(28 ޖުލައިގެ އަދަދާ ގުޅޭ)

މީގެ އަނެއްކޮޅުން ބައެއްމީހުން ވަކާލާތުކުރަނީ ޖިންސީ މުޢާމަލާތަކުގައި ހުރިހައިގޮތަކުންވެސް މިނިވަންކަން ހޯދުމަށެވެ. އެބައިމީހުން ދަޢުވާކުރަނީ އިންސާނާ އުފެދިފައިވަނީ މިނިވަނެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން ތިމާ ބޭނުން ކޮންމެގޮތަކަށް ތިމާގެ ޖިންސީ އެދުން ފުއްދުމަކީ ކޮންމެ މީހަކަށްވެސް ލިބިފައިވާ ޙައްޤެއް ކަމުގައެވެ. އެގޮތަކީ ފިޠުރަތާ ކިތަންމެ ޚިލާފުގޮތެއް ކަމުގައިވިޔަސްވެހެވެ. އެހެންކަމުން އެއްޖިންސުން އުޅުމަށްވަނީ ޤާނޫނީ ރައްކައުތެރިކަން ހޯދައިފައެވެ. ފިރިހެނުން ފިރިހެނުންގެ ޒަރީޢާއިން އަންހެނުން އަންހެނުން މެދުވެރިކޮށް ޖިންސީ ހިތްހަމަޖެހުން ލިބިގަތުމުގެ މަގު މިހާރުވަނީ ފަހިވެފައެވެ. މިބާވަތުގެ ފިޠުރަތާ ޚިލާފު ގޮތްތައް ޚިޔާރުނުކުރާ މީހުންކުރެވެސް އެއްބަޔަކު ކާވެނިކުރުމާއި ޢާއިލާ އުފެއްދުމާމެދު ދެކެނީ މުސްކުޅި ކަޓުކަމެއްގެ ގޮތުގައެވެ. އެފަދަ މީހުން ރަނގަޅު ކަމުގައި ދެކެނީ އަންހެނަކާއި ފިރިހެނަކާ ދެމީހުން ބޭނުންހައި ދުވަހަކު މިނިވަންކަމާއެކު އެކުއުޅެ އެކަކު އަނެކެއްގެ ފަރާތުން އުފާ ހޯދައި އެކަކުއަނެކެއްގެ ފޮނި ބޮއި ހުތްފިތައިފައިވާ ތޮށިގަނޑަކަށް ހަދައިލުމަށްފަހު އެމީހަކު ދާނޭ އަތަކަށް އެމީހަކުގޮސް އޮބައިލާންވީ ކަމުގައެވެ. އެކަމަށް ހުޅުވިފައިވާ މިނިވަންކަންދީފައި ބޭއްވުމަށެވެ. އެފަދަ މީހުންގެ ނަޒަރުގައި ދެމީހަކު ރުހުމުގައި ކުރާކަމެއް ކަމުގައިވާނަމަ ބޭނުން ޖިންސަކުން ބޭނުންއިރަކު ޖިންސީ ގުޅުން ބާއްވަންވީއެވެ. މިޒަމާނުގެ ޤާނޫނުތަކުގައި ކުށެއްކަމުގައި ބަލައިފައިވަނީ ހުސްއެކަނި މީހެއްގެ ނުރުހުމުގައި ގަދަބަދަވިކަމުން ޖިންސީގުޅުން ހިންގުމެވެ. މިގޮތަށް ދަޢުވާކުރާ މީހުން ހުށަހަޅާ ތަޞައްވުރުގައިވާގޮތުން ކޮންމެ އިންސާނަކީ އޭނާގެ ހަށިގަނޑުގެ ވެރިޔާއެވެ. އޭނާ ބޭނުން ގުނަވަނެއް ފޮރުވައި ނިވާކުރެވިދާނެއެވެ. ބޭނުން ކޮންމެ ގުނަވަނެއް ނުފޮރުވައި ހާމަޔަށްވެސް ބެހެއްޓިދާނެއެވެ. އޭނާ ބޭނުން ކޮންމެގޮތަކަށް އޭނާގެ ގުނަވަންތަކުގެ ބޭނުންވެސް ހިފިދާނެއެވެ. އެގޮތުން އަންހެނުންގެ ރަޙިމަކީވެސް މިހާރު ކުއްޔަށްލިބޭ ތަނެކެވެ. ބޭނުން ކޮންމެ ފިރިހެނަކަށް އޭނާގެ ނުޠުފާ އެތަނަށް ވައްދައިގެން ދަރިޔަކު ހޯދިދާނެއެވެ.

ހަމައެފަދައިން ފިރިހެނުންގެ ދަރިފަންޏަކީވެސް ގަނެވިއްކައިހަދާ މުދަލެކެވެ. އެކަމަށްޓަކައިވަނީ ބޭންކުތައް ހަދައިފައެވެ. މިކަންކަންވަނީ ވަރަށްބޮޑު އިންޑަސްޓްރީއެއްގެ ސިފަ ޚިޔާރުކޮށްފައެވެ. މިއީ މިލިޔަނުން ބިލިޔަނުން ފައިސާ ވުނަކުރެވޭ ކަމެކެވެ. މިބާވަތްބާވަތުގެ ލަގަނެއްނެތް މިނިވަންކަމުގެ ސަބަބުން އިންސާނީ މުޖުތަމަޢުވަނީ ޖަނަވާރު ކޮށްޓަކަށް ބަދަލުވެފައެވެ. ނަތީޖާއެއްގެގޮތުން ފިތުނަފަސާދަޔާއި ބައިވުމާއި ޤަތުލާއި ޤާނޫނެއްގެ ބާރު ނުހިނގުމާއި ފޭރުމާ ލޫޓުވުން ދަނީ ޢާންމުވަމުންނެވެ. ގަދަކަމުން ޒިނޭކުރުމުގެ ހާދިސާތައްދަނީ ހައްތާވެސް ގިނަވަމުންނެވެ. ނަތީޖާއެއްގެގޮތުން ޖިންސީ ބަލިތައްދަނީ ޢާންމުވަމުންނެވެ. ފިޠުރަތާ ދެކޮޅަށް ބަޣާވަތްކުރުމުގެ ނަތީޖާ އެންމެފަހުން ފެނިގެންއައީ އެޗް.އައި.ވީ. އެއިޑްސްގެ ސިފައިގައެވެ. އެނުރައްކައުތެރި ވަބާ ވަނީ މުޅިދުނިޔެ އޭގެ ބަނޑުދަށުލައިފައެވެ. އެތަކެއް ބިލިޔަން ޑޮލަރު ޚަރަދުކުރެވުނު އިރުވެސް އެބަލީގެ ނުރައްކާ ކުޑައެއް ނުވިއެވެ. ދުނިޔޭގެ ފެންވަރުގައި ކުރެވޭ ސާރވޭތަކުގެ ރިޕޯޓުތަކުން ހާމަވާގޮތުގައި އެޗް.އައި.ވީ. އެއިޑްސްގެ ސިކާރައަކަށްވާ މީހުންކުރެ އަށްޑިހަ އިންސައްތަ މީހުންނަކީ ޖިންސީ އާވާރާކަމުގެ ސަބަބުން އެބަލީގެ ސިކާރަޔަކަށްވާ މީހުންނެވެ.

ޖިންސީގުޅުމާ ބެހޭގޮތުން ހުށަހެޅޭ ތިންވަނަ ނަޒަރިއްޔާއަކީ އިސްލާމްދީން ހުށަހަޅާގޮތެވެ. އިސްލާމްދީން ހުށަހަޅާ ނަޒަރިއްޔާއަކީ ދީލިކަޑަވުމާއި ނެގިމަޑުވުމާ ދޭތެރޭގެ މެދުމިން ނަޒަރިއްޔާއެކެވެ. އިސްލާމްދީން ޖިންސީ ޖަޒުބާތު ފިއްތައި ޗިސްޗިސްކޮށްލާކަށެއް ހިތްވަރެއް ނުދެއެވެ. އެކަމުގައި ލަގަންނެތި އިންސާނުން ހިތްހިތަކަށް ދޫކޮށެއްވެސް ނުލައެވެ. އެމީހަކު ބޭނުންތަނަކުން ބޭނުންގޮތަކަށް ޖިންސީ ހޫނުކަން ފިލުވާކަށެއްވެސް ހުއްދައެއް ނުދެއެވެ. އިސްލާމްދީންވަނީ ކޮންމެ މީހަކަށްވެސް ކަނޑައެޅިފައިވާ އިމެއްގެ ތެރޭގައިތިބެ ޖިންސީ އެދުން ފުއްދުމުގެ ޙައްޤު ދީފައެވެ. ހަމައެއާ އެ އެދުން މަތަކޮށް ހިފަހައްޓާނެގޮތުގެ އިރްޝާދުވެސް ދީފައެވެ.

އިސްލާމްދީންވަނީ ޖިންސީއެދުން ފުއްދުން ކާވެންޏާ ގުޅުވައިފައެވެ. އެނޫންގޮތްގޮތުން ޖިންސީގުޅުން ހިންގުން ޙަރާމްކަމުގައި ކަނޑައަޅައިފައެވެ. ކާވެނީގެ ބޭރުން ޖިންސީގުޅުން ހިންގުންވަނީ އަންހެނުންނާއި ފިރިހެނުންގެ މައްޗަށް ވަރުގަދަޔަކަށް މަނާކޮށްފައެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

"(އެކަނބަލުން) ކާވެނީގެ ރައްކައުތެރިކަންލިބި، އެކަނބަލުން ޢިއްފަތްތެރިވެގެންވާ ގޮތުގައެވެ. ޒިނޭކުރާ ގޮތުގައެއް ނޫނެވެ. އަދި، ވަންހަނާގޮތުގައި ޒިނޭކުރާ އެކުވެރީން ގެންގުޅޭ ގޮތުގައެއްވެސް ނޫނެވެ." (الـنّسـاء: 25)

މި މައުޟޫޢާ ގުޅުންހުރި އެހެން އާޔަތެއްގެ މާނައިގައިވެސްވެއެވެ.

"(ތިޔަބައިމީހުން ފިރިހެނުން އެ އަންހެނުންނާ ކާވެނިކުރުމެވެ. އެކަނބަލުން ގެންގުޅޭނީ) ކާވެނީގެ ޢިއްފަތްތެރިކަން ހޯދާ ބައެއްގެ ގޮތުގައެވެ. ޒިނޭކުރާ ބައެއްގެ ގޮތުގައެއް ނޫނެވެ. ސިއްރުން ޒިނޭކުރާ އެކުވެރި އަންހެނުންގެ ގޮތުގައެއްވެސް ނޫނެވެ." (المــــائــــدة: 5)

އިސްވެދިޔަތާނގައި މާނަ ބަޔާންކުރި ދެއާޔަތުގައި ފިރިހެނުންނާއި އަންހެނުންނަށް އިރުޝާދު ދެއްވައިފައިވަނީ ޖިންސީ އެދުން ފުއްދުމަށްޓަކައި ކާވެނިކުރުމަށެވެ. ޝައިޠާނާގެ ޙަމަލައިން ރައްކައުތެރިވާނީ އޭރުންކަމެވެ. ޖިންސީއެދުން ފުއްދުމަށްޓަކައި ކާވެނި ފިޔަވައި އެހެންގޮތެއް ބޭނުން ނުކުރުމަށެވެ. ފާޅުގައިވިޔަސް ސިއްރުންވިޔަސްވެހެވެ.

ޒިނޭއާމެދު އިސްލާމްދީން ކަނޑައަޅައިފައިވަނީ ހުތުރުވެގެންވާ އިޖުތިމާޢީ ޖަރީމާއެއް ކަމުގައެވެ. ޒިނޭކުރުމަކީ ފާފަވެރި ނުބައި ޢަމަލެއްކަން އެންގެވުމާއެކު އިރުޝާދު ދެއްވަނީ އެކަމާ ދުރުހެލިވުމަށެވެ. މިމޭރުމުން ވަޙީކުރެއްވި އާޔަތެއްގެ މާނައިގައިވެއެވެ.

"އަދި ތިޔަބައިމީހުން ޒިނޭއާ ކައިރިނުވާށެވެ! ހަމަކަށަވަރުން އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކަމުގައިވިއެވެ. އަދި މަގެއްގެގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ. (ألإســـــراء: 32)

ތެދުމަގު ލިބިގެންވާ ކާމިޔާބު އިންސާނުންގެ ސިފަތައް ބަޔާންކުރައްވައި ވަޙީކުރެއްވި ދެއާޔަތެއްގެ މާނައިގައިވެއެވެ.

"އަދި އެއުރެންނީ، އެއުރެންގެ ފަރުޖުތަކަށް (އެބަހީ: ޖިންސީ ގުނަވަންތަކަށް) ރައްކައުތެރިވާ މީހުންނެވެ. އެއުރެންގެ އަނބީންގެ މައްޗަށާއި .............." (المـــؤمـــنــــون: 5، 6)

އިސްލާމްދީނުގެ ނަޒަރުގައި ރުހުމުގައި ޒިނޭކުރުމަކީވެސް ގަދަކަމުން ޒިނޭކުރުންފަދަ ޖަރީމާއެކެވެ. ފިރިހެނަކު ގަދަކަމުން އަންހެނެއްގެ ޢިޞްމަތްތެރިކަން ފޭރިގަނެ އޭނާގެ އަބުރަށް ހުތުރު އަރުވައި އޭނާގެ އަމާން ދިރިއުޅުމަށް ޒަހަރުލުމަކީ ކުށަކަށް ވާފަދައިން އަންހެނަކާ ފިރިހެނަކު ރުހިގަބޫލުވެގެން ޒިނޭކުރިކަމުގައިވިޔަސް އެކިލަނބުކޮށްލެވެނީ މުޖުތަމަޢުގެ ސާފުޠާހިރުކަމެވެ. އެއީ އިޖުތިމާޢީ ހަމަޖެހުމަށް އައްސުން އަރައިގަތުމެވެ. މިފަދަ މީހުންނަކީ ހަމަހަމަ ކުށްވެރީންނެވެ.

އިސްލާމްދީން އެދެނީ ކާވެނީގެ ޢުމުރުހަމަވާ އެއްވެސް ފިރިހެންކުއްޖަކުވެސް އަންހެންކުއްޖަކުވެސް ކާވެނިނުކޮށް ނުހުރުމެވެ. ވީހައިވެސް އަވަހަކަށް ކާވެނިކުރުމެވެ. އެހެންކަމުން އެފަދަ ޒުވާނުންގެ ބެލެނިވެރީންވަނީ އެކަމަށް ސަމާލުކުރުވައިފައެވެ. ކާވެނިކުރުވުމަށް ބާރުއަޅައިފައެވެ. އިސްލާމްދީން އަޅުވެތިކަން ނައްތައިލާން އިންތިހާޔަށް ބާރުއެޅިކަމުގައިވިޔަސް ޤުރްއާން ބާވައިލެއްވި ދުވަސްވަރު ދުނިޔެއިން އަޅުވެތިކަން ނައްތައިލެވިފައެއް ނުވެއެވެ. އަންހެނުންވެސް ފިރިހެނުންވެސް އަޅުވެތިކުރެވެއެވެ. އެހެންކަމުން ކީރިތި ޤުރްއާނުގައި އަންގަވައިފައިވަނީ، ހުސްއެކަނި އަންހެންދަރީންގެ ކާވެނިކުރުވާކަށެއް ނޫނެވެ. އަދި ކީއްތޯއެވެ. އަޅުއަންހެނުންނާއި އަޅުފިރިހެނުންގެ ކާވެނިކުރުވަންވެސްވަނީ އަމުރު ކުރައްވައިފައެވެ. މިމޭރުމުން ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

"އަދި ތިޔަބައިމީހުންގެ ތެރެއިން މީހުނާ ނުއިނދެތިބޭ މީހުން، ތިޔަބައިމީހުން (މީހުނާ) ދެވާށެވެ! އަދި ތިޔަބައިމީހުންގެ ފިރިހެން އަޅުންނާއި އަންހެން އަޅުންގެ ތެރެއިން ހެޔޮލަފާ މީހުންވެސްމެއެވެ. އެއުރެންނަކީ ފަޤީރުން ކަމުގައިވާނަމަ އެކަލާނގެ ފަޟުލުވަންތަކަމުން އެކަލާނގެ އެއުރެން މުއްސަނދި ކުރައްވައިފާނެތެވެ. اللّــــه އީ ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (الـنّـــور: 32)

ޒުވާން އެއްވެސް ފިރިހެނަކު އަނތްބަކުނެތި ހުންނާކަށެއް އިސްލާމްދީން ނޭދެއެވެ. ހަމައެފަދައިން ޒުވާން އަންހެނަކު ފިރިޔަކުނެތި ހުންނާކަށެއްވެސް ނޭދެއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ވަރަށްގިނަ އިރުޝާދުތަކެއްގައިވަނީ ކާވެނިކުރުމުގެ މައްޗަށް ބާރުއަޅުއްވައިފައެވެ. އެކަމަށް ޝައުޤުވެރި ކުރުއްވައިފައެވެ. ކާވެނިކުރުމާމެދު ފަރުވާކުޑަކޮށް ޣާފިލުވުމުގެ ނުބައި ނަތީޖާއާމެދު އިންޒާރު ކުރައްވައިފައެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޒުވާނުންނާ މުޚާޠަބުކުރައްވައި އެއްފަހަރަކު ޙަދީޘުކުރައްވައިފައިވެއެވެ.

"އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކާވެނިކުރާން ކުޅަދާނަވެގެންވާ ކޮންމެ މީހަކު ކާވެނިކުރާހުށިކަމެވެ! އެހެނީ ކާވެނިކުރުމަކީ ބެލުންތައް ތިރިކުރުވާ ކަމެކެވެ. ލަދުވެތި ގުނަވަންތައް ރައްކައުތެރިކުރަން އެންމެ މަންފާހުރި ގޮތެވެ." (ބުޚާރީ، މުސްލިމު)

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެއްފަހަރަކު ތަންކޮޅެއް ބޮޑަށް ބާރުއަޅުއްވައި އުންމަތަށް އިރުޝާދު ދެއްވިއެވެ.

"ކާވެނިކުރުމުގެ ކުޅަދާނަކަން ލިބިހުރެމެ ކާވެނި ނުކުރާ މީހާއަކީ އަހުރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ." (ސުނަނު ދާރާމީ: 2219)

އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެހެންފަހަރަކު އަންހެންކުދީންގެ ބެލެނިވެރީންނާ މުޚާޠަބުކުރައްވައި ޙަދީޘުކުރެއްވިއެވެ.

"އެމީހެއްގެ ދީންވެރިކަމާއި އަޚްލާޤާމެދު ތިޔަބައިމީހުން ރުހޭ މީހެއްގެ ފަރާތުން ތިޔަބައިމީހުންގެ ގާތަށް ކާވެނީގެ ހުށަހެޅުމެއް އަތުވެއްޖެކަމުގައިވާނަމަ (ތިޔަބައިމީހުންގެ ބެލެނިވެރިކަމުގެ ދަށުގައިވާ އަންހެންކުއްޖެއްގެ ކާވެންޏަށްއެދި ހުށަހެޅުމެއް ލިބިއްޖެކަމުގައިވާނަމަ) އެ ކާވެންޏެއް ކޮށްދޭށެވެ. ތިޔަބައިމީހުން އެގޮތަށް ޢަމަލު ނުކޮށްފިކަމުގައިވާނަމަ ބިންމަތީގައި ފިތުނަފަސާދަ އުފެދި ފުޅާވެގެން ހިނގައިދާނެއެވެ." (ޖާމިޢު ތިރުމިޒީ: 1084)

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ހުސްއެކަނި ކާވެނިކުރާން ބާރުއަޅުއްވައި ވާހަކަފުޅު ދެއްކެވީކީ ނޫނެވެ. ކާވެނީގެ ކަންތައްވަނީ ވަރަށްބޮޑަށް ލުއިކޮށްދެއްވައި ފަސޭހަކޮށްދެއްވައިފައެވެ. އިރުޝާދު ދެއްވައިފައިވެއެވެ.

"އެންމެ ހެޔޮކަންބޮޑު ކާވެންޏަކީ އެންމެ ސާދާކޮށް ފަސޭހަކޮށް ކޮށްނިންމައިލެވޭ ކާވެންޏެވެ." (ސުނަނު އަބޫދާއޫދު: 2117)

ކާވެނީގެ ވަލީމާ ދިނުމަކީ އަންހެންކުއްޖާގެ މައްޗަށް އެކަމުގެ ބުރައެއް އޮތްކަމެއް ނޫނެވެ. ވަލީމާ ދިނުމަކީ ފިރިހެންކުއްޖާގެ ކަމެކެވެ.

އަޅުގަނޑުމެންގެ މިޒަމާނުގައި އެކިސަބަބުތަކާހުރެ ކާވެނިކުރުން ލަސްވެއެވެ. އޭގެތެރެއިން އެއްކަމަކީ ޖަހީޒު ދޭންޖެހުމެވެ. އެކަމުގެ ވިޔަފާރިއެވެ. އެކަމަކު އިސްލާމްދީނުގައި ޖަހީޒު ދިނުމުގެ އެއްވެސް ތަޞައްވުރެއްނެތެވެ. ބައެއްމީހުން ދަޢުވާކުރާގޮތުގައި ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެމާތް ސާހިބާގެ ދަރިކަނބަލުން سـيّــدة الـنّسـاء فــاطــمــــة الـــــزّهـــــــراء އަށް ޖަހީޒު ދެއްވިއެވެ. އެކަމަކު އެއީ ސުރެންސުރެން ކުށްވާހަކައެކެވެ. އިތުރު ސާހިބާ އެކަންކުރެއްވީ ޖަހީޒު ދެއްވުމުގެ ގޮތަކުން ނޫނެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެމާތް ސާހިބާގެ ލޯފުޅުގެ ނޫރުކަމުގައި ހިމެނިވަޑައިގަންނަވާ ލޮބުވެތި ދަރިކަނބަލުން فــاطــمــــة الـــــزّهـــــــراء އާ ކާވެނިކޮށްދެއްވީ އެކަލޭގެފާނުގެ ލޮބުވެތި ބޮޑުބޭބޭފުޅުގެ ދަރިކަލުން أســــد اللّـــه عـلـــى مـــرتـضـــى އާއެވެ. عـلـــى رضــى اللّـــه عـــنــــه އަކީ ޢުމުރުފުޅުން ދިހަވަރަކަށް އަހަރުއްސުރެ އިތުރު ސާހިބާގެ ބެލެނިވެރިކަމުގައި އެމާތް ސާހިބާގެ އަރިހުގައި ހުންނެވި ބޭކަލެކެވެ. އިތުރު ސާހިބާ عـلـــى ގެފާނާއި فــاطــمــــة ގެފާނާ ކާވެނިކޮށްދެއްވާން ހަމަޖެއްސެވުމަށްފަހު عـلـــى ގެފާނާ ސުވާލުކުރެއްވިއެވެ. "ކަލޭގެފާނުގެ އަތްޕުޅުގައި އޮތީ ކޮންއެއްޗެއްތޯއެވެ؟" عـلـــى ގެފާނު ވިދާޅުވިއެވެ. "ދަހަނާއެއް އެބައޮތެވެ." ޙަދީޘުކުރެއްވިއެވެ. "އެ ދަހަނާ ވިއްކަވައިލައްވާށެވެ." އެ ބަރަކާތްތެރި ކާވެނިފުޅުގެ ހުރިހައި ޚަރަދުބަރަދަކާއި ކާވެނިފުޅުގެ ފަހުން ދިރިއުޅުއްވާން ބޭނުންފުޅުވާނެ ބައެއް ތަކެތި ހޯއްދެވީ عـلـــى رضــى اللّـــه عـــنــــه ގެ ދަހަނާކޮޅު ވިއްކައިލައްވައިގެން ލިބިވަޑައިގެންނެވި ފައިސާއިންނެވެ.

(ނުނިމޭ)