އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޝަރުތު ހަމަވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
ރައީސް ސޯލިހުގެ ފަރާތްޕުޅުން އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު މިއަދު އީސީއަށް ހުށަހެޅުއްވީ ރައީސްގެ އިންތިހާބީ އެޖެންޓް، މުހައްމަދު ނާޝިޒް އާއި ކެމްޕޭން މެނޭޖަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ. ރައީސް ސޯލިހުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހުގެ ފޯމުގައިވާ މައުލޫމާތާއި ތަކެތި އެ ކޮމިޝަންގެ ފަރާތުން ބަލައި ޗެކުކުރި އިރު، ގާނޫނުގައިވާ ގޮތުގެ މަތިން އެ މަނިކުފާނު ރިޔާސީ އިންތިހާބަށް ޝަރުތު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ހުށަހެޅުއްވި ހުށަހެޅުއްވުން އެ ކޮމިޝަނުން މިރޭ ގަބޫލުކޮށްފައިވާ ކަމަށެވެ.
ރައީސް ސޯލިހުގެ ކެންޑިޑެސީ ފޯމު އީސީން ގަބޫލުކުރި އިރު، އެންމެ ފުރަތަމަ ކެންޑިޑެސީ ފޯމު ހުށަހެޅީ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ނަމަވެސް ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ބުނެ، އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު އީސީން ވަނީ ބަލައިނުގަތުމަށް ނިންމައިފައެވެ.
އެހެންވެ އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ވަނީ ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައި ނުގަތުމަށް އީސީން ނިންމީ ރަނގަޅަށް ކަމަށް ހުކުމްކޮށްފައެވެ. އެއާއެކު ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރުމުގެ ދޮރު ވަނީ ބަންދުވެފައެވެ.
ޚަބަރު
ޚަބަރު