ތައުލީމާއި ތަމްރީނުގެ ދާއިރާއިން، މީގެ ކުރިން ތަނަވަސްވެފައި ނެތް މިންވަރަށް، ދިވެހި ޒުވާނުންނަށްޓަކައި މި ސަރުކާރުން ފުރުސަތުތައް ފަހިކޮށްދީފައިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ 58ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، ދިވެހިން އެދިއެދި ތިބި މަންޒިލަކީ، 21 ވަނަ ގަރުނުގެ ތަރައްގީ ކަމަށާއި އެ މަންޒިލާ ދިވެހި ރައްޔިތުންނާ ދެމެދަށް ހުރަސްވެފައި އޮތީ ދިވެހި ރައްޔިތުން އުޅެންޖެހިފައިވާ ހާލަތު ކަމަށެވެ.
އެގޮތުން މި ފަސް އަހަރުގެ ތެރޭގައި ސަރުކާރުގެ އަމާޒަކަށް ހެދީ، އެ ހާލަތު ބަދަލުކޮށް ތަރައްގީގެ ސަރާސަރު ރާސްތާއަށް ދިވެހިން ނެރެދިނުމަށް ކަމަށް ވިދާޅުވިއެވެ.
"މާތް ﷲގެ ހެޔޮ ރަހުމަތްފުޅުން، މި ފިޔަވަޅުމަތީ ހުރެ އުފަލާއެކު އަޅުގަނޑު ދަންނަވަން އޮތީ، އިލުމު އުނގެނުމާއި މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ނުލިބޭ އެންމެ ދިވެހި ދަރިއަކުވެސް މިހާރު ނުހުންނާނެޔޭ. ތައުލީމާއި ތަމުރީނުގެ ދާއިރާއިން، މީގެ ކުރިން ތަނަވަސްވެފައި ނެތް މިންވަރަށް، ދިވެހި ޒުވާނުންނަށްޓަކައި އަޅުގަނޑުމެން ފުރުސަތުތައް ފަހިކޮށްދީފިން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ދިވެހިން އަބަދު ފިކުރުކޮށްގެން ތިބީ އެ މީހުންގެ ޒާތީ މިނިވަންކަމަކީ ދަރިންނަށް ކިޔަވައިދީގެން ތަރައްގީގެ މަގުގައި ހަލުވި ފިޔަވަޅުމަތީ ކުރިއަށް ދެވޭނެ ގޮތް ވުން ކަމަށެވެ.
އަދި މި ފަސް އަހަރުގެ ތެރޭގައި ހަމަޖެހުމާއި ސުލްހަވެރިކަން ގާއިމުކޮށް، މިއަދު ގައުމު ބިނާކުރުމުގެ ބިންގާ އެޅިފައިވާ ކަމަށާއި ރާއްޖޭގެ އުތުރުން ދެކުނަށް މުޑުވައްކުރި ތަރައްގީގެ އޮށްތައް ކޯދުލައި ހެދިގަންނަން ތައްޔާރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ދެން ކުރަން އޮތް ކަމަކީ، އަޅުގަނޑުމެން މި ތައްޔާރުކުރި ތަރައްގީގެ ބުސްތާނަށް ފެން ދީ އެ ގަސްތައް ހެއްދުން. އަޅުގަނޑުމެންގެ މަގުސަދަކަށް ވާންވީ، އެ ގަސްތަކުގެ ހިޔާ މުޅި ރާއްޖެއަށް ފަތުރާލައި، އެ ހިޔާވަހިކަމުގެ ދަށުގައި ކުރިމަގުގެ ޖީލުތަކަށް އުފާވެރި އަމާން ދިރިއުޅުމެއް ހޯދައިދިނުން،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު