އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑްގައި ކުރިއަށްދާ ފީފާ އަންހެން ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި މިއަދު ކުޅުނު މެޗުގައި 0-0 އިން ބްރެޒިލާ އެއްވަރުކޮށް، ޖެމެއިކާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ގަދަ 16 އިން ފުރުސަތު ހޯދައިފިއެވެ.

އޮސްޓްރޭލިއާގެ މެލްބާން ރެކްޓޭންގިއުލާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު އެއްވަރުކޮށް ޖެމެއިކާއިން ބްރެޒިލް ކަޓުވާލާފައިވާ އިރު، މިއީ މިދިޔަ 28 އަހަރު ތެރޭގައި ވޯލްޑް ކަޕްގެ ގަދަ 16 ގެ ފުރުސަތު ބްރެޒިލަށް ގެއްލުނު ފުރަތަމަ ފަހަރެވެ. އަދި ހާއްސަކޮށް އަންހެން ފުޓުބޯޅައިގެ ތާރީހު ދުށް އެންމެ ކުޅަދާނަ އެއް ކުޅުންތެރިޔާ، އުމުރުން 37 އަހަރުގެ މާޓާވެސް ދެން ވޯލްޑް ކަޕްގައި ނުފެންނާނެއެވެ. މިއީ އޭނާގެ ހަވަނަ ވޯލްޑް ކަޕެވެ. މާޓާއަކީ ފީފާ ވޯލްޑް ކަޕްގެ މުޅި ތާރީހަށް ބަލާއިރުވެސް އެންމެ ގިނަ ގޯލު ޖަހައިފައިވާ ކުޅުންތެރިޔާއެވެ. މާޓާ ވަނީ 17 ގޯލު ވޯލްޑް ކަޕްގައި ޖަހައިފައެވެ. ފިރިހެން ވޯލްޑް ކަޕްްގައި ވެސް ކުޅުންތެރިޔަކަށް އެ އަދަދަށް ގޯލު ޖެހިފައެއް ނުވެއެވެ.

މިއަދުގެ މެޗު ނިމުމާއެކު ޖެމެއިކާގެ ކުޅުންތެރިން އުފާފާޅުކުރި މަންޒަރު އެތައް ގޮތަކުން ހާއްސަވެސް ވިއެވެ. ނެށުމާއި އުފާވެރިކަމުގެ ކަރުނައިގައި ޖެމެއިކާ ކުޅުންތެރިން އުފާފާޅުކުރަމުންދިޔަ އިރު، މިއީ ކެރިބިއަން ގައުމެއްވެސް ފީފާ އަންހެން ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މިއަދު ނަތީޖާއާއެކު އެގައުމުގެ ފެޑަރޭޝަނަށް ދިނީ ހާއްސަ މެސެޖެކެވެ.

މުބާރާތުގެ ކުރިން ޖެމެއިކާގެ ފެޑަރޭޝަނާއި ޓީމާ ދެމެދު މައްސަލަތައް ގޯސްވެފައިވާ އިރު، ޖެމެއިކާއަށް ވޯލްޑް ކަޕަށް ދަތުރުކުރަން ފަންޑުވެސް ސަރުކާރުން ހަމަޖެހިފައެއް ނުވެއެވެ. އެހެންކަމުން އެގައުމުން ފަންޑު އެއްކުރީ އޮންލައިންޑް ފަންޑް ރެއިސިން ޕްލެޓްފޯމެއް ކަމަށްވާ "ގޯ ފަންޑް މީ" މެދުވެރިކޮށެވެ. އާންމުންގެ އެހީތެރިކަމާއެކު 50،000 ޑޮލަރަށްވުރެ ބޮޑު ބަޖެޓެއް ހޯދައިގެން ޖެމެއިކާ ވޯލްޑް ކަޕަށް ގޮސް، ޓީމުގެ ފަރާތުން ވަނީ އެސޯސިއޭޝަނާއި ސަރުކާރުގެ ކުޅިވަރު އިސްލާހުކުރަން ޖެހޭނެ ކަމަށް ގޮވާލައި ކުޅުންތެރިންގެ ސިޓީއެއް ލިޔެފައެވެ.

ޖެމެއިކާއިން ކޮޕާ އެމެރިކާ އަންހެން ޗެމްޕިއަން ބްރެޒިލް ކަޓުވާލި އިރު، ގްރޫޕް ސްޓޭޖު ނިންމާލީ ތިން ކްލީންޝީޓާއެކުގައެވެ. ގްރޫޕް އެފްގެ އެއްވަނަ މިއަދު ޔަގީންކުރި ފްރާންސް ކައިރިންވެސް ގޯލެއް ނުވައްދައި ޖެމެއިކާއިން ހިފަހައްޓާލި އިރު، މިއަދު ފްރާންސުން ޕެނަމާ ބަލިކުރީ 6-3 ގެ ނަތީޖާއަކުންނެވެ.

ގްރޫޕް ޖީގެ ފަހު މެޗުތައްވެސް މިއަދު ކުޅެފައިވާ އިރު، އާޖެންޓީނާ ކަޓުވާލައި ސުވިޑެން ވަނީ ގްރޫޕްގެ އެއްވަނަ ޔަގީންކޮށްފައެވެ. އަދި ވަރުގަދަ އިޓަލީ ބަލިކޮށް، ދެކުނު އެފްރިކާ ވެސް ވަނީ އެ ގްރޫޕުން ގަދަ 16 އަށް ދަތުރުކޮށްފައެވެ.