މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އަޑު ކެނޑިގެންދާގޮތަށް އިންތިހާބުގެ ކަންތައް ތަރުތީބުވަމުންދާނީ ކަންބޮޑުވާ ކަމަށް މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ރައީސް އަދި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ފޯމު ހުށަހަޅުއްވައިފައެވެ. ނަމަވެސް ޔާމީންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާތީ އީސީން ވަނީ އެ ފޯމު ބަލައިނުގަތުމަށް ނިންމައިފައެވެ.

ސަންގުޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފާރިސް މިރޭ ވިދާޅުވީ، ސިޔާސީ ގޮތެއް މައްސަލަތަކެއް ދިމާވި ނަމަވެސް ޕީޕީއެމަކީ ވަރަށް ގާތް ޕާޓީއެއް ކަމަށެވެ. އަދި ޕީޕީއެމްގެ ލީޑާޝިޕާއެކު މަސައްކަތް ކުރައްވައި، ބޮޑެތި ސިޔާސީ ކާމިޔާބުތަކެއް ވެސް ހޯއްދާފައިވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

ރާއްޖެއަށް ތަރައްގީ ގެނައުމުގައި އެ ބޭފުޅުންނާއެކުގައި މަސައްކަތް ކުރެއްވި ކަމަށް ފާރިސް ވިދާޅުވިއެވެ.

"ދެން އަޅުގަނޑުމެން ވެސް ވަރަށް ކަންބޮޑުވާކަމެއް ހާއްސަކޮށް ޕީޕީއެމްގެ އާންމު މެމްބަރުންގެ އަޑު އުފުލޭނެ ގޮތެއް ނެތި ނޫނީ އެ މީހުންގެ އަޑު ނުއިވޭނެ ގޮތަކަށް ރިޔާސީ އިންތިހާބުގެ ކަންކަން ބައްޓަންވެގެން ހިނގައިދާނެތީ. މި ދެންނެވި ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށް ބޮޑު ބަޔަކު އަދިވެސް ހަމަ ޕީޕީއެމްގައި ތިބީ ދެއްތޯ. ޕީޕީއެމްގެ ވިސްނުމުގައި ތިއްބެވީ. އެހެންނަމަވެސް ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅު އަތަށް އަރާއިރު ޕީޕީއެމްގެ އާންމު މެމްބަރުންނަށް ތާއިދު ކުރެވޭ ނޫނީ އެބަޔަކު ސިޔާސަތަށް ތާއިދުކުރެވޭ އެއްވެސް ކެންޑިޑޭޓެއްގެ ނަމެއް ނެތިއްޔާ އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް،" ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގައި ވާދަނުކުރެވޭ ގޮތްވުމަކީ ޑިމޮކްރަސީގެ ރޫހާ ހިލާފު ކަމެއް ކަމަށެވެ. ޑިމޮކްރޮސީއެއްގައި ހުރިހާ ރައްޔިތުންނަށް، އެ ރައްޔިތުންގެ ބަސް ބުނުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

އެގޮތަށް ވިދާޅުވި ނަމަވެސް ޕީޕީއެމްއަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވެން ޖެހޭނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ، އީސީން، އެމްއާރްއެމް، އުވާލަން ނިންމި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފައިވާތީ ގާނޫނީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބަށް އެމްއާރްއެމްގެ ޓިކެޓުގައި ކުރިމަތިލައިގެން މަސައްކަތް ކުރަމުން ދަނިކޮށް ސިވިލް ކޯޓުން އެމްއާރްއެމްއާ ދެކޮޅަށް ނިންމުމެއް ނިންމައިފިނަމަ، ކެންޑިޑެސީ ބާތިލުވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"އެކަން އެހެން ހިނގައިފާނެ ކަމަށް ވިސްނައިގެން އަޅުގަނޑު އަމިއްލަ، އިންޑިޕެންޑެންޓު ކެންޑިޑޭޓެއްގެ ގޮތުގަ ކުރިމަތިލުމަށް ބޭނުންވާ ކަންތައް އެއީ 1،500 ސޮއި ހޯދުމަކީ ދެއްތޯ. އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާތާ މިހާރު ދުވަސްކޮޅެއްވެއްޖެ. އިރާދަކުރެއްވިއްޔާ މިހާތަނަށް އައިރު 1،500 ސޮއި ހަމަކުރެއްވިއްޖެ،"

އޭނާ ވިދާޅުވީ އެމްއާރްއެމްގެ މެމްބަރުންގެ އަދަދު 3،500 ވުރެ އިތުރުކުރުމަށް މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. މެމްބަރުންގެ އަދަދު ގިނަ ޕާޓީތަކުގައި ވެސް މެމްބަރުން ތިބީ ކޮންމެވެސް ޒަރޫރީ ނުވަތަ އަސާސީ ބޭނުމެއް ފުއްދުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.