ފުވައްމުލަކު ސިޓީން މުހައްމަދު ޖަމްޝަތު (ވަން އޮންލައިން)

ކުރިއަށްއޮތް ދެ ދުވަހުގެ ތެރޭގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކެންޑިޑެސީ ފޯމު ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނުގެ ކެމްޕޭން ޓީމުން ބުނެފިއެވެ.

ރައީސްގެ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން މިއަދު މި ސިޓީއަށް ވަޑައިގެން ރަނިންމޭޓަކަށް ނައިބު ރައީސް ފައިސަލް ނަސީމް އިއުލާންކުރައްވާނެ ކަމަށް ސޯޝަލް މީޑިއާގައި ވަނީ އަޑުތައް ފެތުރިފައެވެ.

އެކަމާ ގުޅޭގޮތުން އެމްޑީޕީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ފުވައްމުލަކަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ރަނިންމޭޓް އިއުލާންކުރުން ނުހިމެނޭ ކަމަށާއި ރަނިންމޭޓެއް އަދި ކަނޑައަޅުއްވާފައި ނުވާ ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ކުރިއަށްއޮތް ދެ ދުވަހުގެ ތެރޭގައި ރަނިންމޭޓެއް ކަނޑައެޅުއްވުމަށްފަހު, ރައީސްގެ ކެންޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެއެވެ.

މި ސިޓީއަށް ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރެވެ. މި ދަތުރުފުޅުގައި ދޫޑިގަން އަވަށު ފުޓުބޯޅަ ދަނޑާއި ފުވައްމުލަކު ސްކޫލުގައި އަލަށް އިމާރާތް ކުރި މަލްޓިޕާޕަސް ހޯލާއި އެމްޑީއޭ ޕޮލިޓިކަލް ސެންޓަރު އަދި އަދާލަތު ޕާޓީގެ ކެމްޕެއިން ޖަގަހަ ރައީސް ހުޅުވައިދެއްވާނެއެވެ. އޭގެ އިތުރުން ހޯމް ސޯލާ ޕްރޮގްރާމު އިފްތިތާހުކޮށްދެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

މި ސިޓީގައި "އުފާވެރި އަމާން ރާއްޖެ" ޖަލްސާ ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައި މި ސިޓީގެ ސްޓޭޑިއަމްގައެވެ. ރައީސްގެ ފުވައްމުލަކު ދަތުރުފުޅު ނިންމަވައިލެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނެވެ.