮށްދޭނީ އެމަނިކުފާނަށް އިންސާފު ހޯދައިދޭނީ ޖުމްހޫރީ ޕާޓީން" އަމީން ވިދާޅުވިއެވެ.

ވ. އާރަށް މައްސަލާގައި ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި އެ ހުކުމާ ގުޅިގެން ކޮށްފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ސަބަބުން އިންތިހާބީ ދެ ޝަތުރެއް އުނިވާތީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ޔާމީން އެންގެވިއެވެ. ނަމަވެސް ޕީޕީއެމް-ޕީއެންސީގެ ސެނެޓުން ނިންމީ އިންތިހާބުގައި ވާދަކުރުމަށެވެ.

އޭރު ޕީއެންސީން އޮތީ ޔާމީންގެ އެންގެވުމާ އެއްގޮތަށް ބެކަޕް ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުއިއްޒު ނެރެން ނިންމައިފައެވެ. އަދި އިންހާބު ބޮއިކޮޓް ކުރަން ޔާމީން އެންގެވުމުން ދެ ޕާޓީގެ ލީޑާޝިޕުގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއްވެސް އުފެދުނެވެ. ނަމަވެސް މުއިއްޒުގެ ކެންޑިޑެސީ ފޯމު ހުށަހެޅުއްވި ފަހުން ޔާމީން ވަނީ މުއިއްޒު އެންޑޯޒް ކުރައްވައި، ސެނެޓުގެ ނިންމުމަށް ތާއީދުކުރައްވައިފައެވެ.

ޔާމީނަށް އިންސާފު ހޯދައިދޭނީ ޖޭޕީން ކަމަށް އަމީން ވިދާޅުވި އިރު، ދަ ޑިމޮކްރެޓްސްގެ ބާނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޔާމީން މިނިވަން ކުރާނެ ކަމަށް ވިދާޅުވެފައެވެ.