އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑްގައި ކުރިއަށްދާ ފީފާ އަންހެނުންގެ ވޯލްޑް ކަޕްގެ ގަދަ 16 ގައި ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށް، ސްޕެއިނާއި ޖަޕާން ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

އަންހެން ވޯލްޑް ކަޕްގެ ގަދަ 16 ގެ މެޗުތައް އިއްޔެ ފަށާފައިވާ އިރު، 2011 ވަނަ އަހަރުގެ ޗެމްޕިއަން ޖަޕާނުން ކުއާޓާ ފައިނަލް ޔަގީންކުރީ 3-1 ގެ ނަތީޖާއަކުން ނޯވޭ ބަލިކޮށްގެންނެވެ.

އިއްޔެގެ މެޗު ފެށިގެން ކުރީކޮޅުގައި ޖަޕާނުގެ ހިނާޓާ މިޔަޒާވާ ނެގި ހުރަސް، ނޯވޭގެ އިންގްރިޑް އެންގެން އަތުން ބައިކޮޅަށް ވަދެފައިވާ އިރު، އޭގެ އިރުކޮޅެއް ފަހުން ގޫރޯ ރެއިޓެން ޖެހި ގޯލުން ނޯވޭ ނަތީޖާ ހަމަހަމަ ކުރިއެވެ. ފުރަތަމަ ހާފު ނިމުނު އިރު ނަތީޖާ އެއްވަރުވެފައި އޮތް ނަމަވެސް، ދެވަނަ ހާފަށް ނުކުމެ ޖަޕާނުން ވަނީ މުހިއްމު ދެ ގޯލު ޖަހައި ކުއާޓާ ޔަގީން ކޮށްފައެވެ.

އެ ގޯލުތައް ދެވަނަ ހާފުގައި ޖަހައިދިނީ ރީސާ ޝިމިޒޫ އާއި މިޔަޒާވާއެވެ. މިޔަޒާވާ ވަނީ މިހާތަނަށް މިއަހަރުގެ ވޯލްޑް ކަޕްގައި ފަސް ގޯލު ޖަހައިފައެވެ. މިވަގުތު މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީވެސް އެއީއެވެ.

ސްޕެއިނުން ގަދަ 16 ޔަގީންކުރީ އިއްޔެ ކުޅުނު މެޗުގައި 5-1 އިން ސްވިޒަލޭންޑް ބަލިކޮށްގެންނެވެ. ރެކޯޑު 43،217 ސަޕޯޓަރުން ވަދެ އޮތް މެޗުގައި ސްޕެއިންގެ އައިޓާނާ ބޮންމަތީ އެޓީމަށް މެޗުގެ ލީޑު ނަގައިދިނެވެ. އެ ލީޑާއެކު ސްޕެއިން ފެށި ނަމަވެސް ފަހަތުން ލައިއާ ކޯޑީނާ އަތުން ހެދުނު ގޯހެއްގައި ބައިކޮޅަށް ގޯލު ވަދެ، ސްވިޒަލޭންޑުން ނަތީޖާ ހަމަހަމަ ކުރިއެވެ.

ސްޕެއިން ހާފު ނިމުމުގެ ކުރިން ބޮންމަތީގެ ގޯލަކުން އަލުން ލީޑު ނެގި ނަމަވެސް، މެޗުގެ ލީޑު ފުޅާކުރީ ދެވަނަ ހާފުގައެވެ. އެ ގޯލު ޖަހައިދިނީ ޖެނިފާ ހާމޯސޯއާއި ޖޯޖު ވިލްޑާ ކޯޑީނާއެވެ.