އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އެ ޕާޓީން ބޭވަފާތެރި ވެފައިވާ ކަމަށާއި ކުރިއަށްއޮތް ތަނުގައި ވެސް އެމަނިކުފާނު މިނިވަންކޮށްދެވޭނީ ދަ ޑިމޮކްރެޓްސްއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގދ. ގައްދޫގައި އިއްޔެ ހަވީރު ބޭއްވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ޕީޕީއެމްގެ ވަރަށް ގިނަ މެންބަރުން އިލްޔާސް ލަބީބަށް ވޯޓުދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި ޕީޕީއެމްގެ މެންބަރުންނަށް އެތައް މެންބަރުންނަކަށް މިހާރު ވަމުންދާ ގޮތް އެނގޭ ކަމަށެވެ.

"ވިސްނަވާލައްވާ ބޭވަފާތެރިކަން. ރައީސް ޔާމީނަށް ބޭވަފާވެރިވީމަ އަދި ދެން އުފެދިދާނެ ސަރުކާރެއްގައި ރައީސް ޔާމީނަށް އެއްވެސް ފަހި ފުރުސަތެއް ނެތިގެން ދިއުމާއި، މިކަންކަން އެ މަގަށް ދާ ތަން ޕީޕީއެމްގެ އެތައް މެންބަރުންނަކަށް އެބަ ފެނޭ. ޕީޕީއެމްގެ އެތައް މެންބަރުންނަކަށް އެބަ ފެނޭ އަޅުގަނޑަށް ވީގޮތް، ބޮމަކާ ހިސާބުން އައިސް މިއަދާ ހަމައަށް. ދެން އުފެދޭ ސަރުކާރެއްގައި ޕީޕީއެމްގެ މެންބަރުންނަށް ވެސް ނޭދޭ ރައީސް ޔާމީނަށް ދެރަގޮތެއް ވާކަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޕީޕީއެމަށް ރައީސް ޔާމީން މިނިވަންކުރުމަށް މަސައްކަތްކުރެވޭ ނަމަ، އެމަނިކުފާނު މިހާރު ޖަލުގައި ނުހުންނަވާނެ ކަމަށާއި މިދިޔަ ފަސް އަހަރު ޔާމީން ޖަލުގައި އެ ހުންނެވީ ޕީޕީއެމް ލީޑަޝިޕްގެ އެތައް ބޭފުޅުންނެއް އެގޮތަށް ބޭނުންވުމުން ކަމަށެވެ.

މިއަދުވެސް ރައީސް ޔާމީން ޖަލުން ނެރުމަށް ހަގީގީ މަސައްކަތެއް ކޮށްދެވެން އޮތީ އަޅުގަނޑުމެންނަށް، ޕީޕީއެމްއަކަށް ނޫން. އަޅުގަނޑު ޖަލުގައި ކުޑަ ދުވަސްކޮޅެއް އިނދެފައި ފުރައިގެން ދިޔައީ އެމްޑީޕީގެ މެންބަރުންނަށް އެކަން ކުރަންވެސް އެނގޭތީ، އަދި މިއަދު އަޅުގަނޑާ އެކުގައި މިތިބި އެމްޑީޕީގެ އެތައް ބޭފުޅުންނެއް، ތިޔަބޭފުޅުންގެ އިއްޒަތްތެރި މެންބަރު އަހުމަދު ޒާހިރު އަދި މެންބަރު ފިރުޝާން، މި ބޭފުޅުންގެ ގިނަގުނަ ބައިވަރު މަސައްކަތުގެ ސަބަބުން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެއްބަސްވުމަކަށް އައިސް، ޕީޕީއެމްގެ މެންބަރުން ދަ ޑިމޮކްރެޓްސްއާއެކު މަސައްކަތްކޮށްފި ނަމަ، މަގުމައްޗަށް ނުކުމެގެންވިޔަސް ޔާމީން ޖަލުން މިނިވަންކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.