ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރަނިންމޭޓަކަށް މިފަހަރު ވެސް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހަމަޖައްސަވައިފިއެވެ.

ރިޔާސީ އިންތިހާބު 2013، ރައީސް ޔާމީން ކާމިޔާބުކުރެއްވި އިރުވެސް ރަނިންމޭޓަކަށް ހުންނެވީ ޖަމީލެވެ. ނަމަވެސް ނައިބު ރައީސްގެ ގޮތުގައި އެ ދައުރު ފުރިހަމަކުރުމުގެ ފުރުސަތު ޖަމީލަށް ލިބިވަޑައިގެންފައެއް ނުވެއެވެ.

ޕީޕީއެމުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ޑރ. ޖަމީލް ހަމަޖައްސަވައިފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޑރ. ޖަމީލް ހަމަޖެއްސެވި އިރު، އެމްއެމްޕީއާރުސީގެ މައްސަލައިގައިި ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އިރު، މިމަހުގެ ހަތްވަނަ ދުވަހުގެ ކުރިން އެ މައްސަލަ ޔާމީންގެ ކޮޅަށް ނުނިމިއްޖެ ނަމަ، ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދައެއް ނުކުރެވޭނެއެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޖަމީލު، ރައީސް ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްކަމުން ވަކިކުރެއްވީ 21 ޖުލައި 2015 ގައި ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްފަހުއެވެ. ފަހުން ނައިބު ރައީސްގެ މަގާމަށް އައްޔަންކުރެއްވީ އޭރު ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި އަހުމަދު އަދީބެވެ.