އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ކާމިޔާބުކޮށްދެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އެމަނިކުފާނުގެ ރަނިންމޭޓް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް ވެސް ރައީސް ޔާމީންގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ ޖަމީލެވެ. ރިޔާސީ އިންތިހާބު 2013، ރައީސް ޔާމީން ކާމިޔާބުކުރެއްވި އިރުވެސް ރަނިންމޭޓަކަށް ހުންނެވީ ޖަމީލެވެ. ނަމަވެސް ނައިބު ރައީސްގެ ގޮތުގައި އެ ދައުރު ފުރިހަމަކުރުމުގެ ފުރުސަތު ޖަމީލަށް ލިބިވަޑައިގެންފައެއް ނުވެއެވެ.
ޔާމީންގެ ރަނިންމޭޓަކަށް ހަމަޖެއްސެވުމާ ގުޅިގެން ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަނިންމޭޓަކަށް އޭނާ އިހުތިޔާރު ކުރެއްވީތީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށާއި ޕާޓީގެ ލީޑާޝިޕާއި ސެނެޓަރުންނާއި އާންމު މެންބަރުން ކުރާ އިތުބާރަށް ވެސް ޝުކުރު އަދާކުރާ ކަމަށެވެ.
"އެންމެން ގުޅިގެން އާ ޖޯޝެއްގައި ރައީސް ޔާމީން ރާއްޖޭގެ ޒައާމަތަށް ގެންނެވުމުގެ މަސައްކަތް ފަށަމާ ހިންގަވާ. އަޅުގަނޑުގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ ބޮޑަށް މި އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދެއްވުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން އަރުވަން،" ޖަމީލު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޑރ. ޖަމީލް ހަމަޖެއްސެވި އިރު، އެމްއެމްޕީއާރުސީގެ މައްސަލައިގައިި ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އިރު، މިމަހުގެ ހަތްވަނަ ދުވަހުގެ ކުރިން އެ މައްސަލަ ޔާމީންގެ ކޮޅަށް ނުނިމިއްޖެ ނަމަ، ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދައެއް ނުކުރެވޭނެއެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޖަމީލު، ރައީސް ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްކަމުން ވަކިކުރެއްވީ 21 ޖުލައި 2015 ގައި ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްފަހުއެވެ. ފަހުން ނައިބު ރައީސްގެ މަގާމަށް އައްޔަންކުރެއްވީ އޭރު ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި އަހުމަދު އަދީބެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު