(15 އޮކްޓޯބަރުގެ އަދަދާ ގުޅޭ)
سُـــويــد رضـــــى اللّــــه عــنـــــه އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ އަރިހަށް މަޖައްލާ ލުޤްމާނު ހުށަހެޅުއްވިއެވެ. އިތުރު ސާހިބާ އެއަށް ތާރީފުކުރެއްވިއެވެ. އެއަށްފަހު އިސްލާމީ ރިސާލަތުގެ މަބްދައުތައް سُـــويــد އަށް ވިދާޅުވެދެއްވިއެވެ. ކީރިތި ޤުރްއާން ކިޔަވައިވިދާޅުވެދެއްވިއެވެ. ކީރިތި ޤުރްއާނުގެ ބަލާޣަތާއި ޙިކުމަތްތެރިކަމުގެ އަސަރު ވަރަށް ފަސޭހައިން سُـــويــد ގެފާނުގެ ހިތްޕުޅު ފަތަޙަކޮށްފިއެވެ. ހަމައެވަގުތު އިސްލާމްވެވަޑައިގެންފިއެވެ. سُـــويــد ގެފާނުގެ ޙިކުމަތުގެ ޝައުޤު އެކަލޭގެފާނަށް ކީރިތި ޤުރްއާން މަޢުރިފާވެވަޑައިގަތުމުގެ ސަބަބަކަށްވީ ފަދައިން އަރަހުށި މާތް اللّـــه މިންވަރު ކުރައްވައިފައިވަނީ އެކަލޭގެފާނުގެ ނަންފުޅު އަބަދަށްޓަކައި ދުނިޔޭގައި ލެހެއްޓެވުމަށެވެ. އެހެންކަމުން އެކަލޭގެފާނު މަދީނާއަށް ވަޑައިގެން އިސްލާމީ ތަޙުރީކަށްޓަކައި މަސައްކަތްޕުޅު ކުރައްވާން ފެށްޓެވިއެވެ. އިސްލާމްދީނުގެ ތެދުވެރި ޢާޝިޤެއްގެ ގޮތުގައެވެ. ނަމަވެސް سُـــويــد ގެފާނަށް އެކަމަށް މާކަދިގު މުހުލަތެއް ލިބިވަޑައެއް ނުގެންނެވިއެވެ. ބުޢާޘު ހަނގުރާމައިގައި އެކަލޭގެފާނު ޤަތުލުވެއްޖެއެވެ. ޝައްކެއްނެތެވެ. އެކަލޭގެފާނު ވަނީ އިސްލާމީ ތަޙުރީކު މަދީނާއަށް ތަޢާރުފު ކުރައްވައިފައެވެ. އެހެންކަމުން سُـــويــد بـــن الـصّــامِـت رضـــــى اللّــــه عــنـــــه ގެ އިސްލާމީ ޚިދުމަތަކީ ފާހަގަނުކޮށް ދޫކޮށްލެވޭފަދަ ކަމެއްނޫނެވެ. އެއީ މަދީނާގެ އުދަރެހުން އެންމެފުރަތަމަ ފާއްދައިލި ރަޙްމަތުގެ އަލީގެ ދޯއްޖެވެ.
އިސްރާއާއި މިޢުރާޖު
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ޙަޔާތްޕުޅުގައި މީގެ ސާދަ ސައްތަ އަހަރު ކުރީން ރަޖަބުމަހެއްގެ ހަތާވީސް ވިލޭރޭ ހިނގައިފައިވާ އިންސާނީ ބުއްދިތައް ޙައިރާންކުރުވަނިވި ހާދިސާއަކީ އަޅުގަނޑުމެން އިސްރާއާއި މިޢުރާޖުގެ ނަމުން މިފާހަގަކުރާ ހާދިސާއެވެ. އެ ހާދިސާ ހިނގި ތާރީޚާ ބެހޭގޮތުންވެސް ތަފާތު ރިވާޔަތްތަކެއް އައިސްފައިވެއެވެ.
1. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ނަބީކަން ދެއްވި އަހަރަކީ އިސްރާއާއި މިޢުރާޖުގެ ހާދިސާވެސް ހިނގި އަހަރެވެ.
2. މިޢުރާޖުގެ ހާދިސާ ހިނގީ ނަބީކަމުގެ ފަސް އަހަރު ފަހުންނެވެ.
3. ނަބީކަމުގެ ދިހަވަނަ އަހަރުގެ ރަޖަބުމަހުގެ ހަތާވީސް ވިލޭރޭގައެވެ.
4. ކައުސާހިބާގެ ހިޖްރައިގެ ސޯޅަމަސް ކުރީން (ނަބީކަމުގެ ބާރަވަނަ އަހަރުގެ) ރަމަޟާން މަހުގައެވެ.
5. ކައުސާހިބާގެ ހިޖްރައިގެ އެއްއަހަރާއި ދެމަސް ދުވަސް ކުރީން (ނަބީކަމުގެ ތޭރަވަނަ އަހަރުގެ) މުޙައްރަމް މަހުގައެވެ.
6. ކައުސާހިބާގެ ހިޖްރައިގެ އެއްއަހަރު ކުރީން (ނަބީކަމުގެ ތޭރަވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގައެވެ.)
މިދެންނެވި ރިވާޔަތްތަކުގެ ތެރެއިން عــلاّمــــة قــاضـــى سـليمـــان سـلـمـــان މަންޞޫރު ޕޫރީ ޞައްޙަކަމުގައި ބުރަވެވަޑައިގަންނަވަނީ ނަބީކަމުގެ ދިހަވަނަ އަހަރުގެ ރަޖަބުމަހުގެ ހަތާވީސް ވިލޭރޭ ކަމުގައި އައިސްފައިވާ ރިވާޔަތެވެ. (واللّــــه أعـــلــــم) ޢާންމުކޮށް އިސްލާމީ ދުނިޔޭގައި އިސްރާއާއި މިޢުރާޖުގެ ހަނދާން ދިރުވުމުގެގޮތުން އެ ހާދިސާ ފާހަގަކުރަމުން ގެންދަނީވެސް ރަޖަބުމަހުގެ ހަތާވީސް ވިލޭރެޔާ ގުޅުވައިގެންނެވެ. ކޮންމެއަކަސް މި އާދަޔާ ޚިލާފު ހާދިސާ ހިނގައިފައިވަނީ أمّ المــؤمــنـــيـــن السّــيّــدة خـــديجــــة الطّــاهــــــــرة رضـــــى اللّــــه عــنـــهـــا އަވަހާރަވީފަހުން ކަމުގައި ބުރަވެއެވެ. އެހެނީأمّ المــؤمــنـــيـــن އަވަހާރަވީއިރަކު ފަސް ނަމާދު ފަރުޟެއް ނުކުރައްވައެވެ. ފަސް ނަމާދު ފަރުޟު ކުރެއްވީ މިޢުރާޖުގެ ރޭގައެވެ. ޢިލްމުވެރީން ވިދާޅުވާގޮތުގައި ســـــورة ألإســـــراء ގެ ސިޔާޤުންވެސް އަންދާޒާ ކުރެވެނީ އިސްރާއާއި މިޢުރާޖުގެ ހާދިސާ ހިނގައިފައިވަނީ މައްކީ ދައުރުގެ ވަރަށް ފަހުކޮޅުގައި ކަމަށެވެ.
ހާދިސާގެ ވާހަކަ ރިވާވެގެން އައި އަސްލުތައް
މި އައިތަވެރި އަފޫރުއްބަ ހާދިސާއާމެދު އެންމެފުރަތަމަ ބަލައިލާން ޖެހެނީ މި ހާދިސާގެ ވާހަކަ އަޅުގަނޑުމެންނާ ހަމަޔަށް އައިސްފައިވާ ގޮތާމެދުގައެވެ. މިއީ އިތުބާރުހުރި ގޮތެއްގައި އަޅުގަނޑުމެންނާ ހަމަޔަށް އައިސްފައިވާ ހާދިސާއެއްތޯ ނުވަތަ ނޫންތޯއެވެ. އަޅުގަނޑުމެން މުސްލިމުން މިބާވަތުގެ ކޮންމެކަމެއްގައިވެސް އެންމެ އިސް މަރްޖިޢެއްކަމުގައި ބަލާންޖެހެނީ ކީރިތި ޤުރްއާނެވެ. މާތް ޤުރްއާނުގެ ދެ ސޫރަތެއްގައި އިސްރާއާއި މިޢުރާޖުގެ ވާހަކަ ވަނީ ޞަރީޙު ބަސްފުޅުން ބަޔާންކުރައްވައިފައެވެ. މި ބަރަކާތްތެރި ދަތުރުފުޅުގައިވަނީ ދެބައެކެވެ. އެއްބަޔަކީ ބިންމަތީގެ ބައެކެވެ. المـسجــد الحـــــــرام އިން المـسجــد الأقـصــى އަށް ކުރެއްވި ދަތުރުފުޅުގެ ވާހަކައިގެ ބައެވެ. ދެވަނަ ބަޔަކީ ސަމާވީ ބައެކެވެ. المـسجــد الأقـصــى އިން ســـدرة المـنــتــهـــى އަށް ކުރެއްވި ދަތުރުފުޅުގެ ބައެވެ. މި ދެބައިގެ ވާހަކަވެސް ކީރިތި ޤުރްއާނުގައި ޞަރީޙު ބަސްފުޅުން ވަނީ ބަޔާންކުރައްވައިފައެވެ. އެންމެ ފުރަތަމަބައި ކަމުގައިވާ އިސްރާގެ ވާހަކަ ބަޔާންކުރައްވައިފައިވަނީ ســـــورة ألإســـــراء ގެ އެންމެފުރަތަމަ އާޔަތުގައެވެ. އެ އާޔަތުގެ މާނައަކީ:
"المـسجــد الحـــــــرام ން المـسجــد الأقـصــى އަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެ ހުސް ޠާހިރުވަންތަ ކަމާއެވެ! އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތްލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ." (ألإســـــراء: 1)
މި ބަރަކާތްތެރި ދަތުރުފުޅުގެ އާސްމާނީ ބައިގެ ވާހަކަ ބަޔާންކުރައްވައިފައިވަނީ ســـــورة الـنّـجــــم ގައެވެ. އެ ސޫރަތުގެ އެގާރަވަނަ އާޔަތުން ފެށިގެން އަށާރަވަނަ އާޔަތުގެ ނިޔަލަށެވެ.
"އެކަލޭގެފާނު ދެކެވަޑައިގެންނެވި ކަންތަކާމެދު (އެކަލޭގެފާނުގެ) ހިތްޕުޅު އިންކާރެއް ނުކުރައްވަތެވެ. އެކަލޭގެފާނު (އެބަހީ: محــمّــــد ގެފާނު) އެހެންފަހަރަކުވެސް އެ މަލާއިކަތާ ދެކެވަޑައިގަތްކަން ކަށަވަރެވެ. ســـدرة المـنــتــهـــى ގެ ކައިރީންނެވެ. އެތާނގެ ކައިރީގައި جــنّـــة المــئـــواى ވެއެވެ. (އެއީ މުއުމިނުންގެ ފުރާނަތަކުގެ މަރުކަޒެވެ.) ســـدرة المـنــتــهـــى ފޮރުވައިލި (ފުރިހަމަ) ކަމެއްއައިސް ފޮރުވައިލި ހިނދުގައެވެ. އެކަލޭގެފާނުގެ ލޯފުޅު އެކިފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވައިފައިވާތަން ފަހަނަޅައިވެސް ނުމެދޭމެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ." (الـنّـجــــم: 18-11)
ކުޑަވެސް ބަހުސަކަށް ޖާގައެއްނެތް ޙަޤީޤަތެކެވެ. ކީރިތި ޤުރްއާނަކީ އިސްލާމީ ތަޢުލީމާތުގެ އެންމެ އިސް މަރްޖިއެވެ. މިޢުރާޖުގެ ވާހަކަ ބަޔާންކުރެވިފައިވަނީ އިސްލާމީ ތަޢުލީމާތުގެ ދެވަނަ މަރްޖިއުކަމުގައިވާ ޙަދީސުފުޅުތަކުގައި އެކަންޏެއް ނޫނެވެ. އަދި ކީއްތޯއެވެ. ކީރިތި ޤުރްއާނުގައިވެސް މިމާތް ދަތުރުފުޅުގެ ބިންމަތީބަޔާއި ސަމާވީބައިގެ ވާހަކަ މިވަނީ ޞަރީޙަ ބަސްފުޅުން ބަޔާންކުރައްވައިފައެވެ. އެހެންކަމުން އިސްރާއާއި މިޢުރާޖުގެ ހާދިސާއަށް އިންކާރު ކުރާކަށެއް މުސްލިމަކަށް ޖާގައެއް ނެތެވެ. މުސްލިމަކަށް އެ ހާދިސާ ތައުޖީހުކޮށް ތައުވީލުކުރެވޭނީ ކީރިތި ޤުރްއާނުގެ އާޔަތެއް ތައުޖީހުކޮށް ތައުވީލުކުރާން ޖާގަ ދެއްވައިފައިވާ އިމުގެ ތެރޭގައި ހުރެއެވެ.
މި އައިތަވެރި ހާދިސާގެ ތަފްސީލު ހޯދާން އަޅުގަނޑުމެން ރުޖޫޢަވާންޖެހޭ ދެވަނަ މަޞްދަރަކީ ނަބަވީ ޙަދީސުފުޅުތަކެވެ. ޙަދީސުފުޅުތަކާ ބެހޭގޮތުން ޢާންމުކޮށް މުސްލިމުންގެ މެދުގައި މަޝްހޫރު ކަމެކެވެ. އާދެ، ޙަދީސުފުޅުތަކުގެ ދަރަޖަތަކެއްވަނީ ކަނޑައެޅިފައެވެ. އެންމެ ގަދަ ޙަދީސުފުޅުތަކަކީ ބުޚާރީއާއި މުސްލިމުގައިވާ ޙަދީސުފުޅުތަކެވެ. އެދެ ފޮތުގައިވާ ޙަދީސުފުޅުތަކުގެ ތެރެއިންވެސް އެންމެ ވަރުގަދަ ނުވަތަ އެންމެ ޞައްޙަކަން ބޮޑު ޙަދީސުފުޅުތަކަކީ އިމާމު ބުޚާރީއާއި އިމާމު މުސްލިމާ ދެ އިމާމުން އިއްތިފާޤުވެވަޑައިގަންނަވާ ޙަދީސުފުޅުތަކެވެ.
އިސްވެދިޔަ ތަފްސީލުކުރުމަށްފަހު އަޅުގަނޑު ދަންނަވާލާން ބޭނުމެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ދަރަޖަމަތިވެރި ޞަޙާބީންގެ ތެރެއިން އަށާވީހަކަށް ބޭކަލުން (ބައެއް ރިވާޔަތްތަކުގައި ވާގޮތުން ސާޅީސްފަސް ބޭކަލުން) ވަނީ އިސްރާއާއި މިޢުރާޖާ ގުޅޭ ޙަދީސުފުޅުތައް ރިވާކުރައްވައިފައެވެ. ޝައްކެއްނެތެވެ. މުކާޝިފާ ތަކާއި މުޝާހިދާ ތަކަކީ ނުބުއްވަތުގެ ލާޒިމީ ބައެކެވެ. ނަބީބޭކަލުން އެބޭކަލުންގެ ޤައުމުގެ މީހުން އީމާންވާން ދަޢުވަތުދެއްވާ ޣައިބީ ކަންކަން ކަމާމެދު ޚުދު އެބޭކަލުންނަށް ފުރިހަމަ ޔަޤީންކަން ލިބިވަޑައިގަންނަވާ ވަރަށް އަމިއްލަފުޅަށް ތަޖްރިބާ ކުރެއްވިފައިވުމަށްޓަކައެވެ.
ޝައްކެއްނެތެވެ. ނުބުއްވަތާއި ރިސާލަތުގެ ސިލްސިލާގެ އެންމެ ފުރިހަމަކަމުގެ ދަރަޖަޔަށް ވާސިލުވެ ވަޑައިގެންފައިވަނީ އަޅުގަނޑުމެންގެ ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެވެ. އެހެންކަމުން މުކާޝިފާއާއި މުޝާހިދާގެވެސް އެންމެ ފުރިހަމަ ދަރަޖަޔަށް ވާސިލުވެވަޑައިގެންފައިވަނީ އެމާތް ސާހިބާއެވެ. މިގޮތުން ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ އެންމެ މަތިވެރި މުކާޝިފާއާއި މުޝާހިދާއަކީ އެމާތް ސާހިބާގެ އިސްރާއާއި މިޢުރާޖެވެ.
ރިވާޔަތުގެ ބައެއް ޚިލާފުތައް
އިސްރާއާއި މިޢުރާޖުގެ ވާހަކަތަކުގެ ތަފްސީލުތައް ބަޔާންކުރެއްވުމުގައި ރާވީންގެ ވާހަކަފުޅުތަކުގައި ހިސާބެއްގެ ތަފާތުތަކެއް ހުރިކަމުގައިވިޔަސް އަސްލު ހާދިސާއާމެދު ރާވީންގެ މެދުގައި އެއްވެސް ޚިލާފެއް ނުހުރެއެވެ. ކުރީންވެސް ދެންނެވި ފަދައިން އިސްރާއާއި މިޢުރާޖަކީ މާތްވެގެންވާ ޤުރްއާނުގެ ނައްސުން ސާބިތުވާ ކަމެކެވެ. ހަމައެފަދައިން ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ޙަދީސުފުޅުތަކުގައި ރިވާވެފައިވާ މި ހާދިސާގެ ބިންމަތީ ބަޔާއި އުޑުތަކުގެ ބައިގެ އަސްލާމެދު ޚިލާފެއް ނުހުރެއެވެ. ނަމަވެސް އެ ހާދިސާގެ ތަފްސީލުތައް ބަޔާންކުރެއްވުމުގައި ރާވީންގެ މެދުގައި ތަފާތުތަކެއް ހުރެއެވެ. އޭގެތެރެއިން ބައެއް ޚިލާފުތަކަކީ އަޅުގަނޑުމެންނަށް އެއްގޮތްކުރެވިދާނެ ތަފާތުތަކެކެވެ. އަޅުގަނޑުމެންނަށް ތަޠުބީޤު ކުރެވިދާނެ ތަފާތުތަކެކެވެ. މިސާލެއްގެގޮތުން ދަންނަވަމެވެ.
ތިޔަބޭފުޅާ ދެކެވަޑައިގެންނެވި ހާދިސާއެކެވެ. ނުވަތަ އަޑުއެއްސެވި ހާދިސާއެކެވެ. ތިޔަބޭފުޅާއާއެކު އެހެން ބޭފުޅަކުވެސް އެ ހާދިސާ ދެކެވަޑައިގެންނެވިއެވެ. ނުވަތަ އަޑުއެއްސެވިއެވެ. ނަމަވެސް ތިޔަ ބޭފުޅާ އެ ހާދިސާގެ މަންޒަރު ސިފަކުރައްވާގޮތާ އަނެއް ބޭފުޅާ ސިފަކުރައްވާ ގޮތުގައި ފަރަގެއް ހުރެދާނެއެވެ. ތިޔަބޭފުޅާ މަންޒަރު ސިފަކުރެއްވުމުގައި ދެއްވާ ބައެއް ތަފްސީލުތައް އަނެއް ބޭފުޅާ ކުރުކޮށްލައްވައިފައި ހުރެދާނެއެވެ. ހަމައެފަދައިން އަނެއް ބޭފުޅާ ތަފްސީލުކުރައްވާ ބައެއް ނުކުތާތައް ތިޔަބޭފުޅާ ދޫކޮށްލައްވައިފައިވެސް ހުރެދާނެއެވެ. ޝައްކެއްނެތެވެ. ކޮންމެ މީހަކީވެސް އަމިއްލަ ޛައުޤެއް ހުންނާނެ މީހެކެވެ. ތަފާތު މިޒާޖެއްގެ މީހެކެވެ. ކޮންމެ މީހަކުވެސް މަންޒަރު ސިފަކުރާނީ އެމީހެއްގެ ޛައުޤާ އެއްގޮތަށެވެ. އެހެންކަމުން ހާދިސާގެ ބައެއް ކަފިތައް ގަސްދަކާ ނުލައި ނުވަތަ ގަސްދުގައި ބަޔާންކުރައްވައި ދޫކޮށްލެއްވިފައި ހުރުމަކީ ޠަބީޢީ ކަމެކެވެ.
ޝައްކެއްނެތެވެ. މި މަތިވެރި ހާދިސާގެ ވާހަކައިގައި ތަޠުބީޤު ނުކުރެވޭކަހަލަ ބައެއް ކަންކަންވެސް ވަނީ ހިމެނިފައެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ މިޢުރާޖުގެ ހާދިސާ ފެށެނީ ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޙަޠީމުގައި (ޙިޖުރުގައި) ނުވަތަ އެމާތް ސާހިބާގެ ދެބެއިންގެދެދަރި އުޚުތެއްކަމުގައި أمّ هـــانــــى رضـــــــى اللّــــه عــنـــهـــا ގެ ގެކޮޅުގައި އަވަހާރަފުޅު ލައްޕަވައިފައި އޮންނަވަނިކޮށް ކަމުގައި ބަޔާންވެފައިވުމެވެ. ހަމައެފަދަ އަނެއް ނުކުތާއަކީ ބައެއް ރިވާޔަތްތަކުގެ ފަހަތުގައި ثُـــمَّ اسْـتَــيْـقَـظُـتُ (ދެން އަހުރެންނަށް ހޭލެވިއްޖެއެވެ.) މިގޮތަށް އައިސްފައިވުމެވެ. "اِسْـتَــيْـقَـظُـتُ" އަކީ އެހެންގޮތަކަށް މާނަކުރެވޭނެ ބަހެއް ނޫނެވެ. ތައުވީލުކުރެވޭނެ ބަހެއް ނޫނެވެ.
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް