އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީން ކްލަބު ވެލެންސިއާ ބަލިކޮސްފިއެވެ.
މިއަދު ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީން ވެލެންސިއާ ބަލިކުރީ ފަހަތުން އަރައި 2-1ގެ ނަތީޖާ އަކުންނެވެ. މިއަދުގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު ޔޫވީ ވަނީ ތާވަލުގެ ހަވަނައަށް ޖެހިލައިފައެވެ. މިހާތަނަށް ކުޅުނު އަށް މެޗުން ޔޫވީއަށް ހަ ޕޮއިންޓް ލިބިފައިވާ އިރު، ވެލެންސިއާއަށް އަދި މިހާތަނަށް އަށް މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
މިއަދުގެ މެޗު ވެލެންސިއާއަށް ހާއްސަވީ އެ ޓީމުގެ 14 އަހަރުގެ ފޯވާޑް، އީތަން އިބްރާހިމް ޒަކީ ގޯލު ޖެހުމުންނެވެ. މިއަދުގެ ގޯލާއެކު އީތަން ވެފައި ވަނީ ރާއްޖޭގެ ލީގުގައި ގޯލު ޖެހި އެންމެ އުމުރުން ހަގު ކުޅުންތެރިޔާ އަށެވެ. ވެލެންސިއާ އެންމެ ފަހުން ކުޅުނު މެޗުގައި މީގެ ހަަތަރު ވަރަކަށް ދުވަސް ކުރިން، ކްލަބް ގްރީން ސްޓްރީޓްސް ކޮޅަށް ގޯލު ޖަހައި، އުމުރުން 15 އަހަރުގެ ޔޫސުފް އަޔާން އާމިރު ވަނީ ލީގުގައި ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ހަދައިފައެވެ. އެ ރެކޯޑަށް ގިނަ ދުވަސްތަކެއް ނުވެ، އީތަން މި ވަނީ ރެކޯޑް މުގުރާލައިފައެވެ.
އަޔާން މުގުރާލީ އަލީ އަޝްފާގު (ދަގަނޑޭ) އަތުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ރެކޯޑެކެވެ.
މި ފަހަރުގެ ލީގުގައި ވެލެންސިއާއިން ޒުވާން ކުޅުންތެރިންތަކެއް ބޭނުންކުރަމުންދަނީ އެ ކްލަބަށް ދިމާވެފައިވާ ފީފާގެ ބޭންގެ ސަބަބުން ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭތީއެވެ. ވެލެންސިއާއިން މުސާރަތައް ނުދީ އޮތުމުން ސީޒަންގައި މިހާތަނަށް އެ ޓީމަށް އަދި އަލަށް ގެންދިޔަ ކުޅުންތެރިންވެސް ރަޖިސްޓްރީ ކުރެވިފައެއް ނުވެއެވެ.
އީތަން މިއަދުގެ މެޗުގެ 12ވަނަ މިނެޓުގައި ލީޑު ނެގީ އުމުރުން 14 އަހަރުގެ މުހައްމަދު އިލާން އިމްރާން ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. އީތަން މެދުތެރެއިން ދެ ކުޅުންތެރިން ނައްޓާލައިފައި އޭރިއާ ތެރެއަށް ވަންނަން މަސައްކަތް ކޮށްފައިވާ އިރު، އޭނާ އަތުން ގެއްލުނު ބޯޅަ އިލާނަސް ލިބުނުން އޭނާ ހުރަސްކޮށްލިއެވެ. އެ ހުރަހަށް އަރައި އީތަން ގޯލަށް ބޯޅަ ވައްދާލީ ސްލައިޑިން ޓެކުލެއްގައެވެ.
ޔޫވީން ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ޓީމުގެ ފުރަތަމަ ގޯލު ޖަހައި ދިނީ އުމުރުން 19 އަހަރުގެ އަރަމުން އަންނަ ފޯވަޑް ޝަނާން ރަޝާދެވެ. އަދި ދެވަނަ ހާފަށް ނުކުމެ ޔޫވީން މެޗުގެ ލީޑު ނެގިއެވެ. 57 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ މެޗުގައި މޮޅަށް ކުޅުނު އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އެވެ.