އަސްލު ލިޔުއްވީ: ޑޮކްޓަރ محـمّــد رضــا الإســـلام نــــدوى

ތަރުޖަމާ: عــبــد اللّـــه فــاروق حســن

****************

މިޒަމާނުގެ ދުނިޔެއަށް ކުރިމަތިވެފައިވާ ސީރިޔަސް އިޖުތިމާޢީ މައްސަލަތަކުގެ ތެރެއިން ޤައުމީ ފެންވަރުގައްޔާއި ބައިނަލްއަޤްވާމީ ފެންވަރުގައި ޚާއްޞަ ސަމާލުކަމެއް ދޭންޖެހިފައިވާ އެއް މައްސަލަޔަކީ އަންހެނުންގެ ޢިއްޒަތާއި އަބުރު ނަގައިލުމުގެ މައްސަލައެވެ. ޢިޞްމަތްތެރިކަން ފޭރިގަތުމުގެ މައްސަލައެވެ. އެކަނބަލުންނަށް މިނުރައްކަލާ ކުރިމަތިލާންޖެހެނީ ހުސްއެކަނި ދުރުހިލޭ މީހުންގެ ފަރާތަކުން ނޫނެވެ. ގާތްތިމާގެ އަމިއްލަ މީހުންގެ ފުށުންވެސްމެއެވެ. އެކަނބަލުން މި ޙަމަލަތަކާ ކުރިމަތިލާންޖެހެނީ ވަކި މިވެނި މާޙައުލަކުންނެއްވެސް ނޫނެވެ. އެކަނބަލުންނަށް ރައްކައުތެރި އެއްވެސްތަނެއް ނޯވެއެވެ. ގޭތެރެއާއި އޮފީސްތަކާއި ބާޒާރުމަތި ކަމުގައިވިޔަސް ރޭލުތަކާއި ބަސްތައް ކަމުގައިވިޔަސް ތަފާތެއް ނުހުރެއެވެ. ހުރިހައި ތަނަކުންވެސް އެކަނބަލުންގެ އަބުރު ނަގައިލެވެއެވެ. ބައެއްފަހަރަށް ޢިޞްމަތްތެރިކަމަށް އަރައިގަންނަ ހިސާބަށްވެސް ކަންތައް މައްޗަށްދެއެވެ. އަނިޔާގެ ސިކާރަޔަކަށްވާ ބައެއް އަންހެނުން ފުރާނައިން އަތްދޮވެލާންވެސް ވަނީ ޖެހިފައެވެ. މިދާއިރާގައި ދިމާވާ އެންމެ ކަންބޮޑުވާންޖެހޭ އެއްކަމަކީ އިޖުތިމާޢީ ގޮތެއްގައި (އެތައްބަޔަކު ބައިވެރިވެގެން) އަންހެނެއްގެ ޢިއްފަތްތެރިކަން ފޭރުމެވެ. ވަރަށްގިނަފަހަރު ޒުވާން އެތައް ފިރިހެނުންތަކެއް ބައިވެރިވެގެން ކޮންމެވެސް މަޢުޞޫމު އަންހެންކުއްޖަކު އެބައިމީހުން ހަވަސް (ނަފްސާނީ ޝަހުވަތު) ފިލުވުމުގެ ޝިކާރަޔަކަށް ހަދައިލައެވެ. އެއަށްފަހު ނުހަނު އަނިޔާވެރި ގޮތްގޮތަށް އެ މަޢުޞޫމު ޖިންސުއްލަޠީފުން ޤަތުލުކޮށްލައެވެ.

އަންހެނުންގެ ޢިޞްމަތްތެރިކަން ފޭރުމަކީ މިހާރު މުޅިދުނިޔޭގައިވެސް ޢާންމުކަމެކެވެ. ތަރައްޤީވެފައިވާ ޤައުމުތަކާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކާއި ފަޤީރު ޤައުމުތަކުގެ މެދުގައި މިކަމުގައި ތަފާތެއް ނުހުރެއެވެ. އިސްތިސްނާއެއް ނޯވެއެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ސާވޭ ރިޕޯޓެއް (National Crime Victimization Survey) ގައިވާގޮތުން 2012 ވަނަ އަހަރު އެމެރިކާގައި 386830 އަންހެނުންނާ ވަނީ ގަދަކަމުން ޒިނޭކޮށްފައެވެ.

ހިންދުސްތާނުގައި 2013 ވަނަ އަހަރު ވަނީ ޒިނޭކުރުމުގެ 33707 މައްސަލަ ރިޕޯޓުކޮށްފައެވެ. މިކަންބޮޑުވާންޖެހޭ މައްސަލަ ނުހަނު ހަލުވިކަމާއެކު އަންނަނީ އިތުރުވަމުންނެވެ. (2009 ގައި ރިޕޯޓުކޮށްފައިވަނީ 21397 މައްސަލައެވެ.) ޝިކާރަވެވިފައިވާ އަންހެންކުދީންގެ ތެރެއިން ތޭރައިންސައްތަ ކުދީންގެ އެވްރެޖު ޢުމުރު ސާދަ އަހަރަށްވުރެ ހަގެވެ. ސާދަ އަހަރާ އަށާރަ އަހަރާ ދެމެދުގެ އުމުރުފުރައިގެ ކުދީންގެ އިންސައްތައަކީ ސައްބީސް އިންސައްތައެވެ. އަށާރަ އަހަރާއި ތިރީސް އަހަރާ ދެމެދުގެ އުމުރުފުރައިގެ ކުދީންގެ އިންސައްތައަކީ ސާޅީސް ހައެކެވެ.

ހިންދުސްތާނުގައި ދުވަހެއް ދުވަހަކަށް އަންނަނީ ޒިނޭކުރުމާއި ޢިޞްމަތްތެރިކަން ފޭރުމުގެ މައްސަލަތައް ގިނަވަމުންނެވެ. ވަކި މިވެނި ދުވަހެއްގެ ނޫހެއް ނޫނެވެ. ކޮންމެވެސް ދުވަހެއްގެ ނޫހެއް ބައްލަވައިލައްވާށެވެ. ޢިޞްމަތްތެރިކަން ފޭރުމުގެ އެތަކެއް ހާދިސާތަކެއްގެ ޚަބަރު ފެނިވަޑައިގަންނަވާނެއެވެ. އޭގެތެރެއިން ބައެއް މައްސަލަތައް ކޯޓުތަކާ ހަމަޔަށް ދެއެވެ. ޝަރިޔަތަށް ހުށަހެޅޭ މައްސަލަތަކުގައި ނިޔާކަނޑައެޅުން އެތައް އަހަރުތަކަކަށް ދިގުދެމިގެން ހިނގައިދެއެވެ. ޢަދާލަތީ ނިޒާމުގެ އޮޅުންބޮޅުން ބޮޑު ހަރުފަތްތަކުގެ ސަބަބުންނެވެ. މުޖްރިމުންނަށް އަދަބުދެވެނީ ދާދި މަދު މައްސަލަތަކެއްގައެވެ.

ޤައުމުގައި މިނުރުހެވޭ ހާދިސާ ތަކުރާރުވަމުންދާލެއް ގިނަކަމުގައި ބައެއްފަހަރު މިއީ ޢާންމުކަމެކޭ ހީވާތަންވެސް އާދެއެވެ. ނަމަވެސް ދޭތެރެއަކުން ހިނގާ ތަންކޮޅެއް ވޭންދެނިވި ހާދިސާއެއްގެ ސަބަބުން ޢާންމުން އަނެއްކާވެސް ނިދީން ހޭލައެވެ. މައްސަލައާމެދު އިޙްތިޖާޖުކުރާން ފަށައިގަނެއެވެ. މިފަދަ ޙާލަތްތަކުގައި މި ޖަރީމާ ހުއްޓުވުމަށްޓަކައި ޢަމަލުކުރެވިދާނެ ތަފާތު ތަދުބީރުތަކުގެ ވާހަކަވެސް ހުށަހަޅަމުން ގެންދެއެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ ޢާންމުކޮށް ފެންނަގޮތަށް މުޖްރިމުން ދަންޖައްސާންވެސް ގޮވައިލައެވެ. ވީހައިވެސް ހަރުކަށި ޤާނޫނުތަކެއް ހަދާންވެސް ގޮވައިލެވެއެވެ. ޢާންމުކޮށް ރަށުތެރެ ފުރިހަމަޔަށް ބެލެހެއްޓުމުގެގޮތުން ސީ.ސީ.ޓީ.ވީ. ކެމެރާތައް ވީހައިވެސް ގިނަކުރުމަށާއި ވަރުގަދަ ސިކިއުރިޓީ ނިޒާމެއް ޤާއިމުކުރާންވެސް ހުށަހަޅައެވެ. ހަމައެފަދައިން އަމިއްލަޔަށް ދިފާޢުވެވުމަށްޓަކައި އަންހެންކުދީންނަށް ޖޫޑޯއާއި ކަރާޓީފަދަ ދިފާޢީ ކަސްރަތު ދަސްކުރުން ލާޒިމުކުރުންވެސް އިލްތިމާސުކުރެވެއެވެ.

މިކަމާބެހޭގޮތުން ބައެއް ފަރާތްތަކުން އަދި އެހެން އަޑެއްވެސް އުފުލައެވެ. އެއީ އިސްލާމްދީނުގައި ކަނޑައަޅައިފައިވާ ޒިނޭގެ ޙައްދު ތަންފީޒުކުރުމަށް އުފުލާ އަޑު އުފުލުމެވެ. ޢަރަބި ޤައުމުތަކުގައި މިކުށަށްދޭ އަދަބުދިނުން ޤާނޫނީގޮތުން ލާޒިމުކުރާންވެސް ގޮވައިލައެވެ. އެންމެ ދިލްޗަސްބުކަމަކީ މިއަޑު އުފުލާ މީހުންނަކީ އިސްލާމްދީނާ މަރުދެކޮޅު މީހުންކަމެވެ. އިސްލާމްދީނާ ޙައްދެއްނެތްވަރަށް އިދިކީލި މީހުންކަމެވެ. އިސްލާމްދީނަށް ފުރައްސާރަކޮށް ހެއްދެވި ނެހެއްދެވިޔަށް ގޮވާނެ އެއްވެސް ފުރުޞަތެއް ލިބޭތޯ ދެކޮޅުހޯދައި ބަލަބަލައިތިބޭ މީހުންކަމެވެ. ޒިނޭކުރާ މުޙުސިނުން ގަލުންތަޅައި ރަޖަމުކުރުމުގެ ޙުކުމް އިސްލާމްދީނުގައި އޮންނަކަމަށް ކޮންމެވެސް ދިމާއަކުން އަޑު އިވިފައިވާތީ ހިނގަމުންދާ ޖަރީމާތަކުގެ ނުރައްކައުތެރިކަމާހުރެ އެ އަދަބު އެބައިމީހުންގެ ހިތުގެ އަޑުކަމުގައި ވެފައިވަނީއެވެ. އެބައިމީހުންގެ އެތެރެފުށުގައި ފޮރުވިފައިވާ އެދުމެއް ބޭއިޚްތިޔާރުގައި ދޫމައްޗަށް އަންނަމުންދަނީއެވެ. އެބައިމީހުންގެ ހިތުގެ އެދުމާ ނޭދުމާއެކު އިސްލާމްދީނުގެ ނަން ބޭނުންކުރެވޭތަން އަންނަނީއެވެ.

އަބުރު ނަގައިލުމާއި ޢިޞްމަތްތެރިކަން ފޭރުން ހުއްޓުވުމަށްޓަކައި ހަރުކަށި ޤާނޫނުތައް ހެދުމުގެ ވާހަކަ ދެއްކިކަމުގައިވިޔަސް ޒިނޭކުރުމުގެ ކުށަށް އިސްލާމްދީނުގައި ކަނޑައަޅައިފައިވާ އަދަބު ތަންފީޒުކުރާން ގޮވައިލާ ގޮވައިލުންކަމުގައިވިޔަސް މިއިން ކޮންމެ ގޮވައިލުމަކީވެސް ޖަޒުބާތިއްޔަތުގެ މަޒްހަރެކެވެ. ސީރިޔަސްކަމެއްނެތް ގޮވައިލުންތަކެކެވެ. އެހެނީ ކިތަންމެ ހަރުކަށި ޤާނޫނުތަކެއް ހެދިކަމުގައިވިޔަސް ހުސްއެކަނި ޤާނޫނު ހިންގައިގެން ޖަރީމާތައް މުޅީން ހުއްޓުވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ޖަރީމާތައް ހުއްޓުވަން ހިނގާންވީ މަގުގެ އެންމެފުރަތަމަ މަރުޙަލާއަކީ މުޖުތަމަޢަކީ ސާފުތާހިރު މުޖުތަމަޢަކަށް ހެދުމުގެ މަސައްކަތުގެ މަރުޙަލާއެވެ. އެކަމުގެ ތަދުބީރުތައް ޚިޔާރުކުރުމެވެ. އަފްރާދުން ނުބައި ދިމަދިމާޔަށް ގޯޅިއަޅުވައި ޖަރީމާތަކަށް އަރައިގަތުމުގެ ފަރާތަށް ލަންބުވާ ކަންކަން މަނާކުރުމެވެ. ޝައްކެއްނެތެވެ. ޤާނޫނަކީ ޖަރީމާތައް ހުއްޓުވުމުގެ އެހީތެރިޔެކެވެ. އެކަމުގެ މަދަދުޤާރެކެވެ. އެކަމަކު ކުރީންވެސް ދެންނެވިފަދައިން ހުސްއެކަނި ޤާނޫނަކުން ޖަރީމާތަކެއް ނުހުއްޓުވޭނެއެވެ. ޖަރީމާތަކަށް އަރައިގަތުމުގެ ސަބަބުތައް އެހުރިގޮތަށް ބަހައްޓައިފައި ކިތަންމެ ހަރުކަށި ޤާނޫނުތަކެއް ހަދައި ތަންފީޒުކުރިކަމުގައިވިޔަސް ޖަރީމާތަކެއް މަދެއްނުވާނެއެވެ. އަދި ކީއްތޯއެވެ؟ ކުށްގޮތްގޮތަށް ޤާނޫނު ހިންގައިލެވުމުގެ އެކަށޭނަކަންވާނީ އިތުރުވެ ޢަދާލަތުގެ ޚަރަދު ބޮޑުކަމާހުރެ ނިކަމެތީން ތިބޭނީ އަމިއްލަ ނަފުސު ދިފާޢުކުރާން ނުކުޅެދިފައެވެ. މުއްސަނދީންނާއި ބާރުގަދަ ފަރާތްތަކުން ތިމާމެންގެ ބާރާއި ނުފޫޒުގައި ޖަރީމާތަކުގެ އަދަބުން ދިނިގަންނާނެއެވެ.

މިގޮތަށް އިސްލާމްދީނުގެ އެންމެ ޙުކުމެއް ބަލައިގަނެ ތަންފީޒުކުރާން އަޑުއުފުލުމާއި އެހެނިހެން އަމުރުފުޅުތަކާއި އިރުޝާދުތަކާމެދު ލޯމަރައިލައި ނަޒަރުން އެއްކިބާކޮށްލުމަކީ ރަނގަޅު ގޮތެއްނޫނެވެ. އަދި ކީއްތޯއެވެ؟ އިސްލާމީ ނިޒާމު ޤަބޫލުކުރާކަމުގައިވާނަމަ ކުރާންވާނީ ބައިބައިނުކުރެވޭ އެކައެއްގެ ގޮތުގައެވެ. އިސްލާމީ ތަޢުލީމާތުގެ ފުރިހަމަ އަސަރާއި ބާރު ތަޖުރިބާކުރެވޭނީ އެ ނިޒާމު އެކަށް ތަންފީޒުކޮށްގެންނެވެ. މިސާލެއްގެގޮތުން ވިސްނައިލަމާ ހިންގަވާށެވެ. މެޝިނެއް ރަނގަޅަށް މަސައްކަތްކުރާނީ އެ މެޝިނެއްގެ ހުރިހައި ފުރޮޅުތަކެއް އެ ފުރާޅޮތަކުގެ މަޤާމުގައި ޤާއިމުވެފައި ހުރެގެންނެވެ. އެ މެޝިނުން އެކި ފުރޮޅުތައް ވަކިވަކީން ނަގައިގެނެއް އެފުރޮޅުތަކެއް މަސައްކަތެއް ނުކުރާނެއެވެ. އެ ބޭނުމެއްގައި މެޝީން އުފެއްދި ބޭނުމެއްވެސް އެ ފުރޮޅުތަކަކުން ނުފުދޭނެއެވެ. ހަމައެފަދައިން އިސްލާމީ ޤާނޫނުތަކުގެ ތެރެއިން ވަކި ޤާނޫނެއް ތަންފީޒުކޮށްފައި އެހެނިހެން ޤާނޫނުތަކަށް ލޯމަރައިލައިގެންވެސް ބޭނުންވާ ފައިދާއެއް ޙާޞިލެއް ނުވާނެއެވެ. އިސްލާމީ ނިޒާމުގެ ފުރިހަމަކަންވެސް ސާބިތެއް ނުކުރެވޭނެއެވެ.

ކޮންމެ އިންސާނެއްގެ ކިބައިގައިވެސް މައިގަނޑުގޮތެއްގައި ތިންވައްތަރެއްގެ އެދުންތަކެއް ހުރެއެވެ. ކެއުމުގެ އެދުމާއި ބުއިމުގެ އެދުމާއި ޖިންސީ (Sex) އެދުމެވެ. ކޮންމެ އިންސާނެއްކަމުގައިވިޔަސް (ދަހްރިއްޔާއަކަށްވިޔަސް ނުވަތަ ސިކިއުލަރ މީހަކަށްވިޔަސް ނުވަތަ ކޮންމެވެސް ދީނެއް ޤަބޫލުކުރާ މީހަކު ކަމުގައިވިޔަސް) އިންސާނެއްކަމުގައިވާތީ އޭނާގެ ކިބައިގައި މިތިންކަންތައްތަކުގެ އެދުން އެކުލެވިފައި ހުރުމަކީ ފިޠުރީ ކަމެކެވެ. މީގެތެރެއިން ޖިންސީ އެދުންވެރިކަމާމެދު ޚިޔާލުކޮށްލާއިރު އެކަމާ ގުޅިގެން އިންސާނުން ޚިޔާރުކޮށްފައިވަނީ ތަފާތުގޮތްތަކެވެ.

ބައެއް މީހުންވަނީ ޖިންސީ އެދުން މަތަކޮށް ޝަހުވަތުގެ ބާރު ނައްތައިލާން މަސައްކަތް ކޮށްފައެވެ. އެބައިމީހުން ހުށަހަޅާ ތަޞައްވުރަކީ އިންސާނާގެ ސަލާމަތް އޮތީ ޖިންސީ އެދުން އޮއްބައިލައިގެންކަމެވެ. ކާމިޔާބީގެ މަރުޙަލާތައް ކަޑައްތުކުރެވޭނީ އޭރުންކަމެވެ. ކްރިސްޓިޔަނިޓީގެ ރާހިބުންނާއި ހިންދޫ ދީނުގެ ޖޯގީންގެ ކިބައިން ފެނިފައިވަނީ މި ތަޞައްވުރެވެ. އެބައިމީހުން ދުށްގޮތުގައި ޖިންސީގުޅުމަކީ ނަފުރަތުކުރާން އެކަށީގެންވާ ހުތުރު ކަމެކެވެ. އެބައިމީހުން މަސައްކަތްކުރީ ވަރިކާވެނީގެ ތަކްލީފުތަކުން މިންޖުވާށެވެ. އެބައިމީހުން ޚިޔާރުކުރީ ޖަންގަލިތަކާއި ވީރާނާ ތަންތަނެވެ. އެތަންތާނގައި ޖިފުޓި ޖަހައިގެން އެކަހެރީން ދިރިއުޅެމުން ގެންދިޔައެވެ. އެ ވިސްނުމުގެ ތެރެއިން އުފެދިގެންއައި މަޒްހަބުތަކުގެ މީހުންގެ ނަޒަރުގައި މާތް މީހުންނަކީ ހުސްހަށިބަޔަށްއުޅެ ދުނިޔެ ދޫކޮށްފައިދާ މީހުންނެވެ. ޗާޗުތަކާއި ފައްޅިތަކުން އެފަދަ މީހުންނަށް މަތީމަޤާމުތައް ލިބެއެވެ. އެކަމަކު އިންސާނީ ފިޠުރަތު އޮބަހައްޓައި އެ ފިޠުރަތާ ހަނގުރާމަ ކުރުންމަތީ ދިރިއުޅުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. އެހެންކަމުން ތާރީޚު ހެކިވާފަދައިން ޗާޗުތަކާ ގުޅިފައިވާ ފާދަރުންނާއި ފައްޅިތަކުގެ ޕުޖާރީން ޒިނޭކުރުމާއި ލިވާޠުކުރުމުގެ ކުށަށް ތަކުރާރުކޮށް އަރައިގަންނަކަން ވަނީ ސާބިތުވެފައެވެ. ހަމައެފަދައިން ރޫޙާނިއްޔަތާއި އަޅުކަންކުރުމުގެ މަރުކަޒުތަކެއް ކަމުގައި ދަޢުވާކުރާ ޗާޗުތަކާއި ފައްޅިތަކުގެ މުޤައްދަސްކަންވެސް އެކިފަހަރުމަތީން ވަނީ ފުނޑުފުނޑުވެ ވެއްޔާ މޮޑެވިފައެވެ. ފައިދަށުލެވި ހިރަފުހާ މޮޑެވިފައެވެ.

މީގެ އަނެއްކޮޅުން ބައެއްމީހުން ވަކާލާތުކުރަނީ ޖިންސީ މުޢާމަލާތަކުގައި ހުރިހައިގޮތަކުންވެސް މިނިވަންކަން ހޯދުމަށެވެ. އެބައިމީހުން ދަޢުވާކުރަނީ އިންސާނާ އުފެދިފައިވަނީ މިނިވަނެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން ތިމާ ބޭނުން ކޮންމެގޮތަކަށް ތިމާގެ ޖިންސީ އެދުން ފުއްދުމަކީ ކޮންމެ މީހަކަށްވެސް ލިބިފައިވާ ޙައްޤެއް ކަމުގައެވެ. އެގޮތަކީ ފިޠުރަތާ ކިތަންމެ ޚިލާފުގޮތެއް ކަމުގައިވިޔަސްވެހެވެ. އެހެންކަމުން އެއްޖިންސުން އުޅުމަށްވަނީ ޤާނޫނީ ރައްކައުތެރިކަން ހޯދައިފައެވެ. ފިރިހެނުން ފިރިހެނުންގެ ޒަރީޢާއިން އަންހެނުން އަންހެނުން މެދުވެރިކޮށް ޖިންސީ ހިތްހަމަޖެހުން ލިބިގަތުމުގެ މަގު މިހާރުވަނީ ފަހިވެފައެވެ. މިބާވަތުގެ ފިޠުރަތާ ޚިލާފު ގޮތްތައް ޚިޔާރުނުކުރާ މީހުންކުރެވެސް އެއްބަޔަކު ކާވެނިކުރުމާއި ޢާއިލާ އުފެއްދުމާމެދު ދެކެނީ މުސްކުޅި ކަޓުކަމެއްގެ ގޮތުގައެވެ. އެފަދަ މީހުން ރަނގަޅު ކަމުގައި ދެކެނީ އަންހެނަކާއި ފިރިހެނަކާ ދެމީހުން ބޭނުންހައި ދުވަހަކު މިނިވަންކަމާއެކު އެކުއުޅެ އެކަކު އަނެކެއްގެ ފަރާތުން އުފާ ހޯދައި އެކަކުއަނެކެއްގެ ފޮނި ބޮއި ހުތްފިތައިފައިވާ ތޮށިގަނޑަކަށް ހަދައިލުމަށްފަހު އެމީހަކު ދާނޭ އަތަކަށް އެމީހަކުގޮސް އޮބައިލާންވީ ކަމުގައެވެ. އެކަމަށް ހުޅުވިފައިވާ މިނިވަންކަންދީފައި ބޭއްވުމަށެވެ. އެފަދަ މީހުންގެ ނަޒަރުގައި ދެމީހަކު ރުހުމުގައި ކުރާކަމެއް ކަމުގައިވާނަމަ ބޭނުން ޖިންސަކުން ބޭނުންއިރަކު ޖިންސީ ގުޅުން ބާއްވަންވީއެވެ. މިޒަމާނުގެ ޤާނޫނުތަކުގައި ކުށެއްކަމުގައި ބަލައިފައިވަނީ ހުސްއެކަނި މީހެއްގެ ނުރުހުމުގައި ގަދަބަދަވިކަމުން ޖިންސީގުޅުން ހިންގުމެވެ. މިގޮތަށް ދަޢުވާކުރާ މީހުން ހުށަހަޅާ ތަޞައްވުރުގައިވާގޮތުން ކޮންމެ އިންސާނަކީ އޭނާގެ ހަށިގަނޑުގެ ވެރިޔާއެވެ. އޭނާ ބޭނުން ގުނަވަނެއް ފޮރުވައި ނިވާކުރެވިދާނެއެވެ. ބޭނުން ކޮންމެ ގުނަވަނެއް ނުފޮރުވައި ހާމަޔަށްވެސް ބެހެއްޓިދާނެއެވެ. އޭނާ ބޭނުން ކޮންމެގޮތަކަށް އޭނާގެ ގުނަވަންތަކުގެ ބޭނުންވެސް ހިފިދާނެއެވެ. އެގޮތުން އަންހެނުންގެ ރަޙިމަކީވެސް މިހާރު ކުއްޔަށްލިބޭ ތަނެކެވެ. ބޭނުން ކޮންމެ ފިރިހެނަކަށް އޭނާގެ ނުޠުފާ އެތަނަށް ވައްދައިގެން ދަރިޔަކު ހޯދިދާނެއެވެ.

(ނުނިމޭ)