ޚަބަރު

ގާސިމްގެ ރަނިންމޭޓަކަށް ޑރ. ވަހީދު ހަމަޖައްސަނީ!

1

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރަނިންމޭޓަކަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަމަޖައްސަން އުޅޭކަން "ވަން" އަށް އެނގިއްޖެއެވެ.

ޑރ. ވަހީދު ވަނީ ކުށުގެ ރެކޯޑް ސާފުކުރުމަށް މިއަދު ހުށަހަޅުއްވައިފައެވެ.

އިތުބާރު ހިފޭ މަސްދަރަކުން "ވަން" އަށް ކަށަވަރުކޮށްދިން ގޮތުގައި، ޑރ. ވަހީދު ކުށުގެ ރެކޯޑް ސާފުކުރައްވަނީ ގާސިމްގެ ރަނިންމޭޓަކަށް ވެވަޑައިގަތުމަށެވެ. އަދި ވަރަށް އަވަހަށް ޑރ. ވަހީދު، ޖޭޕީއާ ގުޅިވަޑައިގަންނަވާނެ ކަންވެސް އެނގިފައިވެއެވެ.

މިކަމާ ގުޅިގެން ޑރ. ވަހީދުގެ ބަހެއް ހޯދުމަށް "ވަން" އިން އެ މަނިކުފާނަށް ގުޅައި މެސެޖު ކުރުމުންވެސް ޖަވާބު ދެއްވާފައިނުވާތީ އެ މަނިކުފާނުގެ ބަހެއް މިކަމުގައި އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ހިންގި ހަރަކާތްތަކުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އާއި ޑރ. ވަހީދު އެކުގައި މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އޭގެ ފަހުން ޖެހިގެން އައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑރ. ވަހީދު ވަނީ ވަކިން ވާދަކުރައްވައިފައެވެ.

ގާސިމްގެ ރަނިންމޭޓަކަށް ޑރ. ވަހީދު ހަމަޖައްސަން އުޅޭ އިރު، ޑރ. ވަހީދު މިހާރު ހުންނެވީ އިދިކޮޅު މައި ޕާޓީ ޕީޕީއެމްގައެވެ.

ޖަލު ހުކުމެއް ތަންޒީފުކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ، "ޕްލޭން ބީ"ގެ ގޮތުގައި އެ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޕީޕީއެމާ އެއް ކޯލިޝަނެއްގައި ހިމެނޭ ޕީއެންސީން ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިންތިހާބުކޮށްފިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟