ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅި ފުރަތަމަ ކެންޑިޑޭޓުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނަށް ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމު ހުށަހެޅީ މިއަދު ހެނދުނެވެ.
ފޯމު ހުށަހެޅުމަށް އީސީގެ ރިޔާސީ އިންތިހާބާ ބެހޭ މައި މަރުކަޒު ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޔާމީންގެ ފަރާތްޕުޅުން ފޯމު ހަވާލުކޮށްދެއްވީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓް މުހައްމަދު ތޮލާލެވެ. އީސީގެ ފަރާތުން ފޯމާ ހަވާލުވެވަޑައިގަތީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.
ރަސްމިއްޔާތުގައި ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އިދާރީ ގޮތުން ފޯމުގައި ފުރިހަމަވާންޖެހޭ ހުރިހާ ބައިތަކެއް ފުރިހަމަވޭތޯ ބެލުމަށްފަހު ކޮމިޝަނުން ނިންމާ ގޮތް 48 ގަޑިއިރުގެ ތެރޭގައި ކެންޑިޑެސީ ހުށަހެޅި ފަރާތަށް ދޭން ގާނޫނުގައި ބުނި ނަމަވެސް 24 ގަޑިއިރު ފުރިހަމަވުމުގެ ކުރިން ކެންޑިޑެސީ ފޯމާމެދު ގޮތެއް ނިންމައި އެ ގޮތް އަންގާނެ ކަމަށެވެ.
އީސީގެ ލީގަލް ޓީމުގެ ނިންމުން މީގެ އިރުކޮޅެއް ކުރިން ވަނީ ޕީޕީއެމަށް އަންގައިފައެވެ. އީސީން ދިން ޖަވާބުގައި ބުނެފައިވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތު ޔާމީންގެ ކިބާގައި ހަމަނުވާ ކަމަށާއި އެހެންވެ އެ މަނިކުފާނުގެ ކެނޑިޑެންސީ ގަބޫލު ނުކުރަން ނިންމާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ، ގާނޫނުއަސާސީގެ 110 ވަނަ މާއްދާއާއި ރިޔާސީ އިންތިހާބުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ)ގެ ދަށުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޔާމީން ހުށަހެޅުއްވި ފޯމުގައިވާ މައުލޫމާތާއި ތަކެތި ބެލި އިރު، ގާނޫނުއަސާސީއާއި އިންތިހާބުތަކާބެހޭ އާއްމު ގާނޫނު އަދި ރިޔާސީ އިންތިހާބުގެ ގާނޫނުގައިވާ ގޮތުގެ މަތިން، ޔާމީން، ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާން ހުށަހެޅި ހުށަހެޅުން ގަބޫލުކުރެވެން ނެތް ކަމަށެވެ.
ސަބަބެއް ކަމަށް ބުނެފައި ވަނީ، ޔާމީންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ 12 މަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހަކަށް ވުމާއި އެ ހުކުމް ތަންފީޒުކޮށް ނިމިފައިނުވާކަން، ކުށުގެ ރެކޯޑަށް ބެލުމުން އެގެން އޮތުމުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކުރާ ޝަރުތު ޔާމީންގެ ކިބައިގައި ހަމަނުވާތީ ކަމަށެވެ.
ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއްއަހަރަށް ވުރެ ދިގު ހުކުމެއް އައިސްފައިވާ މީހަކު ނަމަ އެ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ފަހުންނެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ކޮރަޕްޝަނާއި މަނީލޯންޑާ ކުރިކަން ސާބިތުވުމުގެ ސަބަބުން ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
ކެންޑިޑެންސީ ފޯމު ބަލައިނުގަތުމުގެ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ގާނޫނުން ޔާމީނަށް ލިބިދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު