މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު، ވަޓްސްއެޕްގައި އިންނަ ޕީޕީއެމް/ޕީއެންސީގެ ސެނެޓް ގްރޫޕުން ބޭރުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީ ސެނެޓު ގްރޫޕުން މުއިއްޒު ބޭރުވެފައިވާކަން އިތުބާރު ހިފޭ މަސްދަރަކުން "ވަން" އަށް ވަނީ ކަށަވަރުވެފައެވެ. މިކަމާ ގުޅިގެން ޑރ. މުއިއްޒަށާއި ޕީޕީއެމްގެ ސްޕޯކްސްޕާސަނަށާއި އިސް ބައެއް ބޭފުޅުންނަށް "ވަން" އިން ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެކަމުގެ އިތުރު ތަފްސީލެއް ލިބޭ ގޮތް އަދި ވަނީ ނުވެފައެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެއްވޭނެ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބަލައި އިދިކޮޅު ޕްރޮގްްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީއެންސީން ވަނީ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މުއިއްޒު އިންތިހާބުކޮށްފައެވެ. މުއިއްޒަށް ރިޔާސީ ޓިކެޓު ލިބިވަޑައިގަތީ، ޕްރައިމަރީގައި މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރާއި ވާދަކުރައްވައި ދެ ވޯޓުން ކުރި ހޯއްދައިވައިގެންނެވެ.

ޕީއެންސީ ސެނެޓްގެ 48 މެމްބަރުން ތިއްބަވާއިރު، މުއިއްޒަށް ލިބިވަޑައިގަތީ 25 ވޯޓެވެ. އާދަމް ޝަރީފަށް ލިބިވަޑައިގަތި 23 ވޯޓެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މުއިއްޒު އިންތިހާބުކުރި އިރު، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރިމަތިނުލެވޭ ގޮތްވެއްޖެ ނަމަ، އެ ޕާޓީން ކެންޑިޑޭޓަކު ނެރޭނެ ކަމަށާއި އޭރުން ޕީއެންސީ ވާނީ ޕްލޭން ސީ އަށް ކަމަށް ވިދާޅުވެފައެވެ.

ޔާމީންގެ ކެންޑިޑެސީ ފޯމް މިދިޔަ އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުން ފޯމް ބޭރުކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ އެ ކޯޓުގައި އިއްޔެ ކުރިއަށްގެންގޮސް ވަނީ އަޑުއެހުންތައް ނިންމާލައިފައެވެ.

ސުޕްރީމް ކޯޓުގައި އިއްޔެ ރެއާ ހަމައަށް ދިގުދެމިގެންދިޔަ އަޑުއެހުމުގައި، ރައީސް ޔާމީންގެ ވަކީލުން ވަނީ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ކުރިމަތިނުލެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ޕީޕީއެމަށް އިތުރު ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް އެދިވަޑައިގެންފައެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީނަށް ކުރިމަތި ނުއްލެވޭ ހާލަތެއްގައި "ޕްލޭން ބީ" ގެ ގޮތުގައި އެ ޕާޓީން ކެންޑިޑޭޓެއް ނެރޭނެ ކަމަށް ބުނެފައިވަނިކޮށް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ކުށުގެ ރެކޯޑު ސާފުކުރަން މިއަދު ހުށަހަޅުއްވައިފައެވެ. ނަމަވެސް އެ މަނިކުފާނު ވާދަކުރައްވަނީ ޕީޕިއެމުން ކަމެއް ސާފެއް ނޫނެވެ.