ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ކެންޑިޑޭޓް، އަދި މާލޭ ސިޓިގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ހަމަޖައްސައިފިއެވެ.

މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "މާތް ﷲ ގެ އިރާދަފުޅާއި ވާގިފުޅުން ރައީސް ޔާމީނަށް މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ. ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ނުދީފިނަމަ، އެ މަނިކުފާނު ދެއްވާފައިވާ އިރުޝާދާއެކު، ވާދަކުރާނޭ "ބެކްއަޕް" ކެނޑިޑޭޓެއްގެ ގޮތުގައި ޕީއެންސީގެ ކެންޑިޑޭޓެއް ހޮވުމަށް ޕީއެންސީ ސެނެޓުގައި ބޭއްވި އިންތިހާބުގައި އަޅުގަނޑު ހޮވުމުން، އަޅުގަނޑުގެ ރަނިންމޭޓުގެ ގޮތުގައި ބޭފުޅަކު ހަމަޖައްސައި، އެޕްލިކޭޝަން ތައްޔާރުކުރުމަކީ އަޅުގަނޑުގެ ޒިންމާއެއްކަމުގައި ދެކޭ ހިނދު، އަޅުގަނޑުގެ ރަނިންމޭޓްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ އިއްޒަތްތެރި މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ހަމަޖައްސަން ނިންމިކަން ދަންނަވަން،" ކަމަށެވެ.

ހުސެއިން މުހައްމަދު ލަތީފަކީ ޒުވާން، ތައުލީމީ، ގާބިލު ހިދްމަތްތެރިއެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި "އަޅުގަނޑުގެ ދުއާއަކީ އޯގަސްޓު 7 ގައި، އިލެކްޝަންސްއަށް ފޯމު ހުށަޅަން އޮތް ވަގުތު ހަމަވުމުގެ ކުރިން، އަޅުގަނޑުމެންގެ ކެނޑިޑޭޓް ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިޔުން. އަދި މި ތައްޔާރުކުރެވޭ "ބެކްއަޕް" އެޕްލިކޭޝަން ލާން ނުޖެހުން،" ކަމަށްވެސް ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޕީއެންސީގެ މަޝްވަރާ މަޖިލީހުން، ޑރ. މުއިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ދޭން ފާސްކުރީ، ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ އިދިކޮޅު، ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބުދުﷲ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވިއްޖެ ނަމަ، އެ ކޯލިޝަނުން ވާދަކުރާނެ ބެކަޕް ކެނޑިޑޭޓެއްގެ ގޮތުގައެވެ. ރިޔާސީ ޓިކެޓަށް ޑރ. މުއިއްޒު ވާދަކުރެއްވީ ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަން ޝަރީފްއާއެވެ. މުއިއްޒަށް 25 ވޯޓު ލިބިވަޑައިގެންވި އިރު، ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ. ޕީޕީއެމުން ވަކިވެވަޑައިގެން، މުއިއްޒު ޕީއެންސީއާ ގުޅިވަޑައިގަތީ ވެސް ސީދާ ރިޔާސީ ޓިކެޓަަށް ކުރިމަތިލުމަށް އެކަން އޮތް ދުވަހުއެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލު ކުރީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވުމާއި، ސާބިތު ދަރަނީގެ މައްސަލައެއް އޮތުމުން، އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމަ ނުވާތީއެވެ. ނަމަވެސް އެ މައްސަލަ މިހާރު ކުރިއަށް ދަނީ ސުޕްރީމް ކޯޓުގައެވެ.

ބެކަޕް ކެނޑިޑޭޓެއްގެ ގޮތުގައި މުއިއްޒު ހުންނެވި ނަމަވެސް، އިއްޔެއިން ފެށިގެން ރެއާ އެކު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ މި މައްސަލައިގެ އަޑުއެހުމުގައި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެވޭ ހާލަތެއް އަތުވެއްޖެ ނަމަ، ޕީޕީއެމްގެ ފަރާތުން އެހެން ކެންޑިޑޭޓަކަށް ވާދަކުރެވޭނެ ފުރުސަތު ދެއްވުމަށް އެ މަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ އެދިފައެވެ.

ރައީސް ޔާމީން އެގޮތަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމާ ގުޅިގެން، ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕްގައި ތިއްބެވި އިސް ބޭފުޅުންވެސް ވަނީ، މުއިއްޒު ދެ ދަރަޖައަށް، ތިންވަނައަށް ޖައްސާލުމަށްފަހު، މުއިއްޒަކީ "ޕްލޭން ސީ" ކަމަށް ވިދާޅުވެފައެވެ.

ޕީޕީއެމް އާއި ޕީއެންސީ ހިންގެވުމާ ހަވާލުވެ ހުންނެވި، އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނާއިބު ރައީސް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ޕީޕީއެމްގެ ނާއިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް ވިދާޅުވީ، ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތެއް އަތުވެއްޖެނަމަ ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިހާބަށް ކެނޑޭޓެއް ނިކުންނާނެ ކަމަށެވެ.

ކުއްލިއަކަށް މި ގެނައި ބަދަލާ ގުޅިގެން ޕްރޮގްރެސިވް ކޯލިޝަންގެ ތެރޭގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.