ޚަބަރު

"ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ނުނެރުނީ ޔާމީނަށް ޕާޓީ ގެއްލުމުގެ ފުރުސަތު ނުދޭންވެގެން"

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި، އެންމެ ފަހު ވަގުތުގައިވެސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނޫން އެހެން ކެންޑިޑޭޓެއް ނުނެރުނީ އެ ހާލަތުގައި ރައީސް ޔާމީނަށް ޕާޓީ ގެއްލިވަޑައިގަތުމުގެ ފުރުސަތު އޮންނާނެތީ ކަމަށް ޕާޓީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީ ލީޑަރޝިޕްގެ ބައެއް ބޭފުޅުން މިހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޕީޕީއެމުން ވަކިވެވަޑައިގެންނެވި މައްސަލައިގައި "ވަން" އިން ސުވާލު ދެންނެވުމުންނެވެ.

ޑރ. ވަހީދު ޕީޕީއެމުން ވަކިވެވަޑައިގެންފައިވާއިރު، އެ މަނިކުފާނަށް ރިޔާސީ ޓިކެޓު ދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ޑރ. ވަހީދު ޕީޕީއެމްއަށް ފޮނުއްވި ސިޓީފުޅުގައި ވެސް ވަނީ، ޕީޕީއެމުން ކެންޑިޑޭޓެއް ނުނެރުނު މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ބައެއް މަސްދަރުތައް ބުނާ ގޮތުގައި، ރައީސް ޔާމީން ވަނީ އެ ފަދަ ވާހަކަތަކެއް ރައީސް ޑރ. ވަހީދާ ދައްކަވައިފައެވެ. އެހެން ނަމަވެސް، އެކަން ކަށަވަރުކުރެވޭނެ ގޮތެއް ނުވިއެވެ. ރައީސް ޔާމީންގެ ކެންޑިޑޭސީ މައްސަލަ، ސުޕްރީމް ކޯޓުން ނާކާމިޔާބުވެވަޑައިގެންނެވި ދުވަހު ޑރ. ވަހީދު ވަނީ މީޑިއާތަކާ މި ވާހަކަ ހިއްސާކުރައްވައިފައެވެ. ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ތައްޔާރަށް ހުންނެވި ވާހަކަ ރައީސް ޔާމީނަށް ދަންނަވައިފައިވާނޭ ކަމަށް ޑރ. ވަހީދު އެ ދުވަހު ވިދާޅުވި އެވެ.

ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅަކު، ނަން ނުޖެހުމަށް ޝަރުތުކުރައްވައި "ވަން" އަށް ވިދާޅުވީ، އެ ޕާޓީން އެހެން ކެންޑިޑޭޓަކު ނެރުމަކީ، އެ ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާކަން ލިބިވަޑައިގަންނަވާ ހާލަތެއްގައި ރައީސް ޔާމީނަށް ޕީޕީއެމްގެ ރައީސްކަން ގެއްލިވަޑައިގަންނަވާނޭ ކަމެއް ކަމަށެވެ.

"ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާގޮތުން، ޕާޓީގެ ޓިކެޓުގައި ވާދަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ކަމަށް ބޭފުޅަކު ހޮވިވަޑައިގެންފި ނަމަ، އެބޭފުޅަކު އޮޓަމެޓިކުން ވެވަޑައިގަންނަވާނީ ޕާޓީގެ ވެސް އެންމެ އިސް ފަރާތަށް. އެހެންވީމާ އެ ހާލަތުގައި ރައީސް ޔާމީނަށް ޕީޕީއެމް ގެއްލިވަޑައިގަތުމުގެ ފުރުސަތު އެބަ އޮވޭ. އެ ހާލަތު މެދުވެރިވެދާނޭ އެއްވެސް ކަމެއް ކުރާން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ބޭނުމެއް ނުވޭ. ޕީޕީއެމްގެ ކެންޑިޑޭޓެއް ނުނެރުނު މައިގަނޑު ސަބަބަކީ އެއީ." ވަން އާ ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވިއެވެ.

ރައީސް ޑރ. ވަހީދު، ޕާޓީގެ މެންބަރެއްގެ ގޮތުންނާއި ސެނެޓާއެއްގެ ގޮތުގައި އަދި ސްޕެޝިއަލް އެޑްވައިޒަރުކަމުގެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި މަސައްކަތްތައް ރައީސް ޔާމީނާއި ލީޑާޝިޕް އަދި ޕާޓީގެ މެންބަރުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށް ވެސް ވަން އާ ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

ރައީސް ޑރ. ވަހީދު ޕީޕީއެމުން އިސްތިއުފާދެއްވާފައިވާއިރު، ރޭގެ ވަގުތެއްގައި އެ މަނިކުފާނު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމާ ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުވުން ސަން އައިލެންޑްގައި ކުރިޔަށް ދިޔައިރު، ބައެއް މަސްދަރުތައް ބުނަނީ، މިރޭ އޮންނަ ރަސްމިއްޔާތެއްގައި، ޑރ. ވަހީދު ޖުމުހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާނޭ ކަމަށެވެ.

މި ކަންކަމާ ގުޅޭ ގޮތުން، ޑރ. ވަހީދުގެ ބައެއް ހޯދަން މެސެޖު ކުރުމުން ވިދާޅުވީ، މި ވަގުތު ވާހަކަފުޅު ދައްކަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.