ށ. ނަރުދޫން ޢަލީ ޔާމީން ( ވަން އޮންލައިން)

މި ރަށު ކައުންސިލުގެ ހަތަރު މެމްބަރަކު އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

މި ރަށު ކައުންސިލުގެ ކޮންޓްރޯލު މީގެ ކުރިން އޮތީ ޖުމްހޫރީ ޕާޓީގައެވެ. އެގޮތުން ޖޭޕީގެ ތިން މެންބަރަކު ކައުންސިލުގައި ތިއްބެވިއެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މި ރަށަށް ވަޑައިގެން މި ރަށު ބަނދަރުގައި ބޭއްވި ޖަލްސާގައި މި ރަށު ކައުންސިލުގެ ހަތަރު މެންބަރަކު ވަނީ އެމްޑީޕީއަށް ސޮއިކުރައްވައި، ރައީސްގެ އަތްޕުޅަށް ފޯމު އަރުއްވައިފައެވެ.

މި ރަށު ކައުންސިލުން އެމްޑީޕީއާ ގުޅިވަޑައިގަތީ ކައުންސިލުގެ ރައީސް މުހައްމަދު މުސްތަރުސިދާއި ނައިބު ރައީސް އަލީ ޝަރީފާއި ކައުންސިލް މެމްބަރު ސާމާ މުހައްމަދާއި މުހައްމަދު މަދީހެވެ. މި ރަށު ކައުންސިލުގައި މީގެ ކުރިން ހުންނެވީ އެމްޑީޕީގެ އެންމެ މެމްބަރެކެވެ. އެއީ އައިޝަތު މާޒާއެވެ. އެހެންކަމުން މިއަދު އެމްޑީޕީއާ ގުޅިވަޑައިގަތް ހަތަރު ކައުންސިލަރުންނާއެކު މި ރަށު ކައުންސިލުގެ ފުރިހަމަ އަގުލަބިއްޔަތު އެމްޑީޕީއަށް ލިބުނީއެވެ.

ކައުންސިލުގެ ހަތަރު މެންބަރެއްގެ އިތުރުން ޑަބްލިޔުޑީސީގެ މެންބަރަކާއި ކުރީގެ ކައުންސިލް މެންބަރަކާއި ޕީޕީއެމްގެ އެކްޓިވިސްޓަކުވެސް ވަނީ މި ރަށުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.