އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، މިދިޔަ ފަސް އަހަރު ވާންދެން ޖަލުގައި އޮންނަވަން ޖެހިވަޑައިގެންނެވީ ޕީޕީއެމްގެ ލީޑަޝިޕްގެ އެތައް ބޭފުޅުންނެއް އެގޮތަށް ބޭނުންވީމަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީން ފޯމު ހުށަހެޅުއްވި ނަމަވެސް، އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެމަނިކުފާނުގެ ކެންޑިޑެސީ ގަބޫލުކޮށްފައެއް ނުވެއެވެ. ސުޕްރީމް ކޯޓުން ވެސް ޔާމީނަށް ކާމިޔާބީ ލިބިވަޑައިނުގެންނެވުމުން އިދިކޮޅުން ކެންޑިޑޭޓެއްގެ ގޮތުގައި ނެރުނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

ގދ. ގައްދޫގައި އިއްޔެ ހަވީރު ބޭއްވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ޔާމީން މިނިވަންކުރެވެން އޮތީ ޕީޕީއެމަކަށް ނޫން ކަމަށާއި އެކަން ކުރެވެން އޮތީ ދަ ޑިމޮކްރެޓްސްއަށް ކަމަށެވެ. އަދި ޕީޕީއެމަށް ރައީސް ޔާމީން މިނިވަންކުރަން މަސައްކަތްކުރެވޭ ނަމަ، މިހާރު އެމަނިކުފާނު ހުންނަވާނީ މިނިވަންވެފައި ކަމަށް ވެސް ވިދާޅުވިއެވެ.

"ޕީޕީއެމަށް އެ މަސައްކަތްކުރެވޭ ނަމަ، ރައީސް ޔާމީން ޖަލުގައެއް ނުހުންނަވާނެ. ރައީސް ޔާމީން ފަސް އަހަރު، މި ދައުރު އެކީ ޖަލުގައި އެ ހުންނެވީ މިއަދު ޕީޕީއެމްގެ ލީޑަޝިޕްގައި އެ ތިއްބެވި އެތައް ބޭފުޅުންނެއް އެކަން އެގޮތަށް އޮތުމަށް އެދިވަޑައިގެން ތިއްބެވީތީވެ. އަޅުގަނޑު ޖަލުގައި ކުޑަ ދުވަސްކޮޅެއް އިނދެފައި ފުރައިގެން ދިޔައީ އެމްޑީޕީގެ މެންބަރުންނަށް އެކަން ކުރަންވެސް އެނގޭތީ، އަދި މިއަދު އަޅުގަނޑާ އެކުގައި މިތިބި އެމްޑީޕީގެ އެތައް ބޭފުޅުންނެއް، ތިޔަބޭފުޅުންގެ އިއްޒަތްތެރި މެންބަރު އަހުމަދު ޒާހިރު އަދި މެންބަރު ފިރުޝާން، މި ބޭފުޅުންގެ ގިނަގުނަ ބައިވަރު މަސައްކަތުގެ ސަބަބުން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޔާމީންގެ ސަރުކާރުގައި ކުރި ހުކުމުން ލުޔެއް ލިބި، ބޭރަށް ފުރައިވަޑައިގަތުމަށް ފުރުސަތު ލިބިވަޑައިގެންނެވީ ބައިނަލްއަގުވާމީ ދުނިޔެއާއި މާލޭގެ މަތިން ކުރި މަސައްކަތާއެކު ކުރިމަތިވި ޕްރެޝަރުގެ ސަބަބުން ކަމަށާއި ނަމަވެސް ޔާމީނަށް އެ ލުއި ލިބިވަޑައިނުގެންނެވީ ޕީޕީއެމުން އެގޮތަށް މަސައްކަތް ނުކުރުމުން ކަމަށެވެ.

"އަޅުގަނޑަށް އިތުރު އުފާވެރިކަމެއް ލިބެނީ، ބައެއް މީހުންނަށް ކަންބޮޑުވުމެއް ވެސް އާދޭ ޕީޕީއެމްގެ ވަރަށް ގިނަ މެންބަރުން އިލްޔާސް ލަބީބަށް ވޯޓުދިނުމަށް ތައްޔާރުވަމުން އަންނަކަމުން. އަޅުގަނޑަށް އެނގޭ އޭގެ ސަބަބު. ވިސްނަވާލައްވާ ބޭވަފާތެރިކަން. ރައީސް ޔާމީނަށް ބޭވަފާވެރިވީމަ އަދި ދެން އުފެދިދާނެ ސަރުކާރެއްގައި ރައީސް ޔާމީނަށް އެއްވެސް ފަހި ފުރުސަތެއް ނެތިގެން ދިއުމާއި، މިކަންކަން އެ މަގަށް ދާ ތަން ޕީޕީއެމްގެ އެތައް މެންބަރުންނަކަށް އެބަ ފެނޭ. ޕީޕީއެމްގެ އެތައް މެންބަރުންނަކަށް އެބަ ފެނޭ އަޅުގަނޑަށް ވީގޮތް، ބޮމަކާ ހިސާބުން އައިސް މިއަދާ ހަމައަށް. ދެން އުފެދޭ ސަރުކާރެއްގައި ޕީޕީއެމްގެ މެންބަރުންނަށް ވެސް ނޭދޭ ރައީސް ޔާމީނަށް ދެރަގޮތެއް ވާކަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ޑިމޮކްރެޓްސްއާއެކު މަސައްކަތްކުރުމަށް ޕީޕީއެމުން އެއްބަސްވެ، ސޮއިކުރާތާ ހަފުތާއެއްގެ ތެރޭގައި މާލޭގެ މަގުމައްޗަށް ނުކުމެގެންވިޔަސް ރައީސް ޔާމީން ގެއަށް ދޫކޮށްލައިދެއްވާނެ ކަމަށާއި އަދި މިނިވަން ވެސް ކޮށްދެއްވާނެ ކަމަށެވެ.