އޮސްޓްރޭލިއާއާއި ނިއު ޒިލެންޑްގައި މިހާރު ކުރިއަށްދާ ފީފާ އަންހެނުންގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ ފަހު ޖާގަތައް ކޯ ހޯސްޓް އޮސްޓްރޭލިއާއާއި އިންގްލެންޑުން ހޯދައިފިއެވެ.

އެންމެފަހުން އަންހެން ޔޫރޯ ކާމިޔާބުކުރި އިންގްލެންޑުން އޮސްޓްރޭލިއާގެ ސިޑްނީގެ ސްޓޭޑިއަމް އޮސްޓްރޭލިއާގައި ކުޅުނު ކުއާޓާ ފައިނަލް މެޗުގައި މިއަދު ކޮލަމްބިއާ ބަލިކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. އޭގެ ކުރިން މިއަދު ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ކޯ ހޯސްޓް އޮސްޓްރޭލިއާއިން އަމިއްލަ ގައުމުގައި ފްރާންސް ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރުވެސް 0-0 އިން ނަތީޖާ އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި އޮސްޓްރޭލިއާއިން މެޗު ކާމިޔާބުކުރީ 7-6 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ގިނަ ޕެނަލްޓީތަކެއް ފެނިގެން ދިޔަ އިރު، ނިމުން ވެގެންދިޔައީ ޑްރާމާ ބޮޑު ނިމުމަކަށެވެ.

ބްރިސްބަން ސްޓޭޑިއަމަށް އޮސްޓްރޭލިއާ 50،000 ސަޕޯޓަރުން ވަދެ އޮތް އިރު، މެޗުގެ ކުރީކޮޅުގައި ހަމަލާތައް ފެނުނީ މަދުކޮށެވެ. ހާފު ނިމެންދަނިކޮށް ފްރާންސާއި އޮސްޓްރޭލިއާއަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވި އިރު، ފްރާންސަށް ކޯނަރެއްގައި ލިބުނު ފުރުސަތުގައި ވެންޑީ ރެނާޑް ފޮނުވާލި ހަމަލާ ވީ ނާކާމިޔާބެވެ. އަދި އަނެއްކޮޅުން އޮސްޓްރޭލިއާ މޭރީ ފޯލާ ފޮނުވާލި ހަމަލާވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ.

ދެވަނަ ހާފްގެ ކުރީކޮޅުގައިވެސް ހަމަލާތައް ފެނިގެން ގޮސްފައިވާ އިރު، އޮސްޓްރޭލިއާ ހޭލޭ ރާސޯ ފޮނުވާލި ހަމަލާ ފްރާންސް ކީޕަރު މަތަކުރިއެވެ.

ޕެނަލްޓީއަށް ފްރާންސުން ގޯލްކީޕަރު ބަދަލުކޮށްފައިވާ އިރު، ފަސްވަނަ ޕެނަލްޓީއާ ހަމައަށް ދިޔަ އިރު، އޮސްޓްރޭލިއާއަށް މޮޅުވާން ފުރުސަތު އޮތް ނަމަވެސް، އޮސްޓްރޭލިއާ ކީޕަރު މެކެންޒީ އާނޯލްޑް ޖެހި ޕެނަލްޓީ ފްރާންސް ކީޕަރު މަތަކުރިއެވެ. އޮސްޓްރޭލިއާގެ ކްލެއާ ހަންޓަށްވެސް މެޗުން މޮޅުވާން ލިބުނު ފުރުސަތު އޭނާ ނަގާލިއެވެ. އަދި އޭގެ ފަހުން ފްރާންސްގެ ކެންޒާ ޑަލީ ދެފަހަރަށް ޖެހި ޕެނަލްޓީވެސް އޮސްޓްރޭލިއާ ކީޕަރު މަތަކޮށް، އެޓީމަށް ސެމީ ޔަގީންކޮށްދިނެވެ.

އިންގްލެންޑުން ކުޅުނު މެޗުގައި، އެޓީމުން ފެށީ އެންމެ ރަނގަޅަކަށް ނޫނެވެ. ދެޓީމުންވެސް ފިޒިކަލް ކޮށް ފެނުނު ފުރަތަމަ 40 މިނެޓަކަށްފަހު، ހާފު ނިމިގެން ދިޔައީ ކޮލަމްބިއާ އިން ލީޑު ނަގައިގެންނެވެ. ލެއިސީ ސަންޓޯސް އެ ގޯލު ޖަހީ އިންގްލެންޑް ގޯލްކީޕަރު ބޯމަތިން ބޯޅަ ގޯލަށް އޮއްސާލައިގެންނެވެ.

ކޮލަމްބިއާއިން ލީޑު ނަގައިގެން ހާފު ނިމެން ދަނިކޮށް، އިންގްލެންޑުން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަލޭސިއާ ރޫސޯ ޖެހި ޝޮޓް، ކޮލަމްބިއާ ގޯލްކީޕަރު އަތުގައި ޖެހިފައި ނުކުތުމުން، އެ ބޯޅަ ގޯލަށް ވައްދާލައި، އިންގްލެންޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލޮރެން ހެމްޕެވެ.

ދެވަނަ ހާފަށް ނުކުމެ އިންގްލެންޑުން މެޗުގެ ލީޑުވެސް ނެގިއެވެ. ރަނގަޅަށް ދެވަނަ ހާފު ފަށައި އިންގްލެންޑުން ލީޑު ނެގީ ރޫސޯ ޖެހި ގޯލުންނެވެ. އިންގްލެންޑުން ލީޑު ނެގުމާއެކު ކޮލަމްބިއާއިން ކުރިއަށް ޖެހިލި ނަމަވެސް އިންގްލެންޑުން ރަނގަޅަށް ޑިފެންސް ކުރިއެވެ.

އިންގްލެންޑާއި އޮސްޓްރޭލިއާގެ އިތުރުން ދެން އަންހެން ވޯލްޑް ކަޕްގެ ސެމީއަށް ދަތުރުކުެި ޓީމުތަކަކީ ސްޕެއިނާއި ސްވިޑެންއެވެ.