އޮސްޓްރޭލިއާއާއި ނިއު ޒިލެންޑްގައި މިހާރު ކުރިއަށްދާ ފީފާ އަންހެނުންގެ ވޯލްޑް ކަޕްގެ ގަދަ 16ގައި މިއަދު ކުޅުނު މެޗުތައް ކާމިޔާބުކޮށް، އިންގްލެންޑާއި އޮސްޓްރޭލިއާ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އިންގްލެންޑުން ކުއާޓާ ޔަގީން ކުރީ މިއަދު ބްރިސްބޭން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން 4-2 އިން ނައިޖީރިއާ ބަލިކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރުވެސް ގޯލެއް ނުޖެހި އޮތުމުން ޕެނަލްޓީއަށް ގޮސްފައިވާ އިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް އިންގްލެންޑްގެ ލޮރެން ޖޭމްސްއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ.
މިހާތަނަށް ވޯލްޑް ކަޕްގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ލޮރެން ޖޭމްސްއަށް މެޗުގައި ރަތް ކާޑު ދެއްކީ 87 ވަނަ މިނެޓުގައި ނައިޖީރިއާގެ މިޝޭލް އެލޯޒީ ގަޔަށް ފައިން އެރުމުންނެވެ. ޖޭމްސް އެލޯޒީ ގަޔަށް ފައިން އެރިތަން ފުރަތަމަ ރެފްރީއަށް ނުފެނުނު ނަމަވެސް، ފަހުން ރަތް ކާޑު ދެއްކީ ވީއޭއާރް ބެލުމަށްފަހުއެވެ.
މިއަދުގެ މެޗުގައި ނައިޖީރިއާގެ ފަރާތުން ބޮޑަށް ނުރައްކާކޮށް ފެނިގެން ގޮސްފައިވާ އިރު، ދެ ހާފުގައިވެސް އެ ޓީމުން ނުރައްކާތެރި ހަމަލާތައްވެސް ފޮނުވާލިއެވެ. އެފްރިކާގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައިވާ ނައިޖީރިއާގެ އެޝްލޭ ޕްލަމްޕްޓްރާ ފުރަތަމަ ހާފުގައި ފޮނުވާލި ހަމަލާ ދަނޑިއަށް އަމާޒުވި އިރު، ދެވަނަ ހާފުގައި އުޗެއްނާ ކާނޫ ބޮލުން ފޮނުވާލި ހަމަލާވެސް ބޭރުވީ ދަނޑީގައި ޖެހިފައެވެ.
އޭގެ އިތުރުންވެސް ނައިޖީރިއާގެ ނުރައްކާތެރި ދެ ހަމަލާއެއް އިންގްލެންޑްގެ ގޯލްކީޕަރު މެރީ އިއާޕްސް މަތަކުރި އިރު، އިންގްލެންޑަށް ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ ބެތަނީ އިންގްލެންޑާއި ރޭޗަލް ޑަލީ، އެލެކްސް ގްރީންވުޑާއި ކްލޮއީ ކޮލީއެވެ. ނައިޖީރިއާއަށް ކާމިޔާބު ކުރެވުނު ދެ ޕެނަލްޓީއަކީ ރަޝީދަތު އަޖިބާޑޭއާއި އުޗެއިބޭ ޖެހި ޕެނަލްޓީތަކެވެ.
މުބާރާތުގެ ކޯ ހޯސްޓް، އޮސްޓްރޭލިއާއިން މިއަދުގެ މެޗުގައި ޑެންމާކު ބަލިކުރީ 2-0ގެ ނަތީޖާ އަކުންނެވެ. ސިޑްނީގައި މިއަދު ކުޅުނު މެޗުގައި އޮސްޓްރޭލިއާގެ ފުރަތަމަ ގޯލު ޖަހައި ދިނީ ކެޓްލިން ފޯޑެވެ. އަދި ދެވަނަ ހާފުގައި ދެވަނަ ގޯލެއް ޖަހައި ނަތީޖާ ޔަގީން ކޮށްދިނީ ހޭލޭ ރާސޯއެވެ.
ފީފާ އަންހެނުންގެ ވޯލްޑްކަޕް
ފީފާ އަންހެނުންގެ ވޯލްޑްކަޕް
ފީފާ އަންހެނުންގެ ވޯލްޑްކަޕް