މުސާރައިގެ މައްސަލަތަކުގެ ސަބަބުން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފަސް ކްލަބަކަށް ޓްރާންސްފާ ނުކުރެވޭ ގޮތަށް އަދަބު ދީފައިވާކަން އެނގިއްޖެއެވެ.
މިމަހު 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ޓްރާންސްފާ މާކެޓް ހުޅުވިފައި އޮތް ނަމަވެސް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބު އީގަލްސް ފިޔަވާ އިތުރު ކްލަބުތަކަކުން ޓްރާންސްފާތައް ކުރިތަން ފެނިފައެއް ނުވެއެވެ. ގިނަ ކްލަބުތަކަކުން ޓްރާންސްފާތައް ނުކޮށް މަޑުކޮށްފައި ވަނީ ޓްރާންސްފާ ބޭންގެ ސަބަބުންކަން "ވަން ސްޕޯޓްސް"އަށް ވަނީ ޔަގީންވެފައެވެ.
މިވަގުތު ރާއްޖޭގައި ޓްރާންސްފާ ބޭންއެއް ނެތި އޮތް ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބަކީ މާޒިޔާ އާއި އީގަލްސްގެ އިތުރުން ބުރު ސްޕޯޓްސް ކްލަބެވެ. އެހެން ކްލަބުތަކުގެ މުސާރައިގެ މައްސަލަތައް ފީފާގައިވެސް އޮތް އިރު، އެ ކްލަބުތަކަށް މިވަގުތު ރަޖިސްޓްރީ ކުރެވެނީ ޔޫތު ޓީމުގެ ކުޅުންތެރިން އެކަންޏެވެ.
މިވަގުތު އެންމެ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ ފުޓުބޯޅައިގައި ލޯކަލް ބޭންއެއްގައި އޮތް ކްލަބު ވެލެންސިއާއަށް އަދި މި ސީޒަނަށް އަލަށް ގެންދިޔަ ކުޅުންތެރިންވެސް ރަޖިސްޓްރީ ކުރެވިފައެއް ނުވެއެވެ. ވެލެންސިއާއަށް ޓްރާންސްފާ ބޭންއާ ކުރިމަތިވީ މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު ސްޕެއިންގެ ދެކުޅުންތެރިން ކަމަށްވާ ބޯހަސް މާޓިން އާއި ހޯސޭ ޑޮމިންގޭޒްއަށް ދޭން ޖެހޭ 48،000 ޑޮލަރުގެ މައްސަލައެއްގައެވެ.
އެ ފައިސާގެ ތެރެއިން ބައެއް ދެއްކި ކަމަށް ވެލެންސިއާއިން ނޫސްތަކަށް ބުނި ނަމަވެސް، އަދިވެސް އެއްކޮށް ފައިސާ ދައްކާފައި ނުވާކަން "ވަން ސްޕޯޓްސް" އަށް ވަނީ އެނގިފައެވެ. ހާއްސަކޮށް ބޯހާސްއަށް ދޭން ޖެހޭ ފައިސާ އަދިވެސް ދައްކާ ހަލާސްކޮށްފައިނުވާ ކަމަށް އޭނާ ވަނީ ޔަގީން ކޮށްދީފައެވެ. ބޯހާސް ކޭސް ނަގަން ތައްޔާރު ކަމަށް ބައެއް އަޑުތައް ފެތުރުނު ނަމަވެސް، އެ ފައިސާ އެއްކޮށް ދައްކާ ހަލާސް ނުކުރަނީސް ކޭސް ނަގަން ބޯހާސް ބޭނުންނުވާ ކަމަށް އޭނާ ބުންޏެވެ.
ވެލެންސިއާގެ ބޭންގެ ސަބަބުން އެ ކްލަބަށް މި ސީޒަނަށް އަލަށް ގެންދިޔަ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ރިލްވާން ވަހީދު (ރިލޭ) ވެލެންސިއާއާ އެކު ތަމްރީނުތަކުގައި ބައިވެރިވި ނަމަވެސް، ޓީމަށް މެޗެއް ކުޅެވޭ ގޮތެއް އަދި ނުވެއެވެ.
ބިދޭސީ ކުޅުންތެރިންގެ އިތުރުން ވެލެންސިއާއިން ދިވެހި ގިނަ ކުޅުންތެރިންތަކަކަށްވެސް މުސާރަތަކެއް ނުދޭ މައްސަލަތަކެއްވެސް އެބައޮތެވެ. އެ ކުޅުންތެރިން އެފްއޭއެމްއަށް މައްސަލަ ހުށަހަޅާފައިވާ އިރު، އެފްއޭއެމްގެ ޕްލޭޔާ ސްޓެޓަސް ކޮމިޓީން އެ މައްސަލަ ބަލައި، ކުޅުންތެރިންނަށް ޖަވާބު ދީފައި ވަނީ ވެލެންސިއާ އަށް އެފްއޭއެމް އިން ދޫކުރާ ސަބްސިޑީ އިން މުސާރަ ގޮތުގައި ލިބެން ޖެހޭ ފައިސާ އުނިކުރުމަށް ފަހު ކުޅުންތެރިންނަށް އެ ފައިސާ ފޯރުކޮށްދޭނެ ކަމަށް ބުނެއެވެ. މިދިޔަ އޭޕްރީލް މަހު އެ ސިޓީ ފޮނުވި ނަމަވެސް، އަދި އެ ފައިސާ ކުޅުންތެރިންނަށް ލިބިފައެއް ނުވެއެވެ.
ވެލެންސިއާގެ އިތުރުން ކްލަބް ގްރީން ސްޓްރީޓްސް، ޓީސީ ސްޕޯޓްސް ކްލަބް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ވެސް ޓްރާންސްފާ ބޭންގައި އޮތް އިރު، އެ ކްލަބުތަކުންވެސް ގިނަ ކުޅުންތެރިންތަކަކަށް މުސާރަ ނުދީ އޮތް ކަމަށް މައްސަލަތައް ވަނީ ހުށަހަޅައިފައެވެ. އެ މައްސަލަތައް ފީފާގައި އޮތުމާއެކު ފީފާއިން ވަނީ އެ ކްލަބުތަކަށް ކުޅުންތެރިން ރަޖިސްޓާ ނުވެވޭނެ ގޮތަށް ބޭން ކޮށްފައެވެ. އެހެންކަމުން ސީޒަނުގެ ކުރިއަށް އޮތްތަނުގައި ޓީމުތައް އިތުރަށް ވަރުގަދަކޮށް، ބިދޭސީ ކުޅުންތެރިންނާއެކު ފެންނާނެ ކަމަކަށް ނުބެލެވެއެވެ.
މިހާރު ލީގުން ބިދޭސީ ކުޅުންތެރިން ފެންނަނީ ޓީސީ އާއި މާޒިޔާގެ އިތުރުން އީގަލްސްއިން އެކަންޏެވެ. މިފަހަރުގެ ލީގުން ޓީމުތައް ރެލިގޭޓް ނުވާ ގޮތަށް އޮތުމާއެކު، ލީގުގެ ފެންވަރު ފާހަގަކުރެވެނީ ދަށްކޮށެވެ. ހާއްސަކޮށް ކްލަބުތަކުގެ މާލީ ހާލަތު، ފެށުނީއްސުރެ ފެންނަނީ ދަށްކޮށެވެ.