ސައުދީ އަރަބިއާގެ އަލް-ހިލާލުން ޕީއެސްޖީގެ ކިލިއަން އެމްބާޕޭ ހޯދަން ދުނިޔޭގެ ރެކޯޑް 259 މިލިއަން ޕައުންޑްގެ ބިޑެއް ކޮށްފިއެވެ.
ޕީއެސްޖީއާއި އެމްބާޕޭގެ ގުޅުން ގޯސްވެފައިވަނީ އެއްބަސްވުމުގެ މައްސަލައިގައެވެ. އުމުރުން 24 އަހަރުގެ އެމްބާޕޭ، ކުރިއަށް އޮތް ސީޒަންގައި ޕީއެސްޖީގައި މަޑުކުރަން ބޭނުންވާ ނަމަ، މިހާރުން މިހާރަށް އެއްބަސްވުން އާކުރަންޖެހޭ ކަމަށް ކްލަބުގެ ރައީސް ނާސިރު އަލް-ހެލައިފީ ވަނީ ވިދާޅުވެފައެވެ. އެމްބާޕޭ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ އަންނަ ސީޒަންގެ ނިޔަލަށެވެ. އެ އެއްބަސްވުން ހަމަވުމާ އެކު މަޑުކުރަން ބޭނުންވާ ނަމަ، އެމްބާޕޭއަށް އެއްބަސްވުން އާ ކުރުމަށް ބާރު ލިބެއެވެ. ނަމަވެސް އެމްބާޕޭ ބުނީ އަންނަ ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލާނެ ކަމަށާއި އެއްބަސްވުން އިތުރަށް އާ ނުކުރާނެ ކަމަށެވެ.
އެމްބާޕޭ ބުނީ ކްލަބު ދޫކޮށްލަން ވިސްނަނީ އަންނަ ސީޒަނަށް ފަހުގައި ކަމަށެވެ. އެހެންކަމަށް ވާނަމަ، އެމްބާޕޭ އެ ކްލަބު ދޫކޮށްލާނީ ހިލޭ ޓްރާންސްފާ އެއްގައެވެ. އެގޮތް ޕީއެސްޖީން ބޭނުންނުވާ އިރު، ހަބަރުތައް ބުނެފައިވަނީ ޕީއެސްޖީގެ ނަޒަރުގައި އެމްބާޕޭ ވަނީ އެ ކްލަބަށް ބޭވަފާތެރިވެފައެވެ. އަދި އަންނަ ސީޒަނަށްފަހު ހިލޭ ރެއާލް މެޑްރިޑަށް ދާން އެމްބާޕޭ މިހާރު އެއްބަސްވެފައިވާ ކަމަށް ޕީއެސްޖީ ދެކޭ ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.
އެ މައްސަލައިގައި ޕީއެސްޖީން އެމްބާޕޭ ރަސްމީކޮށް ވިއްކަން ޖެހުމާއެކު އެންމެ ބޮޑު ބިޑެއް ކޮށްފައިވަނީ ބޮޑެތި ޓްރާންސްފާތަކެއް ކުރަމުންދާ ސައުދީގެ އަލް-ހިލާލުންނެވެ. 259 މިލިއަން ޕައުންޑްގެ ދުނިޔޭ ރެކޯޑު ބިޑެއް އެމްބާޕޭއަށް އަލް-ހިލާލުން ކޮށްފައިވާ އިރު، އެ ބިޑަށް ޕީއެސްޖީ ވަނީ ރުހިފައެވެ. ނަމަވެސް އެ ބިޑަށް ޕީއެސްޖީން އެއްބަސްވީ އެމްބާޕޭއަށް ޖެއްސުމަށް ކަމަށް މީޑިއާތަކުގައި ބުނެފައިވެއެވެ. އެއީ އެމްބާޕޭ ރެއާލްއަށް ދާން ބޭނުންވެފައި ހުއްޓާ، ޕީއެސްޖީން އެމްބާޕޭގެ ވިސްނުމާ ދެކޮޅަށް އެއްބަސްވި އެއްބަސްވުމެއް ކަމަށްވެސް ނޫސްތައް ބުނެއެވެ.
އަލް-ހިލާލާއި ޕީއެސްޖީގެ ވާހަކަތަކަށް އެމްބާޕޭ އަދި ރަސްމީކޮށް ޖަވާބެއް ދީފައެއް ނުވެއެވެ. ނަމަވެސް އެންބީއޭ ތަރި ޖިއާނީސް އެންޓެޓޮކޫމްޕޯ ކުރި މަޖާ ޓްވީޓަކަށް އެމްބާޕޭ ވަނީ ސަމާސާ ކޮށްލައިފައެވެ. އެމްޓެޓޮކޫމްޕޯ ބުނީ އަލް-ހިލާލަށް އޭނާ ގެންދަން އެދޭ ކަމަށާއި އޭނާ އެމްބާޕޭއާ ވައްތަރު ކަމަށެވެ. އެ ޓްވީޓް އެމްބާޕޭ ރި ޓްވީޓް ކުރީ އެމޯޖީތަކަކާ އެކުގައެވެ.
ޕީއެސްޖީން އެމްބާޕޭ ހިލޭ ދޫކޮށްލަން ބޭނުން ނުވަނީ 2017 ވަނަ އަހަރު އެ ކްލަބުން އޭނާ ހޯދަން ކުރި ބޮޑު ހަރަދުގެ ސަބަބުންނެވެ. އެ އަހަރު މޮނާކޯއިން އެމްބާޕޭ ގެންދަން ޕީއެސްޖީން ވަނީ 165.7 މިލިއަން ޕައުންޑްގެ އަގެއް ދައްކައިފައެވެ. އެމްބާޕޭއަކީ ތާރީހުގައިވެސް ދެވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. އެ ފަހުން ޕީއެސްޖީއަށް ކުޅުނު މެޗުތަކުގައި އެމްބާޕޭ ވަނީ ކްލަބު ރެކޯޑު 212 ގޯލު ޖަހައިދީފައެވެ.
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ