ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މައި ޕާޓީ ޕީޕީއެމް ތަމްސީލުކުރައްވާ މެމްބަރުންނާއި އެ ޕާޓީގެ އާންމު މެމްބަރުން ދަ ޑިމޮކްރެޓްސްއާއެކު މަސައްކަތްކުރުމަށް ދަ ޑިމޮކްރެޓްސް އިން ދައުވަތު ދީފިއެވެ.

ޑިމޮކްރެޓްސް އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، މި ދަނޑިވަޅަކީ ޕީޕީއެމްގެ އާންމު މެމްބަރުންނަށް "ވަރަށް މާޔޫސް ވަގުތުކޮޅެއް"ކަން އެނގިވަޑައިގަންނަވާ ކަމަށާއި ޕާޓީގެ އެތެރޭގައި ކަންކަން ހިނގައިދިޔައީ މެމްބަރުން އެންމެ އެދޭނެ ގޮތަށް ނޫން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެން ޑިމޮކްރެޓުން ވަރަށް ބޮޑަށް އެދެން، ޕީޕީއެމް އާންމު މެމްބަރުންގެ އަރިހުން ވެސް، އަދި ހާއްސަކޮށް ޕީޕީއެމްގެ ބައެއް އިސް މެންބަރުންގެ ކިބައިން، ޑިމޮކްރެޓްސްއާ އެކީގައި މި ވަގުތު މަސައްކަތް ކުރެއްވުމަށް. އަޅުގަނޑުމެންވާނެ އޭގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް މިހާރުވެސް ވާނީ ދަންނަވާފައި ޑިމޮކްރެޓްސްއާއެކު ވަޑައިގެން މަސައްކަތްކުރެއްވުމަށް،" ހަސަން ލަތީފް ވިދާޅުވިއެވެ.

  • ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް
  • ޕީޕީއެމްގެ ނައިބު ރައީސް، ތ. ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން
  • ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް
  • ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
  • ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް
  • މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ތޯރިގް (ޓޮމް)
  • ފެލިދޫ ދާއިރާގެ ޕީއެންސީ މެމްބަރު ފަޒުލް ރަޝީދު

"މި ބޭފުޅުންނަށް އަޅުގަނޑުމެންވާނެ ދަންނަވާފައި އަޅުގަނޑުމެންނާއެކުގައި މި ބޭފުޅުން ކުރައްވަން ބޭނުން މަޝްވަރާއެއް އަވަހަށް އަޅުގަނޑުމެން ދެބައި މީހުން ގުޅިގެން ފައްޓަވައިދެއްވުމަށް، އަދި އަޅުގަނޑުމެން އެކަމަށް ވަރަށް އުންމީދުކުރާ ކަމަށާއި އަޅުގަނޑުމެން ވަރަށް ބޭނުންކަމަށް އެ ބޭފުޅުންނާއެކުގައި މަސައްކަތްކުރަން،" ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވި ލިސްޓުގައި ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ ތެރެއިން ހިމެނިވަޑައިނުގަންވަނީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް އެކަންޏެވެ.

ހަސަން ވިދާޅުވީ، ޕީޕީއެމާއި ޑިމޮކްރެޓްސްއިން އެކުގައި މަސައްކަތްކުރުމުން ރައީސް އިބްރާހިމް މުހައްމަދުު ސޯލިހުގެ މި ސަރުކާރު ފަސޭހައިން ބަދަލުކުރެވޭނެ ކަމަށެވެ.

ޕީޕީއެމްގެ އާންމު މެންބަރުންވެސް ޑިމޮކްރެޓްސްގެ މެންބަރުންނާއެކުގައި މިހާރުވެސް މަޝްވަރާތައް ކުރާ ކަމަށާއި ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ ފަރާތުން ވެސް މަޝްވަރާގެ "ފެހި ސިގްނަލް" ލިބިފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.