އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން މަސްވެރިން ބާނާ ހުރިހާ މަހެ ގަނެ، ރައްކާކުރުމުގެ ގާބިލިއްޔަތުކަން ލިބިގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ގއ. ގެމަނަފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާގެ ތަރައްގީއަށް ސަރުކާރުން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި 25 މަޝްރޫއެއް ހިންގަމުން ކަމަށެވެ. އެ މަޝްރޫއުތަކުގެ ތެރޭގައި މަސް ގަންނަ ޕޮއިންޓާއި މަސް ރައްކާކުރާނެ ނިޒާމު އަދި އައިސްޕްލާންޓުގެ މަސައްކަތް ހިމޭނެ ކަމަށް ވިދާޅުވިއެވެ.

"ކުރިއަށް އޮތް 2024 ވަނަ އަހަރުގެ ޖޫން މަހާ ހިސާބަށް އަންނައިރު އަޅުގަނޑުމެން ފަށާފައިވާ މި މަސައްކަތް ނިމި އިރާދަކުރެއްވިޔާ މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެ، ރައްކާކުރެވޭވަރު އަޅުގަނޑުމެންނަށް ވާނެ" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ 1970 ވަނަ އަހަރުން ފެށިގެން އައި ސަރުކާރުތަކުން މަސްވެރިކަމުގެ ދާއިރާއަށް އިހުމާލުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެ ދާއިރާ ތަރައްގީވާންޖެހޭ ވަރަށް ތަރައްގީ ވެފައި ނުވާ ކަމަށެވެ. އެކަމުގެ ޒިންމާ އެ ސަރުކާރުތައް ހިންގުމަށް ތިބި ބޭފުޅުން ނަގަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި މަސްވެރިންނަށް ބޮޑު އަގެއް ލިބިގެންދިޔަ ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން މިފްކޯއަށް ވެފައިވާ މާލީ ގެއްލުންތަކުން އަރައިގަތުމަށް މި ސަރުކާރުން ޖެހުނު ކަމަށްވެސް ރައީސް ވިދަޅުވިއެވެ.