ސަރުކާރުގެ އިންޓަނެޓް އަގުހެޔޮކުރުމުގެ ސިޔާސަތުގެ ދަށުން ގެނައި "އިންޑިއާ އޭޝިއާ އެކްސްޕްރެސް" (އައިއޭއެކްސް) ސަބްމެރިން ކޭބަލް ހުޅުމާލެއަށް އެއްގަންކޮށް، ކޭބަލް ލޭންޑިން ސައިޓު ކަމަށްވާ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ކެބަލްލޭންޑިންގް ސައިޓާ ގުޅާލައިފައެވެ.

ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޭބަލް އެއްގަމަށް އަރުވައި އިފުތިތާހުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ.

އެ ސަބްމެރިން ކޭބަލަކީ އިންޑިއާގެ ބިލިނިއަރެއް ކަމަށްވާ މުކޭޝް އަންބާނީގެ "ރިލަޔަންސް ޖިއޯ" އާ ހަވާލުކޮށްގެން ސަރުކާރުން އެޅި އިންޓަނެޓް ސަބްމެރިން ކޭބަލްއެކެވެ. އިންޓަނެޓުގެ އަގު ހެޔޮކުރަން މުޅިންއާ ކޭބަލެއް އެޅުމަށް ސަރުކާރުން، ރިލަޔަންސް ޖީއޯއާއެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ.

ރާއްޖެއަށް ގުޅާލައިފައިވަނީ ޖިއޯ އިން ގާއިމްކުރަމުން އަންނަ ޖުމްލަ ދެ ކޭބަލް ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު ސަބްމެރިން ކޭބަލް ނެޓްވޯކުގެ ތެރެއިން އޭޝިއާ ސަރަހައްދުގައި އަޅާ "އިންޑިއާ-އޭޝިއާ އެކްސްޕްރެސް" ކޭބަލްގެ ކޮޅެކެވެ.

އެ ކޭބަލަކާއެކު ސިކުންތަކު 100 ޖީބީގެ ސްޕީޑުގެ އިންޓަނެޓް ލިބޭނެއެވެ. އަދ އިންޓަނެޓް ކެޕޭސިޓީއަކީ ސިކުންތަކު 200 ޓީބީއެވެ.

ސަރުކާރުން ބުނެފައިވަނީ ކޭބަލް އަޅައި ނިމުނުން އިންޓަނެޓް އެކްސްޕޯޓް ކުރުމުގެ ވިޔަފާރީގެ ތެރެއަށް ވަންނާނެ ކަމަށެވެ.