ލިޔެކިޔުން ހަމަނުވެގެން، އުވާލަން އިއުލާނުކުރި ރާއްޖޭގެ 1989 ޖަމިއްޔާގެ ނަން އޮތް ލިސްޓުގެ ތެރޭގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ހިމެނިއްޖެއެވެ.
މިއަދު ޔޫތު މިނިސްޓްރީން ނެރުނު އިއުލާނުގައި ހިމަނާފައިވަނީ 2022 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާތީ ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީ ކޮށްފައިނުވާ 1989 ޖަމިއްޔާގެ ނަންތަކެވެ. ވީއޭއެމް އެ ލިސްޓްގައި ހިމަނެފައިވާ އިރު، ރާއްޖޭގެ ބައެއް މަގުބޫލު ކްލަބުތައްވެސް އެ ލިސްޓުގައި ހިމެނިފައިވެއެވެ. އަދި ބައެއް އިދާރާތަކުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އިދާރާތަކުގެ ޖަމިއްޔާތަކުގެ ނަންތައްވެސް އެ ލިސްޓުގައި ވަނީ ހިމެނިފައެވެ.
ވީއޭއެމްގެ ނަން އުވާލަން ނިންމާފައިވާ ލިސްޓުގައި ހިމެނިފައިވާ އިރު، މިހާރު އޮތް މުހައްމަދު ރަނޭޝް (ރަނޭ)ގެ ލީޑަޝިޕް އައި ފަހުން، އަހަރީ އާންމު ޖަލްސާ ބާއްވާފައެއް ނުވެއެވެ. އަދި އަހަރީ ބަޖެޓު ފާސްނުކޮށް އެސޯސިއޭޝަން ހިންގަމުން ދިޔުމުގެ ސަބަބުން އެކަމަށްވެސް ވަނީ ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒުވެފައެވެ. ހާއްސަކޮށް އެ މައުލޫމާތު އަމިއްލަ ފަރާތެއް ކަމަށްވާ، ކުރިން ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ޝަރަފަށް ފޯރުކޮށްދޭން އިންފޮމޭޝަން ކޮމިޝަނަރު އޮފީހުންވެސް ރަނޭއަށް ވަނީ އަންގައިފައެވެ. ރަނޭއަށް އެގޮތަށް އަންގާފައި އޮތީ ވީއޭއެމްގެ މައުލޫމާތުތައް ހޯދަން ޝަރަފު އިންފޮމޭޝަންސް ކޮމިޝަނަރަށް ފޮނުވި ސިޓީއާ އެކުގައެވެ.
ވީއޭއެމްގެ ކަންކަން އުސޫލުން ބޭރުންދާ ކަމަށް ބުނެ، ގިނަ ޝަކުވާތަކެއް މިނިސްޓްރީއާއި ސްޕޯޓްސް ކޮމިޝަނަށްވެސް ހުށަހެޅިފައިވާ އިރު، ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުގައި ކުރިން ހުންނެވި ހީނާ އަހުމަދު ސަލީމް ވަނީ އެ އިދާރާއަށް އިންޒާރުވެސް ދީފައެވެ. އެހެން ނަމަވެސް، އަދިވެސް ވީއޭއެމުން އެކަންކަން ރަނގަޅުކުރަން އެއްވެސް މަސައްކަތެއް ކުރަމުންދާތަން ފެނިފައެއް ނުވެއެވެ.
ޔޫތު މިނިސްޓްރީން ޖަމިއްޔާތައް އުވާލުމަށް މިއަދު ނެރުނު އިއުލާނުގައި ފާހަގަކޮށްފައިވާގޮތުގައި، ޖަމިއްޔާތައް އުވާލާ ލިސްޓުގައި ހިމަނާފައިވަނީ ތަކުރާރުކޮށް ދިން ފުރުސަތުތަކުގައިވެސް ބޭނުންހިފާފައި ނުވާ ޖަމިއްޔާތަކެވެ. ލިސްޓުގައި ނަން އޮތް ޖަމިއްޔާއެއް އުވާލުން ހުއްޓުވުމަށް އެދޭ ފަރާތަކަށް އަދިވެސް ވަނީ މިނިސްޓްރީން ފުރުސަތެއް ދީފައެވެ. އެއީ، އެ ޖަމިއްޔާގެ މެމްބަރަކަށް ނުވަތަ މަސްލަހަތު އޮތް ތިން ވަނަ ފަރާތަކަށް ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ލިޔުމުން ހުށަހަޅައިގެންނެވެ. އެ ފުރުސަތު ދީފައި އޮތީ އަންނަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު 14:00 އަށެވެ.
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން