ށ. ފުނަދޫން ޢަލީ ޔާމީން (ވަން އޮންލައިން)

ޕީއެސްއައިޕީ މަޝްރޫއުތަކަށް މިސަރުކާރުން މިހާތަނަށް 32 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެމްޑީޕީއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކޯލިޝަން ލީޑަރުންނާއެކު މި ރަށަށް ވަޑައިގެން މި ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ކުރީ ސަރުކާރާ އަޅާބަލާއިރު، މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތަކަށް އިތުރަށް ފައިސާ ހަރަދުކޮށްފައިވާ ކަމަށާއި އެއީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް ކަމަށެވެ.

"2014 އިން 2015 އަށް އޮތް ވެރިކަމުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ހަރަދުކުރީ 22 ބިލިއަން ރުފިޔާ، އަޅުގަނޑުމެންގެ މި ސަރުކާރުގައި މިހާތަނަަށް އައިއިރު 32 ބިލިއަން ރުފިޔާ ޕީއެސްއައިޕީގެ ޕްރޮގްރާމްތަަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފިން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ފައިސާ ހަރަދުކުރީ ސީދާ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކަމަށާއި 141 ރަށުގައި ފެނާއި ނަރުދަމާއަށް އެކަނިވެސް 5.76 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނަގާ ވޯޓަކީ ރާއްޖޭގެ މުސްތަގުބަލާ ގުޅިގައިވާ ވޯޓެއް ކަމަށާއި އެއީ ތަރައްގީއާ އެކުގައި ކުރިއަށްދާނީތޯ ނުވަތަ އަނިޔާވެރިކަމަށް އެނބުރި ދާނީތޯ ނިންމާނެ ވޯޓެއް ކަމަށެވެ.