އެމަނިކުފާނު ކުރިން ހީފުޅުކުރެއްވީ، ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް ލަދުގަންނަން ނުޖެހޭ ވަރަށް ވޯޓު ލިބޭނެ ކަމަށް ކަމަށާއި ނަމަވެސް މިހާރު އެ މަންޒަރު ނުފެންނަ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގައި 17 އަހަރު އުޅުއްވުމަށް ފަހު، އެ ޕާޓީން ވަކިވެވަޑައިގެން، އެ ޕާޓީގެ ތެރެއިން އުފަންވި "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރެއްވުމަށްފަހު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއެކު އައްޑޫ ސިޓީއަށް ރޭ ވަޑައިގެން އެ ސިޓީގެ ފޭދޫގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ފެންނަތަނުގައި ރިޔާސީ އިންތިހާބު އެއްބުރުން އެއްވެސް ޕާޓީއަކަަށް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ، ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ހިމެނޭނެކަމީ ޝައްކު ކުރައްވާ ކަމެއް ނޫން ކަމަށާއި ރައްޔިތުންގެ ތާއީދާއެކު ޑިމޮކްރެޓްސްއަށް އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށެވެ.

އެމްޑީޕީއަށް އަމާޒުކޮށް އެ ޕާޓީ އުފެއްދުމުގައިވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި، އަދި ޕާޓީގެ ރައީސްކަން އެންމެ ގިނަ ދުވަހު ކުރެއްވި ނަޝީދު ވިދާޅުވީ، ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލިބެންހުރި ވޯޓު މިހާރު މަދު ކަމަށެވެ.

"އަޅުގަނޑަށް ވަކި އަދަދެއް މިހާރު ދަންނަވަން އުނދަގޫވެއްޖެ. އަޅުގަނޑު ކުރީގައި ހީކުރީ ލަދުނުގަންނަ ވަރުގެ ވޯޓު އެ ބޭފުޅުން (އެމްޑީޕީ) އިން ހޯދާނެ ކަމަށް. ނަމަވެސް މިހާރު އެތަނެއް ނުފެނޭ،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މިހާރު ވެފައިވާ ގޮތް ނަޝީދު ސިފަކުރެއްވީ، އެމަނިކުފާނުގެ ވެރިކަމުގެ ނައިބު ރައީސް، ޑރ. މުހައްމަދު ވަހީދު ހުސައިން މަނިކު، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުން އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދުންނެވެ.

"އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެއް ނައުޝާދު ވަހީދު އެއީ، އޭނާގެ ބޭބެ ޑރ. ވަހީދު އެ ފަހަރުގެ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި. ނައުޝާދު އަޅުގަނޑު ކައިރީގައި ވިދާޅުވީ، އެ ބޭފުޅާގެ އަނެއް ބޭބެ އަދީބު އިންތިހާބު ބޭއްވުމަށް ހަފުތާއަކަށް ވެފައިވަނިކޮށް ބުނުއްވިއޭ ނައު އޭ 65 ޕަސަންޓު ޑރ. ވަހީދަށް ލިބިވަޑައިގަންނަވާނެއޭ. ދެން އެހެންނަމަވެސް އެންމެ ފަހުންވެސް ލިބިވަޑައިގެންނެވި އަދަދު އަޅުގަނޑުމެން އެންމެންނަށް ފެނިގެންދިޔަ، ފަސް ޕަސަންޓު" ރައީސް ސޯލިހަށްވެސް އެފަދަ ގޮތެއް މެދުވެރިވާނެ ކަމަށް ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ވެރިކަމުގައި ތިބޭ މީހުންނާ ދިމާލަށް އެއްޗެހި ކިޔުމަކީ ގިނަ ރައްޔިތުން ބޭނުންވާ ކަމެއް ނޫން ކަމަށާއި އެހެންކަމުން ލިބޭ ވޯޓާއި ލިބޭނެ ކަމަށް ލަފާކުރާ ވޯޓާ ވަރަށް ބޮޑަށް ތަފާތުވެގެންދާ ކަމަށެވެ.

"ވަޑައިގަންނަވާ ކޮންމެ ރަށެއްގައި އެބަތިބޭ އެކި ގޮތްގޮތަށް މީހުން ގެނެސް އަތުރާ އެ މީހުން ދިދަ ހޫރައި، ޒިންދާބާދު ކިޔައި، ތީއޭ ރައީސަކީ ތީއޭ ރައީސަކީ، އެކި ބާވަތްކަކުގެ ލަވަ ހައްދަވައިގެން ކިޔުއްްވާ އެކަންތައް ހިނގާ. އެހެންނަމަވެސް އަޅުގަނޑުމެންނަށް އެނގޭ އެއީ ހަގީގަތެއް ނޫންކަން،" ރައީސް ސޯލިހަށް އަމާޒުކުރައްވައި އެމަނިކުފާނުގެ ޒަމާންވީ އެކުވެރިޔާ، އަދި ސިޔާސީ ކަންކަމުގެ ސަބަބުން މިހާރު ހަތުރަކަށްވެފައިވާ ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ގަދަ ބައި މިހާރު އޮތީ ދަ ޑިމޮކްރެޓްސްގައި ކަމަށެވެ.