އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައިވާދަކުރުމަށް، އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ބުނެ، އެމަނިކުފާނުގެ ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަތުމުން، ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގެންފިއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓް މުހައްމަދު ތޮލާލް މީގެ އިރުކޮޅެއް ކުރިން ވަން އޮންލައިން އަށް ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ބަލައިގެންފައިވާ ކަމަށެވެ.

"މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ބަލައިގެންފަ، އެކަމާބެހޭގޮތުން ކުރަންޖެހޭ މަސައްކަތް މި ކުރަނީ،" ތޮލާލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ކެނޑިޑެސީ އިއްޔެ ހެނދުނު އީސީއަށް ހުށަހެޅުމުން، ގާނޫނީގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އިއްޔެ މެންދުރުފަހު އީސީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ރައީސް ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ޕީޕީއެމަށް އެކަން އަންގައިފައެވެ.

އީސީން، ޔާމީންގެ ކެނޑިޑެސީ ބަލައިނުގަންނަން ނިންމީ ގާނޫނުއަސާސީގެ 110 ވަނަ މާއްދާ އާއި ރިޔާސީ އިންތިހާބުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ)ގެ ދަށުން އަދި އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ރިއާޔަތް ކުރުމަށްފަހު އެމަނިކުފާނު ހުށަހެޅުއްވި ފޯމުގައިވާ މައުލޫމާތާއި ތަކެތި ބެލުމަށްފަހުއެވެ.

ސަބަބެއް ކަމަށް ބުނެފައި ވަނީ، ޔާމީންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ 12 މަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހަކަށް ވުމާއި އެ ހުކުމް ތަންފީޒުކޮށް ނިމިފައިނުވާކަން، ކުށުގެ ރެކޯޑަށް ބެލުމުން އެނގެން އޮތުމުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކުރާ ޝަރުތު ޔާމީންގެ ކިބައިގައި ހަމަނުވާތީ ކަމަށެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައިސްފައިވާ މީހަކު ނަމަ، އެ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ފަހުންނެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ކޮރަޕްޝަނާއި މަނީލޯންޑާ ކުރިކަން ސާބިތުވުމުގެ ސަބަބުން ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގެންފައިވާއިރު، ހަތް ދުވަހުގެ ތެރޭގައި އެ މައްސަލަ ނިންމަން ސުޕްރީމް ކޯޓަށް ގާނޫނު ލާޒިމު ކުރެއެވެ.