އިދިކޮޅޫ ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަންގައި ހިމެނޭ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރިޔާސީ އިންތިހާބަށް ކުރިމަތި ނުއްލެވޭ ހާލަތެއްގައި، ޕްލޭން ބީ އަކީ ނުވަތަ ބެކަޕް ކެނޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބަށް ނުކުންނަވާނީ އޭނާ ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް އަދި މާލޭސީޓިގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒުގެ ރަނިން މޭޓަކަށް ޕީޕީއެމްގެ މެންބަރެއް ކަމަށްވާ، ފަރެސް މާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ހުސެއިން މުހައްމަދު ލަތީފް ހަމަޖެއްސެވިންކަން އިއުލާން ކުރެއްވުމަށްޓަކައި މިއަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނަށް ވާދަކުރެއްވުމުގެ ފުރުސަތު ނުދީފިނަމަ، އެ މަނިކުފާނު ދެއްވާފައިވާ އިރުޝާދާ އެކު، ވާދަކުރާނޭ "ބެކްއަޕް" ކެނޑިޑޭޓެއްގެ ގޮތުގައި ޕީއެންސީގެ ކެނޑިޑޭޓެއް ހޮވުމަށް ޕީއެންސީ ސެނެޓުގައި ބޭއްވި އިންތިހާބުގައި ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ހޮވީ އޭނާ ކަމަށެވެ.

"މާތް ﷲ ގެ އިރާދަފުޅާއި ވާގިފުޅުން ރައީސް ޔާމީނަށް މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ. ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ނުދީފިނަމަ، އެ މަނިކުފާނު ދެއްވާފައިވާ އިރުޝާދާއެކު، ވާދަކުރާނޭ ބެކްއަޕް ކެނޑިޑޭޓެއްގެ ގޮތުގައި ޕީއެންސީގެ ކެނޑިޑޭޓެއް ހޮވުމަށް ޕީއެންސީ ސެނެޓުގައި ބޭއްވުނު އިންތިހާބުގައި އަޅުގަނޑު ހޮވުމުން، އަޅުގަނޑުގެ ރަނިންމޭޓުގެ ގޮތުގައި ބޭފުޅަކު ހަމަޖައްސައި، އެޕްލިކޭޝަން ތައްޔާރުކުރުމަކީ އަޅުގަނޑުގެ ޒިންމާއެއްކަމުގައި ދެކޭ ހިނދު، އަޅުގަނޑުގެ ރަނިން މޭޓްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ އިއްޒަތްތެރި މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ހަމަޖައްސަން ނިންމިކަން ދަންނަވަން. އެމަނިކުފާނަކީ، ޒުވާން، ތައުލީމީ، ގާބިލް ހިދުމަތްތެރިއެއް. އަޅުގަނޑުގެ ދުއާއަކީ، 7 އޯގަސްޓުގެ ވަގުތު ހަމަވުމުގެ ކުރިން، އަޅުގަނޑުމެންގެ ކެނޑިޑޭޓް ރައީސް ޔާމީން އަށް ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިޔުން. އަދި މި ތައްޔާރުކުރެވޭ ބެކްއަޕް އެޕްލިކޭޝަން ލާން ނުޖެހުން،" މުއިއްޒު ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޕީއެންސީގެ ޕީއެންސީގެ ސެނެޓް ބައްދަލުވުމުގައި، ރިޔާސީ ޓިކެޓަށް ޑރ. މުއިއްޒު ވާދަކުރެއްވީ ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއެވެ. މުއިއްޒަށް 25 ވޯޓު ލިބިވަޑައިގެންވި އިރު، ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ. ޕީޕީއެމުން ވަކިވެވަޑައިގެން، މުއިއްޒު ޕީއެންސީއާ ގުޅިވަޑައިގަތީ ވެސް ސީދާ ރިޔާސީ ޓިކެޓަަށް ކުރިމަތިލުމަށް ހަމަ އެ ދުވަހުއެވެ.

އޭނާއަކީ ރައީސް ޔާމީންގެ ބެކަޕް ކެނޑިޑޭޓް ކަމަށް މުއިއްޒު ވިދާޅުވެފައި މި ވަނީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި، ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި، ދެން ނުކުންނާނީ ޕީޕީއެމްގެ ކެންޑިޑޭޓެއް ކަމަށާއި ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުއިއްޗު އަކީ ޕްލޭން ސީ ކަމަށް ޕީޕީއެމުން ބުނެފައި ވަނިކޮށެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޔާމީންގެ ޝަރުތު ފުރިހަމަނުވާ ކަމަށް ބުނެ، އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަތް މައްސަލަ ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

އެމައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓުން ކަނޑައަޅާ ގޮތެއްގެ ސަބަބުން އެ މަނިކުފާނަށް ކެންޑިޑެސީ ހުށަނޭޅޭނެ ހާލަތެއް ދިމާވެއްޖެ ނަމަ، ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ހުށަހެޅުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ.

ޕީޕީއެމުގެ ކެނޑިޑޭޓަކަށް ފުރުސަދު ދިނުމަށް އެދި ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމާ ގުޅިގެން، ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕްގައި ތިއްބެވި އިސް ބޭފުޅުންވެސް ވަނީ، މުއިއްޒު ދެ ދަރަޖަ، ތިންވަނައަށް ޖައްސަވައިލެއްވުމަށްފަހު، މުއިއްޒަކީ "ޕްލޭން ސީ" ކަމަށް ވިދާޅުވެފައެވެ.

ޕީޕީއެމް އާއި ޕީއެންސީ ހިންގެވުމާ ހަވާލުވެ ހުންނެވި، އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނާއިބު ރައީސް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ޕީޕީއެމްގެ ނާއިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް ވިދާޅުވީ، ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތެއް އަތުވެއްޖެނަމަ، ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިހާބަށް ކެނޑޭޓެއް ނުކުންނާނެ ކަމަށެވެ.

ސުޕްރީމް ކޯޓްގައި ރޭގައި އޮތް އަޑުއެހުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޔާމީންގެ އިސް ވަކީލު އަދި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވަނީ ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތެއްގައި، އެހެން ކެންޑިޑޭޓެއް ނެރެން ފުރުސަތު ލިބިއްޖެ ނަމަ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރޭނެ ކަމަށް ވިދާޅުވެފައެވެ.

"އަލްޓަނޭޓިވް ޕްލޭނެއް އަތުވެއްޖެއްޔާ ވެސް އަންނާނީ ޕީޕީއެމް އަލްޓަނޭޓިވް ޕްލޭނަށް. ޕީއެންސީ އަންނާނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވޯސްޓް ކޭސް ސިނާރިއޯ އަށް،" ޖަމީލު ވިދާޅުވިއެވެ.

ޕީއެންސީގެ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ޔާމީނަށް ކުރިމަތިލެއްވޭ ހާލަތެއް މަގުފަހިވެއްޖެ ނަމަ، ޕީއެންސީ ކެންޑިޑޭޓް ނަން އަނބުރާ ގެންދާނެ ކަމަށެވެ.