އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައަޅައި، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ކެންޑިޑެސީ ފޯމު ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށްފިއެވެ.
މިމަހުގެ އެއްވަނަ ދުވަހު ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހެޅުމުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ) އާއި (ޅ)އިން ކަނޑައަޅާފައިވާ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ޔާމީންގެ ފޯމް އީސީން ބާތިލް ކުރިއެވެ.
ގާނުނު އަސާސީގެ 109 ވަނަ މާއްދާގެ (ބ) ގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރާ މީހެއްގެ ސާބިތު ދަރަންޏެއް އޮވެގެންނުވާނެ ކަމަށެވެ. އެ މާއްދާގެ (ޅ)ގައި ބުނަނީ ޖިނާއީ ކުށެއް ސާބިތުވެގެން 12 މަސް ދުވަހަށްވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅި އަދަބު މައާފުކުރިތާ ތިން އަހަރު ކަމުގައިވުމެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން، ޔާމީން ގެންދަވަނީ، 11 އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި ހަމަ އެ މައްސަލައިގައި ފަސް މިލިޔަން ޑޮލަރުގެ ޖޫރިމަނާއެއްކޮށް އެ ފައިސާ ދެއްކުމަށްވެސް ކުރިިމިނލް ކޯޓުން ވަނީ ރައީސް ޔާމީނަށް އަމުރުކޮށްފައެވެ.
މި މައްސަލައިގައި، އީސީން ޔަމީންގެ ކެންޑިޑެސީ ބަލައި ނުގަތުމަށް އީސީން ނިންމީ ގޯސްކޮށް ކަމަށް ބުނެ އީސީން ފާހަގަކުރި ނުކުތާއަށް ރައީސް ޔާމީންގެ ފަރާތުން، ޗެލެންޖު ކުރިއެވެ.
އެގޮތުން ސާބިތު ދަރަނީގެ މައްސަލައިގައި، ޔާމީނަށް ދައްކަން އެންގި ފަސް މިލިއަން ޑޮލަރު ހިމެނެނީ ސާބިތު ދަރަނީގެ ގޮތުގައި ނޫން ކަމަށާއި އެއީ ޖޫރިމަނާއެއް ކަމަށްބުނެ ނެގި ނުކުތާއަށް ސުޕްރީމް ކޯޓުން ދިން ޖަވާބުގައި ވަނީ ރައީސް ޔާމީންނަށް އިއްވާފައިވާ ޖަލުހުކުމާ އެކު ދައްކަންޖެހޭ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކަންދިން ހަ މަސްދުވަހު މުއްދަތު ހަމަވެފައިވާ ކަމަށެވެ. އަދި އެ ފައިސާ ދައްކަން، ކަމާބެހޭ އިދާރާ (މީރާ) އިން ނާންގާ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް އެކަމާ ގުޅިގެން މީރާއިން ފޮނުއްވި ލިޔުން ރައީސް ޔާމީނާ ކަރެކްޝަނުން ހަވާލުކުރުމުން އެ ލިޔުން އެމަނިކުފާނުގެ ވަކީލުންނަށް އެރުވުމަށް އެދި ކަރެކްޝަންސްގެ ލިޔުންތަކުގައި ސޮއިކުރައްވައި ޕިންގާ ޕްރިންޓް ޖައްސަވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުން ސާބިތު ދަރަނި މާނަކޮށްފައި ވަނީ މީހަކު އެހެން މީހަކަށް ދައްކަން ކޯޓު އަމުރަކުން ލައްވާ ކޮންމެ ފައިސާއަކީ ސާބިތު ދަރަންޏެއްގެ ގޮތުގައި ކަމަށާއި ކޯޓެއްގެ ހުކުމަކުން ލައްވާ ފައިސާއެއްގެ ނަން ތަފާތު ވުމަކުން، ކޯޓުގެ ހުކުމަކުން ލައްވާ ފައިސާއެއްގެ ގާނޫނީ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަަމަށްވެސް ބުނެފައިވެއެވެ.
"ޖިނާއިީ އުގޫބާތެއްގެ ގޮތުގައި ޝަރީއަތުން މީހެއްގެ މައްޗަށް ކަނޑައަޅައި ޖަލަށް ލުމުގެ އަދަބަކީ އެމީހާ ޖިސްމާނީ ގޮތުން ތަހައްމަލް ކުރަންޖެހޭ އަދަބެއް. މިއާ ހިލާފަށް، ޖޫރިމަނާގެ އަދަބަކީ އެމީހާ މާލީ ގޮތުން އުފުލުމަށް ޖައްސާ ބުރައެއް. އެއީ އުފުލަންޖެހޭ އިލްތިޒާމެއް. ޖިނާއި އުގޫބާތެއްގެ ގޮތުގައި ކަނޑައެޅޭ ޖޫރިމަނާގެ ފައިސާއާ މެދު މަތީ މަރުހަލާގެ ކޯޓަކުން ވަކި ގޮތަކަށް އަމަލުކުރަން އަންގާފައިނުވާ ހާލަތުގައި ކޯޓުން ކަނޑައަޅާފައިވާ ގޮތަށް އެ ޖޫރިމަނާ ފައިސާ ދައްކައި ހަލާސް ނުކުރުމުގެ ނަތީޖާއަކީ އެ ޖޫރިމަނާއަކީ ސާބިތު ދަރަންޏަކަށް ބަދަލުވެގެންދިއުން. އެހެނީ އެ ޖޫރިމަނާއަކީ އޭނާ އުފުލުމަށް ކޯޓުން ސާބިތު ކޮށްފއިވާ އިލްތިޒާމެއް އެ ޖޫރިމަނާ ނުދައްކާހާ ހިނދަކު އެއީ އޭނާގެ ކޮނޑުގައި އެޅިފައިވާ ސާބިތު ދަރަންޏެއް،"
އެ މައްސަލަ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ކަމަށް ބުނެ ޔާމީންގެ ފަރާތުން ނެގި ނުކުތާގެ ޖަވާބުގައި ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ، ޖޫރިމަނާގެ އުގޫބާތް ކަނޑައެޅިފައިވާ މައްސަލަ މަތީ މަރުހަލާގެ ކޯޓުގައި އިސްތިއުނާފު ކުރުމަކީ އެ ޖޫރިމަނާގެ ފައިސާ ދައްކަން ނުޖެހޭ ސަބަބެއް ނޫން ކަމަށެވެ.
"ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސަރީހަ ނައްސުގައި އެ ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެމީހާގެ މައްޗަށް ލާޒިމްކޮށްފައިވޭ. މީގެ އިތުރުން ޖޫރިމަނާގެ ފަައިސާ ދެއްކުމަށް ކަނޑައަޅާފައި ވަނީ ކޯޓުގެ ނިންމުމަކުން ކަމަށްވާ އިރު ކޯޓުގެ ނިންމުންތަކަށް ތަބާވުމަކީ ލާޒިމް ކަމެއް. މިކަން ކޯޓުތަކުގެ ގާނޫގައި ބަޔާންވެފައިވޭ. ކޯޓަކުން ނިންމާ ނިންމުމަކަށް އަމަލުކުރުން ފަސް ކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިއުނާފު ކުރާ ކޯޓަކުން ނާންގާހާ ހިނދަކު ކޮންމެ ކޯޓެއްގެ ނިންމުމަކީ ވެރިކަން ހިންގާ ފަރާތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުންނާއި މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުންނާއި ދައުލަތުގެ މަގާމުތަކާ ހަވާލުވެތިބި މީހުންނާއި ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ހިދުމަތްތަކުންނާއި އެންމެހާ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ނިންމުމެއް،"
މީގެ އިތުރުން ޖޫރިމަނާގެ ތަފްސީލުތައް އެނގިފައި ނުވާ ކަމަށް ބުނުމާއި ޖޫރިމަނާ ކަނޑައަޅާފައިވާ، ކުރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފުކޮށްފައިވާ ކަމަށް ބުނުމަކީ އެ ޖޫރިމަނާ ސާބިތު ދަރަންޏެއް ނޫން ކަމަށް ބެލުމަށް ބުރަދަނެއް ދެވިދާނެ ސަބަބުތަކެއް ކަމަށް ނުދެކޭ ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައިގައި އެންމެ ބޮޑު ކޮށް ފާހަގަ ކުރި ނުކުތާއަކީ، ޔާމީންގެ މައްޗަށް ހުކުމް ކޮށްފައިވަނީ ދަށު ކޯޓުން ކަމަށްވާތީ އެއީ ނިހާއީ ހުކުމެއް ނޫން ކަމަށް ޔާމީންގެ ފަރާތުން ފާހަގަ ކުރި ނުކުތާއެވެ. އެނުކުތާގައި ރައީސް ޔާމީންގެ ފަރާތުން ވަނީ، ސުޕްރީމް ކޯޓުން މީގެކުރިން ނިންމަވާފައިވާ ބައެއް ނިންމުންތަކާ ހަވާލާދީފައެވެ.
މި ނުކުތާކުގެ ޖަވާބުގައި ސުޕްރީމް ކޯޓްގެ ހުކުމުގައި ވަނީ މީގެކުރިން އެކޯޓުން ނިންމާފައިވާ ނިންމުންތައް ރައީސް ޔާމީންގެ މިހާރުގެ ހާލަތާ އަޅައި ނުކިޔޭނެ ކަމަށެވެ. އެ ހުކުމްތަކަކީ އެމީހުންގެ ވަޒީފާއާ ގުޅޭ މައްސަލަތަކެއް ކަމަށާއި އެއީ މުސްތަގުބަލުގައި ލިބިދާނެ މަގާމަކާ ގުޅޭ މައްސަލައެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބުނާ ވާހަކަ އެއީ ނިހާއީ ހުކުމެއް ގޮތުގައި މާނަ ނުކުރެވޭނެ ކަމަށްވެސް ސުޕްރީމް ކޯޓްގެ ހުކުގައިވެއެވެ. އެގޮތުން އެ މާއްދާ ފާސްކުރުމުގައި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކޮމެޓީގެ ނިޔަތަކީ ޖަލުގައި ހުކުމެއް ތަންފީޒުކުރާ މީހުންނަށް އެފުރުސަތު ނުދިނުން ކަމަށްވެސް ބުނެފައިވެއެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވޭ ހާލަތެއް އައިސްފިނަމަ، ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ނެރެން އިތުރު ފުރުސަތު ދޭން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމަރުކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައާ ބެހޭގޮތުން ސުޕްރީމްކޯޓުގެ ހުކުމުގައި ރިއާޔަތްކޮށްފައެއް ނުވެއެވެ.
ޔާމީންގެ ޝަރުތު ފުރިހަމަނުވާ ކަމަށް، އީސީން ތިންވަނަ ނުކުތާއެއްގެ ގޮތުގައި ހުކުމެއް ތަންފީޒު ކުރަމުންދާތީ، ދިވެހި ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ސިޔާސީ ޕާޓީ އާއި ޖަމްއިއްޔާތަކުގައި، އާއްމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަނުން ހިންގާ އެހެން ހަރަކާތްތެއްގައި ބައިވެރިވުމުގެ ހައްގު ނޯންނަ ކަމަށް ފާހަގަކުރި ނަމަވެސް ހުކުމުގައި ބުނެފައިވަނީ، މައްސަލައިގެ ހުށަހެޅުމެއްގެ ގޮތުގައި އެ ނުކުތާ ހުށަހަޅާފައި ނުވާތީ، އެ ނުކުތާއާމެދު ގޮތެއް ކަނޑައެޅުމުގެ ޖާގައެއް ނެތް ކަމަށެވެ.
މި މައްސަލައިގައި ހުކުމް އިއްވީ، ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ދެން ތިއްބެވި ފަނޑިޔާރުން ތާއީދު ކުރައްވައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު